ކުޅިވަރު

ޓޮޓްނަމް ޔުރޮޕާ ލީގަށް ކޮލިފައިވުމާއި ގާތަށް، މޮރީނިއޯ ހިތްހަމަޖެހިފަ


ޔުރޮޕާ ލީގުގެ ޕްރިލިމިނަރީ ކޮލިފައިން ބުރުގައި މެސެޑޯނިޔާގެ ޝެކިންޖާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށް މުބާރާތަށް ކޮލިފައިވުމާ ގާތަށް ޓޮޓްނަމް ޖެހިލައިފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން ހާސިލުކުރެވުމުން އުފާވާކަމަށެވެ. މުބާރާތުގައި ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ރަށުން ބޭރުގައި ކުޅެ މޮޅުވުމުން އެއީ ލިބުނު ބޮޑު ހިތްހަޖެހުމެއް ކަމަށް މޮރީނިއޯ ބުންޏެވެ. މެޗު އެއްވަރުވާން ދަނިކޮށް ޓޮޓްނަމުން ދެ ލަނޑު ކާމިޔާބުކުރުމުން ހާސްކަން ފިލައިދިޔަ ކަމަށް މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ދެވަނަ ހާފްގައި ގެނައި ބައެއް ބަދަލުތަކާއެކު އުނދަގޫވެގެން ދިޔަކަމަށެވެ. އަބަދުވެސް އޭނާގެ ޓީމުގެ ކުޅުންތެރިން ބެންޗުން އަރައި ކުޅުންތެރިންގެ މަސައްކަތް ރަނގަޅުކަމަށް މޮރީނިއޯ ބުންޏެވެ. މެޗުގައި ތަފާތަކަށް ވީ ބަދަލުގައި އެރި ކުޅުންތެރިންކަމަށް މޮރީނިއޯ ބުންޏެވެ.

މުބާރާތުގައި ކޮލިފައިންގެ ފަހު މެޗުގައި ޓޮޓްނަމް ވާދަކުރާނީ އަމިއްލަ ދަނޑުގައި އިސްރާއިލްގެ މެކާބީ ހައިފާ ދެކޮޅަށެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެއެވެ.