ކުޅިވަރު

ޝަމްރޮކް ރޯވާސްގެ މައްޗަށް ހޯދުނީ އުނދަގޫ މޮޅެއް: އޭސީ މިލާންގެ ކޯޗު


ޔުއެފާ ޔުރޮޕާ ލީގުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ނޯވޭގެ ޝަމްރޮކް ރޯވާސް ވާދަކޮށް ލިބުނީ އުނދަގޫ މޮޅެއްކަމަށް އޭސީ މިލާންގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފިއެވެ.

ޕިއޯލީ ބުނީ ދަނޑުމަތީގައި ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށާއި މި މޮޅަކީ މޮޅަށް ކުޅެގެން ހޯދި އުނދަގޫ މޮޅެއްކަމަށެވެ. އަޔަލެންޑްގެ ޑުބްލިންގައި ކުޅުނު މެޗު އޭސީ މިލާން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕިއޯލީ ބުނީ މެޗުގައި އިދިކޮޅު ޓީމުން ވަރަށް މަސައްކަތްކުރި ކަމަށާއި ޔުރޮޕާ ލީގަށް އޭސީ މިލާން ކޮލިފައި ނުވެއްޖެނަމަ ހުސްވި ސީޒަންގައި ކުރީ ބޭކާރު މަސައްކަތަކެއް ކަމަށް މެޗު ކުރިންވެސް ކުޅުންތެރިންނަށް ހަނދާން ކޮށްދިންކަމަށެވެ. އޭނާ ބުނީ މޮޅުވުން އެއީ ކަނޑައެޅި އަމާޒު ކަމަށާއި އެކަން ހާސިލުވެއްޖެ ކަމަށެވެ.

އޭނާ ބުނީ މުބާރާތުގައި ކުރިޔަށް އޮތް ބުރުގައި ޖެހޭނީ މިއަށްވުރެ މާ ވަރުގަދަ ޓީމަކާ ކަމަށާއި ނޯވޭ ލީގުގައި އެޓީމު އުޅެނީ މާ ތާފަތު ބޮޑުކޮށް ކަމަށެވެ. ކޮލިފައިންގެ ތިންވަނަ ބުރުގައި މިލާން ވާދަކުރާނީ ނޯވޭގެ ބޯޑޯ ގިލްމިޓްއާއެވެ. ޕިއޯލީ ބުނީ އަބަދުވެސް މެޗުތަކަށް ނުކުންނައިރު ޕްރެޝަރު އޮންނަ ކަމަށާއި މެޗާ ކުރިމަތިލާނީ ކާމިޔާބު ހޯދުމުގެ ރޫހުގައި ކަމަށެވެ.