ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން އަށާރަހާހަށްވުރެ ގިނަ މީހުން މިހާތަނަށް ސަރުކާރުންވަނީ ފޮނުވާލާފައެވެ. މިއަދުވެސް ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 200 މީހުން އަނބުރާ ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާޢިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފެށިތަނާހެން ކުރިމަތިވި ކޯވިޑް-19ގެ ޙާލަތާއެކު މިމަސައްކަތަށް ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވިއެވެ. އެހެންނަމަވެސް މިޙާލަތުގައިވެސް މިމަސައްކަތް ހުއްޓުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ ތެރެއިންވެސް އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސަބުތައް ދައްކާގޮތުން މިހާތަނަށް އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލުމަށް އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަށާރަހާސް ނަވާރަ ބިދޭސީއަކުވަނީ ޤައުމަށް ފޮނުވާލާފައެވެ.
ކޯވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިހާރު ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެހީގައި ޤައުމަށް އަނބުރާ ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަނީ ހަމައެކަނި ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ. ބަންގްލަދޭޝަށް ނިސްބަތްވާ މީހުންގެ ތެރެއިން ނުވަހާސް އެއް ސަތޭކަ ނުވަ މީހަކުވަނީ މިއޮޕަރޭޝަނުގައި ފޮނުވާލާފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މޯލްޑިވްސް އިމިގްރޭޝަނާއި ޤައުމީ އެއަރލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މީގެ ކުރިންވަނީ އެކު ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލާފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރަމުންގެންދިޔަ ނޭޕާލް ސްރީލަންކާ އަދި ފިލިޕިންސް ތައިލެންޑް އިންޑޮނޭޝިއާ އިންޑިއާއަށް ނިސްބަތްވާ މީހުން މީގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ލިޔެކިޔުމެއްނެތި ތިބި މީހުންގެ ތެރެއިން ވިހި ހާސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު ފަސްދޮޅަސް ހާހަށް ވުރެ ގިނަ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ގަވާއިދާ ޚިލާފަށް ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ބިދޭސީންގެ މައްސަލަ ބޮޑުވެ މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ އެމީހުން ނިސްބަތްވާ ޤައުމުތަކާ ގުޅިގެން އެމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖެއަށް އެތެރެވުމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސާ އެކަމަށް ޚާއްސަ އުސޫލުތައް އަންނަނީ އެކުލަވާލަމުންނެވެ.