ދުނިޔެ

ޓްރަންޕާއި އޭނާގެ އަނބިކަނބަލުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އަނބިކަނބަލުން މެލަނިޔާ ޓްރަމްޕް ކޯވިޑް އަށް ޕޮޒިޓިްވެއްޖެއެވެ. ޑޮނަލްޑު ޓްރަންޕުގެ ދެ ކަނބަލުންނަށް ކޯވިޑް ޖެހުނުކަން އިއުލާންކޮށްފައި މިވަނީ ޓްރަންޕުގެ އެންމެ އަރިސް އެއް ފަރާތްކަމުގައިވާ ހޯޕް ހިކްސްއަށް ކޯވިޑް-19 ޖެހުމުން އަމިއްލައަށް އެކަހެރިވެޑައިގަތުމަށް ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ޓްރަންޕުގެ ރަސްމީ އޮފީހުން ހާމަކޮށްފައިވަނީ ޓްރަންޕްގެ ދެ ކަނބަލުންގެ ހާލުކޮޅުވެސް ރަނގަޅުކަމަށެވެ.

ހޯޕް ހިކްސަށް ކޯވިޑް-19 ޖެހުމުން ރައީސް ޓްރަންޕު ވިދާޅުވީ ހިކްސްއަކީ ވަރަށް ގިނައިން މާސްކު ތުރުކުރައްވާ ބޭފުޅެއްކަމަށާއި އެހެން ނަމަވެސް އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. ރައީސް ޓްރަންޕުގެ އިތުރުން ފަސްޓް ލޭޑީ މެލަނިޔާވެސް ހިކްސާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރައްވާކަމަށް ޓްރަންޕު ވިދާޅުވިއެވެ.

ރައީސް ޓްރަންޕަކީ ކޯވިޑްގެ ނުރައްކާ ކުޑަކަން ދައްކަވަން ފެށުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޓްރަންޕާއި މެލަނިޔާ ޕޮޒިޓިވްވުމުން މި ބަލިމަޑުކަމުގައި ދުނިޔޭގެ އިޤްތިސާދަށާއި ދުނިޔޭގެ ހާލަތަށާއި އެމެރިކާގެ ރައީސް އަލުން އިންތިހާބުވެޑައިގަތުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.

މިއީ އެމެރިކާގެ ރައީސަކު އޭނާގެ ރިޔާސީ ދައުރުގެ ތެރޭގައި މިފަދަ ނުރައްކާތެރި ބައްޔަކާއި ކުރިމަތިލަންވަން ޖެހިވަޑައިގެންނެވި ފުރަތަމަ ފަހަރުއެވެ. އުމުރުފުޅުން 74 އަހަރުގެ ޓްރަންޕް ވެގެންދާނީ މި ބަލިމަޑުކަމުގެ އެންމެ ސީރިއަސް ކެޓަގަރީގެ ތެރޭގައި ހިމެނިވަޑާއިގަންނަވާނެ ބޭފުޅަކަށެވެ.

މިހާތަނަށް އެމެރިކާގައި މި ބަލީގައި ދެ ލައްކަ އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވިކަން އިއުލާންކުރައްވާ ޓްރަންޕް ޓްވިޓަރ ލިޔުއްވާފައިވަނީ އޭނާއާއި ފަސްޓްލޭޑީ މެލަނިޔާ ކޯވިޑަށް ޕޮޒިޓިވްވެއްޖެކަމަށެވެ. އަދި ވީހާ އަވަހަކަށް ބަލިން ސަލާމަތްވެވަޑައިގަތުމަށް މަސައްކަތް ފެށުމުގެ ގޮތުން ކަރަންޓީނު ވެވަޑައިގެންވާނަކަމަށެވެ.

މި ބަލިން އަރާއިގަނެވޭނީ އެންމެ ގުޅިގެންކަމަށްވެސް ޓްރަންޕް ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން ޓްރަންޕްގެ އާއްމުންނަށް ފެނިފައިވަނީ ބުރާސްފަތިދުވަހުގެ މެންދުރުފަހު ނިއު ޖާޒީއަށް ވަޑައިގަތުމަށްފަހު ވައިޓްހައުސްއަށް ވަދެވެވަޑާއިގަންނަވިކޮށެވެ. އޭރު އާލާސްކަންފުޅުގެ ނިޝާނެއް ފާހަގަކުރެވިފައި ނުވާއިރު އެދުވަހު ޓްރަންޕް ނޫސްވެރިންނާއި އެއްވެސް ވަރަކަށް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

މިދިޔަ އަންގާރަދުވަހު އެޤައުމުގައި ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ޓްރަންޕް ވަނީ އޭނާގެ ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަން އަބަދުވެސް މާސްކު އަޅުއްވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް މަލާމަތްކުރައްވާފައެވެ. ޓްރަންޕް ވިދާޅުވީ ކޯވިޑް ވައިރަސް ދެކެ ބިރުން ޖޯ ބައިޑަން އަބަދު ހުންނަވަނީ އެހެން މީހުންނާއި 20 ފޫޓް ދުރުގައި މާސްކު އަޅުއްވައިގެންކަމަށެވެ. މާސްކު އެޅުއްވުމަށް އޭނާވެސް ދެކޮޅު ނުހަދައްވާކަމަށާއި އެހެންނަނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި މާސްކު އެޅުއްވޭގޮތަށް އަބަދުވެސް އަތްޕުޅުގައި މާސްކު ގެންގުޅުއްވާކަމަށްވެސް ޓްރަންޕް ވަނީ ވިދާޅުވެފައެވެ.

ބަލިން ރައްކާތެރިވުމާއި ގުޅޭ ގޮތުން މާސްކު އެޅުމާއި މެދު މީގެކުރިން ޓްރަންޕު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވަމުން ގެންގޮސްފައިވަނީ އެމެރިކާ މީހުންނަކީ މިނިވަން ބައެއްކަމަށާއި އެމީހެއް އިހްތިޔާރުކުރާނެ ގޮތެއް އެނގޭނީ އެމީހަކަށް ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވުމުން ރިޔާސީ އިންތިޙާބަށް ކުރައްވަމުން ގެންދެވި ކެމްޕެއިން ދަތުރުތައް ޓްރަންޕު މިހާރުވަނީ ކެންސަލްކުރައްވާފައެވެ. އަދި ޓްރަންޕް އެކަހެރިވެޑައިގަތުމުން ކުރިއަށް އޮތް ރިޔާސީ ބަހުސްތަކަށް ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.