އިނގިރޭސި ކުލަބު ޓޮޓްނަމަށް އިތުރު ފޯވާޑެއް ބޭނުންވާކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިޔޯ ބުނެފިއެވެ.
މާދަމާ ލީގުގެ ފުރަތަމަ މެޗުގައި އެވެޓަން ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން މޮރީނިޔޯ ބުނީ މިހާރު ތިބި ދެކުޅުންތެރިން އަނިޔާ ވެއްޖެނަމަ ކުލަބުގައި ރަނގަޅު ފޯވާޑެއް ނެތްކަމަށާއި އޭނާ ބޭނުންވާ ފަދައިން ކުލަބަށް ވެސް އިތުރު ފޯވާޑެއްގެ މުހިންމުކަން އިހްސާސްވާކަމަށެވެ. އޭނާ ބުނީ ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން ރަނގަޅު ފޯވާޑެއް ލިބޭނެކަމަށް ގަބޫލްކުރާކަމަށެވެ.
މޮރީނިޔޯ ބުނީ މި ޓްރާންސްފާ މިހާތަނަށް ކުލަބާ ގުޅުނު ކުޅުންތެރިންނާމެދު އޭނާ ހިތްހަމަޖެހޭކަމަށެވެ. މޮރީނިޔޯ ވަނީ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމާ ގުޅޭގޮތުން ކުލޮޕް ދެއްކިވާހަތަކަށް ތާއިދުކޮށްފައެވެ. އޭނާ ބުނީ ޓޮޓްނަމަކީ ވެސް އެފަދަ ފެންވަރަށް ހަރަދު ކުރެވޭނެ ކުލަބެއް ނޫންކަމަށާއި ކޮންމެ ކުލަބަކުން ވެސް ކުޅުންތެރިން ހޯދަމުން ދަނީ އެކުލަބެއްގެ ފެންވަރުންކަމަށެވެ. ހުރިހާވެސް އެއްޗަކީ ކުރާ ބުރަ މަސައްކަތާއި ހޭދަކުރާ ވަގުތުކަމަށް މޮރީނިޔޯ ވަނީ ބުނެފައެވެ.