މިދިޔަ ފެބްރުއަރީ މަހުގައި އެފުރިކާ ބައްރަށް ކޯވިޑް-19 ފޯރުމުން، އެ ސަރަޙައްދުގެ ޤައުމުތަކުގެ ޢާންމު ޞިއްޙަތުގެ ނިޒާމުގެ ޙާލަތާއި ތަހުލީލުކުރުމުގެ ޤާބިލުކަން ހުރި މިންވަރާއި ގެދޮރުނެތި ދިރިއުޅޭ މީހުންގެ ޢަދަދު ގިނަވުމުގެ ސަބަބުން ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެކަމަށް ޞިއްޙީ މާހިރުންވަނީ އަންދާޒާކޮށްފައެވެ. އެޝިޔާއާއި ވިލާތުގެ މުއްސަނދި ޤައުމުތަކުގެ ޙާލަތުވެސް އެ ބައްޔެއްގެ ސަބަބުން ގޯސްވަމުން ދިޔަ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް މި އަހަރުގެ ތެރޭގައި އެފުރިކާގައި 300،000އަށްވުރެ ގިނަ މީހުން މަރުވާނެކަމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އދ.އިންވަނީ ބުނެފައެވެ.
މެއި މަހުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާކާމިޔާބުވެއްޖެނަމަ އެފުރިކާ ބައްރުން 190،000 މީހުން މަރުވެދާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް ދުނިޔޭގައި ކޯވިޑް-19 ޖެހިގެން އެއް މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެފުރިކާގެ ޙާލަތު ކުރިން އަންދާޒާކުރިހާ ގޯސްވެފައެއް ނުވެއެވެ. އެހެން ބައްރުތަކާއި އަޅާ ބަލާއިރު އެފުރިކާ ބައްރުން މަރުވި މީހުންގެ ޢަދަދު ނިސްބަތުން ދަށެވެ.
އެފުރިކާ ބައްރުގައި މިހާތަނަށް 1.4 މިލިއަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން މަރުވެފައިވަނީ ގާތްގަނޑަކަށް 35،000 މީހުނެވެ. އެއީ ބަލިޖެހިފައިވާ މީހުންގެ 2.4 އިންސައްތައެވެ. އުތުރު އެމެރިކާގެ ސަރަޙައްދުތަކުގައި އެ ނިސްބަތްހުރީ 2.9 އިންސައްތައިގައެވެ. އަދި ވިލާތުގައި އެ ނިސްބަތްހުރީ 4.5 އިންސައްތައިގައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޤައުމުކަމަށްވާ އިޓަލީވިލާތުގައި ބަލިޖެހުނު މީހުންގެ 11.6 އިންސައްތަ މީހުންވަނީ މަރުވެފައެވެ.
އިނގިރޭސިވިލާތުގައި މަރުވެފައިވާ މީހުންގެ ނިސްބަތްހުރީ 9 އިންސައްތައިގައެވެ. ނަމަވެސް އެފުރިކާ ބައްރުގެ އިތިއޯޕިއާގައި އެ ނިސްބަތް ހުރީ 1.6 އިންސައްތައިގައެވެ. އެ ސަރަޙައްދުން އެންމެ ބޮޑަށް ބަލިފެތުރިފައިވާ ނައިޖީރިއާގައި އެ ނިސްބަތް 1.9 އިންސައްތައިގައި ހުރި އިރު ދެކުނު އެފުރިކާގައި އެ ޢަދަދު ހުރީ 2.4 އިންސައްތައިގައެވެ. އެފުރިކާގެ ޤައުމުތަކުގެ ހަސްފަތާލުތަކުގައި ޙާލު ދެރަވުމުގެ ސަބަބުން އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދުވެސްދަނީ މަދުވަމުންނެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕުރޮފެސަރެއްކަމަށްވާ ރާޝިދާ ފެރަންޑު ވިދާޅުވީ އެފުރިކާގެ ޙާލަތު އޮތްގޮތަށް ބެލުމުން ވިލާތުގެ ޤައުމުތަކުގައި ޙާލަތު ގޯސްވި މިންވަރަށް އެފުރިކާގެ ޙާލަތު ނުވެއްޓޭނެކަމަށް ބެލެވޭކަމަށެވެ. ބަލިޖެހޭ މީހުންގެ ޢަދަދާއި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް އެފުރިކާގައި އަންދާޒާކުރި މިންވަރަށްވުރެ ދަށެވެ.
ބައެއް މާހިރުން ބުނީ އެފުރިކާގައި ތަހުލީލުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ފާހަގަނުވެ ހުރުން އެކަށީގެންވާކަމަށެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފުރިކާ ބައްރަކީ ތަހުލީލުކުރާ މިންވަރު އެންމެ ދަށް އެއް އާބާދީއެވެ.
މި އަހަރުގެ މެއި މަހުގެ ކުރީ ކޮޅުން ފެށިގެން ޖުލައި މަހުގެ މެދާކާއި ހަމައަށް އާންމުކޮށް މަރުވާ މީހުންގެ ޢަދަދަށްވުރެ 17،000 މީހުން އެފުރިކާ ސަރަޙައްދުގައި އިތުރަށް މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ގާތްގަނޑަކަށް 59 އިންސައްތައިގެ އިތުރުވުމެކެވެ. ރަސްމީ ޢަދަދުތަކަށްވުރެ މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު އިތުރުކަން އެ ހިސާބުތަކުން ދޭހަކޮށްދެއެވެ. ނަމަވެސް އެ ޢަދަދުވެސް ކުރިން އަންދާޒާކުރި ޢަދަދުތަކާ ގާތްވެސް ނުކުރެއެވެ. ސައިންސުވެރިންނާއި ޢާންމު ޞިއްޙަތާބެހޭ މާހިރުންވަނީ އޭގެ ސަބަބެއްކަމުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.
އާބާދީގައި ޒުވާނުން ގިނަވުން
އެފުރިކާ ސަރަޙައްދުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނަށްވުމަކީ އޭގެ އެއް ސަބަބުކަމުގައިވުން އެކަށީގެންވެއެވެ. 2019ވަނަ އަހަރު އދ. އިން ތައްޔާރުކުރި ދިރާސާއެއްގައި ބުނީ އެ ސަރަޙައްދުގެ އާބަދީގެ 62 އިންސައްތަ ޙިއްޞާކުރަނީ 25 އަހަރުން ދަށުގެ ޒުވާނުންނާއި ކުޑަކުދިންކަމަށެވެ. އުމުރުން 65 އަހަރުން މަތީގެ މީހުން ޙިއްޞާކުރަނީ އާބާދީގެ އެންމެ 3 އިންސައްތައެވެ. އޭގެ ބަދަލުގައި ވިލާތާއި އުތުރު އެމެރިކާ ސަރަޙައްދުގައި 25 އަހަރުން ދަށުގެ ޒުވާނުންނާއި ކުޑަކުދިން ޙިއްޞާކުރަނީ އާބާއީގެ 28 އިންސައްތައެވެ. އުމުރުން 65 އަހަރުން މަތީގެ މީހުން އާބާދީގެ 18 އިންސައްތައަށްވުރެ ބޮޑު ބައެއް ޙިއްޞާކުރެއެވެ.
އެ ބައްރުގައި މީގެކުރިން ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން ފިލާވަޅު ދަސްވެފައިވުންވެސް އެކަށީގެންވެއެވެ. އެގޮތުން 2013ވަނަ އަރަހާއި 2016ވަނަ އަހަރާ ދެމެދު ނުރައްކާތެރި އީބޯލާ ބަލިމަޑުކަމާއި އެފުރިކާގެ ގިނަ ޤައުމުތަކުންވަނީ ކުރިމަތިލައިފައެވެ. އެހެންކަމުން އައު ބަލިމަޑުކަމެއް ދުނިޔޭގައި ފެތުރެން ފެށުމުން އެފުރިކާގެ ސަރުކާރުތަކުންވަނީ އެކަން އަވަހަށް ފާހަގަކޮށް ހުށިޔާރުވެފައެވެ. ޤައުމުތަކުންވަނީ ވައިގެ ބަނދަރުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަނެ، ބަލީގެ އަސަރު ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ދަތުރުތައް މެދުކަނޑާލައިފައެވެ. އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކާއި މާސްކު އެޅުމުގެ ފިޔަވަޅުތައް ތަޢާރަފުކުރިއެވެ.
އެފުރިކާއަށް ކޯވިޑް-19 ފޯރުމަށް އެހެން ޤައުމުތަކަށްވުރެ ގިނަ ދުވަސް ނަގާފައިވާތީ ބަލިމަޑުކަމަށް ތައްޔާރުވުމަށްވެސް އެފުރިކާގެ ސަރުކާރުތަކަށް ވަގުތު ލިބުނެއެވެ. އެފުރިކާގެ ގިނަ ޤައުމުތަކަކަށް ބައިނަލްއަޤްވާމީ ވައިގެ ދަތުރުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި، އެތެރޭގެ ސަރަޙައްދުތަކުގެ ދެމެދުގައި ދަތުރުކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން އެފުރިކާގައި ބަލި ފެތުރުމަށް ގިނަ ވަގުތު ނެގީކަމަށްވުން އެކަށީގެންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.
އެފުރިކާ ބައްރަށް ނިސްބަތްވާ ގިނަ ޤައުމުތަކުގެ ކުދިންނަށް ޤަވާއިދުންދޭ ޓީބީ ވެކްސިނެއްކަމަށްވާ ބީސީޖީ ވެކްސިންގެ ސަބަބުން ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދު ދަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ސައިންސުވެރިން ޤަބޫލުކުރެއެވެ. ބީސީޖީ ވެކްސިނުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބައެއް އެހެން ބަލިތަކާ ދެކޮޅަށް ރައްކާތެރިކަން ލިބިފައިވާކަމަށް މީގެ ކުރިންވަނީ ފާހަގަވެފައެވެ. ސައިންސުވެރިން ކުރި ދިރާސާއަކުން ބީސީޖީ ވެކްސިންދޭ މިންވަރު މަތި ޤައުމުތަކުގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދު ދަށްކަމަށްވެސްވަނީ ފާހަގަވެފައެވެ. އެ ދާއިރާދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޯވިޑް-19 ނިސްބަތްވާ ކޮރޯނާވައިރަސް ޢާއިލާގެ އެހެން ވައިރަސްތަކަށް އެފުރިކާގެ ރައްޔިތުން މީގެ ކުރިން ހުށަހެޅިފައިވުމަކީވެސް އެކަށީގެންވާކަމެކެވެ. އެގޮތުން އާދައިގެ ރޯގާ ޖައްސާ ކޮރޯނާވައިރަހުގެ ސަބަބުން ހަށިގަނޑުގައި ދިފާޢުއެއް އުފެދިފައިވުން އެކަށީގެންވާކަމަށް ސައިންސްވެރިން ބުނެއެވެ.
މިއިން އެއް ސަބަބާހެދި އެފުރިކާގައި މީހުން މަރުވާ ޢަދަދު ދަށްވުމަށްވުރެ ގާތީ ގިނަ ސަބަބަތަކާއި ހުރެ އެފުރިކާގެ ޙާލަތު ހީކުރި ވަރަށް ގޯސްނުވެ އޮތުމެވެ. ކުރީގެ ތަޖުރިބާގެ މައްޗަށާއި މިހާރުގެ ޙާލަތުގެ މައްޗަށް ބަލައި އެފުރިކާ ފަދަ ސަރަޙައްދެއްގެ ޙާލަތު ވަރަށް ގޯސްވާނެކަމަށް މުޅި ދުނިޔެއަށް ޤަބޫލުކުރެވިފައިވާ ވަގުތެއްގައި، ކޯވިޑް-19ގެ ސަބަބުން އެފުރިކާއާ މެދު މީހުން ދެކޭގޮތް ބަދަލުވުމަށް ފުރުޞަތެއް ލިބިފައިވާކަމަށް އެފުރިކާގެ ގިނަ ބަޔަކު ދެކެއެވެ.