ދުނިޔެ

ނިއުޒީލެންޑުގެ އޮކްލޭންޑުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަނީ


ކޯވިޑް-19އާ ގުޅިގެން ނިއުޒީލެންޑުގެ އެންމެ ބޮޑު ސިޓީކަމުގައިވާ އޮކްލޭންޑުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި ހަފުތާގެ ތެރޭގައި އުވާލައްވާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑެން އިޢުލާނުކުރައްވައިފިއެވެ.

ނިއުޒީލެންޑުގައި މިހާތަނަށް 1،855 މީހުންނަށް ކޯވިޑް-19ޖެހި 25 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިފެތުރުން މެދުކެނޑިފައި އޮތުމަށްފަހު ބަލީގެ ދެވެނަ ރާޅެއްވަނީ އޮކުލެންޑުގައި ފެތުރެން ފަށައިފައެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެ ސިޓީގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމުން ބޮޑުވަޒީރު އާޑެންވަނީ އެ ސަރަޙައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން 100 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުމާއި ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައްވަނީ ތަންފީޒުކޮށްފައެވެ.

ފާއިތުވި 10 ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހެއް އޮކުލެންޑުން ފެނިފައި ނުވާތީ އެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހުން ފެށިގެން ސަމާލުގެ މިންވަރު އެކަކަށް ދަށްކުރުމަށް ނިންމަވާފައިވާކަމަށް ބޮޑުވަޒީރު އާޑެންވަނީ އިޢުލާނުކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާޑެން ވިދާޅުވީ ބަލިޖެހިފައިވާ 179 މީހުން ފެނުނު ކްލަސްޓާ ނައްތާލެވިފައިވާކަމުގެ ޔަޤީންކަން ވަރަށް ބޮޑުކަމަށެވެ.

ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއު ޒީލެންޑުގައި ބަލިފެތުރޭ މިންވަރު ދަށްކޮށް ބެހެއްޓުމުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީގެ ސަބަބުން މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ޢާންމު އިންތިޚާބުގައި ބޮޑުވަޒީރު އާޑެން ބޮޑު ކާމިޔާބީއެއް ހޯއްދަވާނެކަމަށް ބެލެވެއެވެ.