ޖަރުމަނު ބުންޑެސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޝާލްކޭ ކޮޅަށް 8 ލަނޑު ޖަހައިފިއެވެ.
ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-8 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއަކީ ބުންޑެސް ލީގުގެ އައު ސީޒަނެއްގެ ފުރަތަމަ މެޗުގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސާޖް ގްނަބްރީ ވަނީ ލަނޑެއް ޖަހާ ބަޔާނަށް ލީޑު ނަގައިދީފައެވެ. ބަޔާން މިއުނިކުން މެޗުގައި ޖެހި ދެވަނަ ލަނޑު ނަވާރަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ލެއޯން ގޮރެޓްޒްކާއެވެ. އަދި މެޗުގެ ތިރީސް އެއްވަނަ މިނެޓުގައި ބަޔާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރޮބާޓް ލެވަންޑޯސްކީ ވަނީ މެޗުގެ ނަތީޖާ 0-3 އަކަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސާޖް ގްނަބްރީ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ ފަންސާސް ނުވަވަނަ މިނެޓުގައި ގްނަބްރީ ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. ބަޔާންގެ ހަ ވަނަ ލަނޑު ޖެހީ ތޯމަސް މުލާއެވެ. އަދި ހަތް ވަނަ ލަނޑު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ ދޫކޮށް ބަޔާނާ ގުޅުނު ލެރޯއި ސާނޭއެވެ. މިއީ ސާނޭ ބަޔާނަށް ޖަހައިދިން ފުރަތަމަ ލަނޑެއެވެ.
ބަޔާންގެ ފަހު ލަނޑު ޖެހީ އިންގްލެންޑްގެ 17 އަހަރުން ދަށުގެ ކުޅުންތެރިޔާ ޖަމާލް މުސިއާލާއެވެ. އޭނާ އަކީ ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ލީގުގައި ބަޔާނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
ޖަރުމަނު ބުންޑެސް ލީގުގެ ކުޅުން ފަށާފައިވާއިރު ކޯވިޑް-19ގެ ސަބަބުން މެޗުތައް ކުރިޔަށްގެންދަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ކޯވިޑް-19ގެ ކޭސްތައް މަދުނަމަ ވަކި އަދަދަަކަށް ސަޕޯޓަރުން ވައްދަން ހުއްދަ އޮވެއެވެ.