ކުޅިވަރު

ކޮންމެ ތިން ދުވަހަކުން މެޗު ކުޅޭހާ ކުޅުންތެރިންނެއް ޓީމަކު ނެތް: ގާޑިއޯލާ


މެންޗެސްޓަރ ސިޓީގައި ކޮންމެ ތިން ދުވަހަކުން މެޗު ކުޅޭނެހާ ކުޅުންތެރިން ޓީމުގައި ނެތްކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ވިދިވިދިގެން 10 ވަނަ ސީޒަނުގައި ލީގުގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ވާހަކަ ދައްކަމުންނެވެ. ގާޑިއޯލާ ބުނީ ލީގު ކަޕް ވިދިވިދިގެން ތިން ފަހަރު އޭނާގެ ޓީމުން ހޯދައިފި ކަމަށާއި އަދިވެސް އެ މުބާރާތް ސިޓީން ކާމިޔާބުކުރުން މުހިންމުކަމަށެވެ. އެކަމަކު މިހާރުގެ ހާލަތު ތަފާތުކަމަށާއި އޭނާގެ ޓީމުގައި އެވަރަށް ކުޅުންތެރިންނެތް ކަމަށް ވުލްވްސް އަތުން 3-1 އިން ހޯދި މޮޅަށްފަހު ވާހަދައްކަމުން ބުންޏެވެ.

އޭނާ ބުނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ލީގު ކަޕުގައި ބޯންމައުތާދެކޮޅަށް ނެގީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އެކަޑަމީގެ ޓީމެއް ކަމަށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ބުނީ މެޗަށް ނުކުންނަ އިރުވެސް ވޮލްވްސް ޓީމުގެ އުނދަގުލާ ކުރިމަވާނެކަން އެނގޭކަމަށާއި އޭނާގެ ޓީމުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. ގާޑިއޯލާ ބުނީ ފެށުން ރަނގަޅު ކުރެވިއްޖެކަމަށާއި ބައެއްފަހަރު އެންމެ މޮޅުކުޅުން ދެއްކުމަށް ވަގުތު ނަގާކަމަށެވެ. ދެހަފްތާގައި ކުރި މަސައްކަތައް ބަލާފައި ޓީމުގެ ނަތީޖާ ގޯސް ނޫންކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ބުންޏެވެ.