ޕީއެސްޖީއަށް ކުރިމަތިވެގެން އުޅެނީ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުގެ ނުތަނަވަސްކަން ކަމަށް ފްރާންސްގެ އޮލިމްޕިކް މާސޭގެ ކޯޗު އަންދްރޭ ވިލަސް ބޮއާސް ބުނެފިއެވެ.
އޮލިމްޕިކް މާސޭގެ ކޯޗު އަންދްރޭ ވިލަސް ބޮއާސް ބުނީ އަދިވެސް ޕީއެސްޖީގެ ކުޅުންތެރިން ތިބީ މިދިޔަ މަހުގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވުމުގެ މާޔޫސްކަމުގައި ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗު އެހާ ހުނޫވުގެން ދިޔައީ އެސަބަބާ ހުރެކަމަށާއި ޕީއެސްޖީގައި ކިތަންމެ ފައިސާއެއް ހުއްޓަސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ފަސޭހަ ނުވާނެކަމަށެވެ. ސީޒަނުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ޕީއެސްޖީގެ ކޯޗާ ގުޅޭ ގޮތުން ބޮއާސް ބުނީ ސީޒަނާ ކުރިމަތިލިއިރު ވެސް ޓުޗެލް ހުރީ ޗެމްޕިއަންސް ލީގު ގެއްލުމުން އެކަމުގެ ޕްރެޝަރުގައި ކަމަށެވެ.
ޗެލްސީގެ ކުރީގެ ކޯޗު ބުނީ ޕީއެސްޖީގެ ކޯޗުކަމުގެ ވަޒީފާއަކީ ފަސޭހަކަމެއް ނޫންކަމަށާއި މާޒީގައި އެޓީމާ ހަވާލުވި މަޝްހޫރު ކޯޗުންގެ ތަޖުރިބާއިން އެކަން ފެންނަކަމަށެވެ. މެޗުގައި ހަމަނުޖެހުން ބޮޑުވެގެން ދިޔައީ މާސޭގެ ކުޅުންތެރިޔަކު ނޭމާ އާ ނަސްލީގޮތުން ދިމާ ކުރުމުން ނޭމާ އެކުޅުންތެރިޔާގެ ބޮލުގައި އަތުން ޖެހުމުންނެވެ. މި ހަމަނުޖެހުންތަކުގައި ނޭމާ ހިމެނޭގޮތައް ޕީއެސްޖީގެ ތިން ކުޅުންތެރިޔަކާ މާސޭގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ބޮއާސް ބުނީ ކުޅުންތެރިންގެ މެދުގައި ދެކެވުނު ވާހަކަތަކެއް އޭނާ އަށް ނޭނގޭކަމަށާއި ނަސްލީ ގޮތުން ދިމާކުރުން ފަދަ ދަށު ދަރަޖައިގެ އަމަލެއް ހިނގާފައިވާނަމަ އޭނާގެ ކުޅުންތެރިޔަކަސް އަދަބު ލިބެންޖެހޭނެކަމަށެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި މެޗުތަކުގެ ތެރެއިން 20 މެޗަށްފަހު މިއީ މާސޭއަށް ޕީއެސްޖީގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެއެވެ. އަދި މިއީ ވޭތުވެދިޔަ 36 އަހަރު ތެރޭގައި ލީގުގެ ފުރަތަމަ ދެމެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެއެވެ.