ޚަބަރު

ލިވަޕޫލް މޮޅުވާން ހައްގު: ބިއެލްސާ


ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ނަސީބު ދެރަކަމުން ކަމަށާއި ލިވަޕޫލް މެޗުން މޮޅުވާން ހައްގުކަމަށް ލީޑްސް ޔުނައިޓުގެ ކޯޗު މާސެލޯ ބިއެލްސާ ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބިއެލްސާ ބުނީ މެޗުން ބަލިވީ ލިވަޕޫލުން މެޗުގެ ފަހު ވަގުތުގައި ދެއްކި ވަރުގަދަ ކުޅުމުގެ ސަބަބުންކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ދިޔަނަމަވެސް ފަހު ހާފްގައި ޓީމުގެ ފަހަތުންނާއި ކުރިޔަށް ކުޅޭ ކުޅުންތެރިންނަށް އުނދަގޫތަކެއް ދިމާވިކަމަށް 16 އަހަރުފަހުން އަލުން ލީޑްސް ޔުނައިޓެޑު ޕްރިމިއަރ ލީގަށް ގެނައި ބިއެލްސާ ބުންޏެވެ.

އޭނާ ބުނީ މެޗުގައި ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅުކަމަށާއި ނަމަވެސް ބަލިވުމުން ހިތްހަމަނުޖެހޭ ކަމަށެވެ. ބިއެލްސާ ބުނީ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުންކަމަށެވެ. ބައިކޮޅަށް ވަތް ލަނޑުގެ އަދަދު ތަންކޮޅެއް ގިނަކަމަށާއި އެއަދަދު މަދުކުރެވޭނެކަމަށް އާޖެންޓީނާގެ މައްޝޫރު ކޯޗު ބުންޏެވެ.

މާކް ވިޑޫކާގެ ހަތަރު ލަނޑާއެކު ހަމަ މިނަތީޖާއިން 2000 ވަނަ އަހަރު ލީޑްސް ޔުނައިޓެޑުން ވަނީ ލިވަޕޫލް ބަލިކޮށްފައެވެ. ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕްލެސުން ވަނީ ސައުތެމްޓަނާއި ވާދަކޮށް 0-1 އިން މޮޅުވެފައެވެ. އަދި ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ނިއުކާސަލް ވަނީ ވެސްޓްހަމްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ.