ފްރާންސް ލީގުގައި ޕީއެސްޖީ ކުޅޭ ފުރަތަމަ މެޗާ ކުރިމަތިލާއިރު އެޓީމަށް އޮތް ހުރަހަކީ ކޯވިޑް-19 ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ލީގުގައި މާދަމާރޭ ލެންސް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުނީ މިހާތަނަށް ޕީއެސްޖީ ހަތް ކުޅުންތެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ޓީމުގެ ތަމްރީންތަކުން އެކަހެރި ކުރެވިފައިވާކަމަށެވެ. އޭގެތެރޭގައި ކިލިއަން އެންބާޕޭ އާއި އެންޖަލް ޑިމާރިޔާގެ އިތުރުން ނޭމާ ހިމެނެއެވެ. މުހިއްމު ކުޅުންތެރިންނާނުލައި ނުލާ މެޗާ ކުރިމަތިލާން ދަތިތަކެއް ހުރިކަމަށް ހުސްވި ސީޒަނުގެ ވެސް ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ. ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުންދާ އެޓީމުގެ ހަތް ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި އުއްމީދަކީ ބަލިން ފަސޭހަވެ އަވަހަށް އެ ކުޅުންތެރިންނަށް ތަމްރީންތަކުގައި ބައިވެރިވުންކަމަށް ޓުޗެލް ބުންޏެވެ.
މިދިޔަ މަހު ޗެމްޕިއަންސް ލީގު ފައިނަލު ކުޅެފައި އެއްވެސް ތަމްރީން މެޗެއް ކުޅުމެއް ނެތި މިހާލަތުގައި ލީގުގެ ފުރަތަމަ މެޗަށް ނުކުންނަން ޖެހެމުން އުނދަގޫތަކެއް އެބަހުރިކަމަށްވެސް ޕީއެސްޖީގެ ކޯޗު ބުންޏެވެ. މެޗަށް އެންމެ ފަހުން ތައްޔާރުވީ ކުދި ގުރޫޕްތަކަށް ޓީމު ބަހާލައިގެން ކަމަށް ޓުޗެލް ބުންޏެވެ.
އޭނާ ބުނީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ކުޅުންތެރިންގެ ސިއްހަތު މާބޮޑަށް މުހިއްމު ކަމަށެވެ. ފްރާންސް ލީގުގައި މިރޭ ޕީއެސްޖީ ފުރަތަމަ މެޗަށް ނުކުންނައިރު ލެންސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ނައިސް އަތުން ބަލިވެފައެވެ.