ކުޅިވަރު

ޑަބްލިއުއެސްއޭ ކުޅުދުއްފުށި ބެޑްމިންޓަން ޗެލެންޖްގެ ޗެމްޕިއަންކަން ބެޓެލް ޑޯއާއި ޝޯޓް ކަޓްސް ހޯދައިފި


ހދ.ކުޅުދުއްފުށީގެ ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން އެ ރަށުގައި ކުރިޔަށްގެންދިޔަ ބެޑްމިންޓަން ޗެލެންޖްގެ ޗެމްޕިއަންކަން ޝޯޓް ކަޓްސް އަދި ބެޓެލް ޑޯ ހޯދައިފިއެވެ.

ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބެޓެލް ޑޯ ހޯދީ ފައިނަލްގައި ލޮބާސްގެ މައްޗަށް ތިން ގޭމު ދެ ގޭމުން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޝޯޓް ކަޓްސް ހޯދީ ވުޑް ޝޮޓް ތިން ގޭމުން ދެ ގޭމުން ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ނިމުމާއެކު ޗެމްޕިއަން ޓީމަށް ވަނީ މެޑަލްއާ ޗެމްޕިއަން ޓްރޮފީއާ ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.

މިދިޔަ އަހަރުން ފެށިގެން ހދ.ކުޅުދުއްފުށީގައި ބާއްވަމުން އަންނަ މި މުބާރާތަކީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އާއި ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މި މުބާރާތުގައި އަންހެން ތިން ޓީމަކާއި ފިރިިހެން ބާރަ ޓީމެއް ވާދަކުރިއެވެ. އެގޮތުން ޖުމްލަ ފަނަރަ ޓީމާއެކު ނުވަދިހަ ކުޅުންތެރިން މި މުބާރާތުގައި ކުޅެފައިވާކަމަށް ޑަބްލިއުއެސްއޭއިން މަޢުލޫމާތުދެއެވެ.