ފާއިތުވި 10 މަސް ދުވަހު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 މިހާތަނަށް 35.7 މިލިއަން މީހުންނަށްޖެހި އެއް މިލިއަނަށްވުރެ ގިނަ މީހުންވަނީ އެބަލީގައި މަރުވެފައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މި ނުރައްކާތެރި ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ވެކްސިނެއް ހޯދުމަށްދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މި ލިޔުމުގައި މި ބަލާލަނީ ކޯވިޑް-19އާ ގުޅޭގޮތުން ސައިންސުވެރިންނާއި ޞިއްޙީ މާހިރުން ދެއްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށެވެ.
އާންމު ދިރިއުޅުމުގައި ގިނަ ވަގުތަށް މާސްކު ބޭނުންކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި ކޯވިޑް-19ން ރައްކާތެރިވުމަށް މާސްކު ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުމަށް ހުރަސްއެޅެއެވެ. އެދަފަ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސައިންސުވެރިން ވިދާޅުވަނީ މާސްކު ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. ފުއްޕާމޭގެ ބޮޑެތި ބަލިތައް ހުންނަ މީހުންނަށްވެސް މާސްކު ބޭނުންކުރުމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާކަމަށް ސައިންސުވެރިން ބުންޏެވެ.
އެކަން ދިރާސާކުރުމަށް ސައިންސުވެރިންވަނީ ސަރޖިކަލް މާސްކު އަޅައިގެން ހުންނަ ވަގުތު ހަށިގަނޑަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރާއި ހަށިގަނޑުން ކާބޮންޑައިއޮކްސައިޑް ބޭރުވާ މިންވަރު ތަހުލީލުކޮށްފައެވެ. އެ ތަހުލީލުކޮށްފައިވަނީ ޞިއްޙަތު ރަނގަޅު 15ޞިއްޙީ ޚިދުމަތްތެރިންނާއި ކުރިން އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ ފުއްޕާމޭގެ ބޮޑެތި މައްސަލަތައް ހުންނަ 15 މީހުން މާސްކު އަޅުވާ ހަ މިނެޓު ވަންދެން ހިންގުވައިގެންނެވެ. ހިނގަން ފެށުމުގެ ކުރިންނާއި ފަހުން ލޭގައި އޮކްސިޖަނާއި ކާބޮންޑައިއޮކްސައިޑް ހުރި މިންވަރުވަނީ ބަލައިފައެވެ.
ނަތީޖާއިން ދެއްކި ގޮތުން ޞިއްޙަތު ރަނގަޅު ޑޮކްޓަރުން އަދި ފުއްޕާމެޔަށް ގެއްލުން ލިބިފައިވާ މީހުންގެ ހަށިގަނޑުން އޮކްސިޖަނާއި ކާބޮންޑައިއޮކްސައިޑް ބޭރުވާ މިންވަރަށް މާސްކު އެޅުމުން އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން މާސްކު އެޅުމުން ވާ އުނދަގޫތަކަކީ ހަށިގަނޑުން ބޭރުކުރާ ކާބޮންޑައިއޮކްސައިޑް އަނެއްކާވެސް ހަށިގަނޑަށް އެތެރެވުމުގެ ނަތީޖާއަކަށްވުން އެކަށީގެންނުވާކަމަށް ސައިންސުވެރިން ޤަބޫލުކުރެއެވެ. އޭގެ ބަދަލުގައި މާސްކު ބޭނުންކުރާއިރު ކުރެވޭ އުނދަގޫ އިހުސާސުތަކަކީ މޫނުގައި މާސްކު ކޭއްތުމުން މޫނުގެ ނާރުތަކަށްވާ އުނދަގުލެއް ނުވަތަ ނޭވާލާއިރު ކުޑަކޮށް ހޫނުވުމުން ވާ އުނދަގުލަކަށްވުން ގާތްކަމަށް ސައިންސުވެރިން ބުނެއެވެ. އެއީ ބަންދުވެފައި ހުރުމުން ކުރެވޭ އުނދަގޫ އިހުސާސަކަށްވުންވެސް އެކަށީގެންވާކަމަށް ސައިންސުވެރިން ފާހަގަކުރިއެވެ. އެއިން އެއްވެސްކަމަކީ މީހާއަށް ގެއްލުމެއް ލިބޭނެކަމެއް ނޫންކަމަށް މާހިރުން ބުންޏެވެ. އަދި އެފަދަ ކަންކަމާމެދު އޮންނަ ކަންބޮޑުވުމެއްގެ ސަބަބުން މާސްކު ބޭނުންނުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ސައިންސުވެރިން ބުނެއެވެ.
ސައިންސުވެރިން ބުނީ ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް އިންސާނުންގެ ހަށިގަނޑުގައި ގިނަ ގަޑިއިރުތަކެއް ވަންދެން މަރުނުވެ ދެމިހުރެވޭކަމަށަވެ. އެކަން ތަހުލީލުކުރުމަށް ދިރިހުރި އިންސާނެއްގެ ހަން ބޭނުންކޮށްގެން ތަހުލީލުކޮށްފިނަމަ އެ މީހުން ނުރައްކަލަށް ހުށަހެޅިދާނެކަމުގެ ހިރާސް އޮތުމުން ސައިންސުވެރިން ބޭނުންކޮށްފައިވަނީ މަރުވެފައިވާ މީހުންގެ ހަމެވެ. އެފަދަ ހަން އާންމުކޮށް ބޭނުންކުރަނީ ފިހިފައި ހުންނަ މީހުންގެ ހަނގަނޑު މަރާމަތުކުރުންފަދަ ބޭނުންތަކަށެވެ.
ތަހުލީލުތަކުން ދައްކާގޮތުގައި އިންފުލުއެންޒާ އޭ ވައިރަސް އިންސާނުންގެ ހަމުގައި ދެ ގަޑިއިރުވަންދެން ދެމިހުރެއެވެ. އަދި ކޯވިޑް-19 ޖައްސާ ވައިރަހަށް ނުވަ ގަޑިއިރަށްވުރެ ގިނަ އިރު އިންސާނުންގެ ހަމުގައި ދެމިހުރެވެއެވެ. ނަމަވެސް 80 އިންސައްތައަށް އަލްކޮހޯލް ހުންނަ ސެނިޓައިޒާ ބޭނުންކުރުމުން 15 ސިކުންތުގެ ތެރޭގައި ދެ ޖަރާސީމުގެވެސް ބާރުކެނޑެއެވެ.
އެމެރިކާގެ ސެންޓާ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އިރުޝާދުދެނީ 60 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ މިންވަރަށް އަލްކޮހޯލް ހިމެނޭ ސެނިޓައިޒާ ބޭނުންކުރުމަށެވެ. ނުވަތަ ސައިބޯނި ލައިގެން މަދުވެގެން ވިހި ސިކުންތުވަންދެން ރަނގަޅަށް އަތް ދޮވުމަށެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކޯވިޑް-19 މައިގަނޑު ގޮތެއްގައި ފެތުރެނީ ވައިގެ ތެރެއިން ނުވަތަ ހަށިގަނޑުން ބޭރުވާ ޑުރޮޕުލެޓުގެ ޒަރިއްޔާއިންނެވެ. ނަމަވެސް ކޯވިޑް-19 ޖައްސާ ވައިރަސް ފެތުރުނަ ނުދިނުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ރަނގަޅަށް އަތްދޮވުންކަމަށް ދިރާސާ ކުރެއްވި ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.
ވަރަށް ގިނަ ޢަދަދެއްގެ މީހުންގެ ހުންނަ މައްސަލައެއްކަމަށްވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ ހުންނަ މީހަކަށް ކޯވިޑް-19 ޖެހިއްޖެނަމަ އެމީހެއްގެ ޙާލަތު ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށް ފަހުގެ ދިރާސާއަކުންވަނީ ދައްކާފައެވެ.
ފިންލޭންޑުގެ މަޢުލޫމާތު ދަފްތަރެއް ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި ސްލީޕް އެޕްނިއާ ހުންނަ މީހުންނަށްވެސް ނުހުންނަ މީހުންނަށްވެސް ކޯވިޑް-19 ޖެހޭ މިންވަރުގައި ތަފާތެއް ނެތެވެ. އެހެން ނަމަވެސް ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ސްލީޕް އެޕްނިއާ ހުންނަ މީހުންނަށް ހަސްފަތާލުގައި ފަރުވާ ދޭންޖެހުމުގެ ފުރުޞަތު އެހެން މީހުންނަށްވުރެ ފަސް ގުނަ އިތުރުކަމަށް ދިރާސާއިންވަނީ ދައްކާފައެވެ. ސްލީޕް އެޕްނިއާ ހުންނަ މީހުން ނިދާފައި އޮންނައިރު ހިނދުކޮޅަކަށް ނޭވާލުން މެދުކެނޑިފައި އަނެއްކާވެސް ނޭވާލާން ފަށައެވެ. އެ ބަލި ހުންނަ މީހުންނަށް ރެއެއްގެ މައްޗަށް އެތައް ފަހަރަކު އެހެންވުން އެކަށީގެންވެއެވެ. އާންމު ގޮތެއްގައި ސްލީޕް އެޕްނިއާގެ އުނދަގޫތައް ގުޅިފައިވަނީ މާ ބޮޑަށް ބަރުދަން އިތުރުވުމާއި ލޭގެ ޕުރެޝަރު މަތިވުމާއި ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއެވެ. ނަމަވެސް އެ ހުރިހާކަމަކަމަށް ބެލުމުންވެސް ކޯވިޑް-19 ޖެހިއްޖެނަމަ ސްލީޕް އެޕްނިއާ ހުންނަ މީހުންގެ ޙާލު ދެރަވާކަމަށް ދިރާސާއަށްވަނީ ފާހަގަވެފައެވެ. ނަމަވެސް އެ ދިރާސާއިން އެކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.
ނަމަވެސް އެހެން ކަރުދާހެއްގައި ބުނެފައިވާގޮތުން ދިރާސާކުރާ ފަރާތްތަކުންވަނީ ކޯވިޑް-19ޖެހޭ މީހުންގެ ތެރެއިން ސްލީޕް އެޕްނިއާފަދަ މައްސަލަތައް ހުންނަ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުވާކަމަށް ބަލައިގަތުމަށް ޑޮކްޓަރުންނަށް ނަޞޭޙަތްތެރިވާކަމަށް ބުނެފައެވެ.