ކުޅިވަރު

ވެސްޓް ހޭމް އާއި ވުލްވްސް ކުޅޭ މެޗު މޮއިސް މެނޭޖުކުރާނީ ގޭގައި ހުރެގެން


ވެސްޓްހޭމްއާއި ވުލްވްސް ކުޅޭ މެޗު ޑޭވިޑް މޮއިސް މެނޭޖުކުރާނީ ގޭގައިހުރެގެންކަމަށް ވެސްޓްހޭމްގެ އެސިސްޓަންޓް ކޯޗު އެލަން އިރްވިން ބުނެފިއެވެ.

ވެސްޓް ހޭމުން އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސްގެ އިތުރުން ދެ ކުޅުންތެރިން ކަމަށްވާ އީސާ ޑިއޮޕްއާއި ޖޯޝް ކުލެން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން ހާމަކޮށްފައެވެ.

އެއާއެކު ވެސްޓްހޭމުން އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ހަލް ސިޓީ ބަލިކުރި މެޗުގެ ކުރިން އެ މީހުން ވަނީ ވަގުތުން ހޯމް-އައިސޮލޭޝަނަށް ފޮނުވާލާއެވެ. އަދި މި ތިން މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން އުސޫލުގެ ދަށުން 10 ދުވަސް ސެލްފް-އައިސޮލޭޝަނުގައި ހޭދަކުރާނެ ކަމަށް ވެސްޓް ހޭމުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ވެސްޓްހަމް ކުޅޭ މެޗުގައި ކޯޗަކަށް ހުންނާނީ އެލަންއެވެ. ނަމަވެސް އެލަން ބުނެފައިވަނީ ހުރިހާ ކަމެއްވެސް ކުރިޔަށް ދާނީ ކޯޗު މޮއިސް ގެ އިރުޝާދުގެ ދަށުންކަމަށެވެ.

ވެސްޓްހަމް އިން ބުނީ ތިން މީހުންގެ ގައިން ވެސް ކޯވިޑް-19 އެއްވެސް އަލާމާތެއް ނުފެންނަ ނަމަވެސް ތިން މީހުން ވެސް އަދިވެސް ތިބީ އެކަހެރިވެގެން ގޭގަ ކަމަށެވެ.