ތަޢުލީމު

ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އަޅާނެ ފަރާތެއް ހޯދަނީ


ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމަށްޓަކައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ލައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ނެރުނު އިޢުލާންގައި ވާގޮތުން، މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ އަންނަ އޮކްޓޯބަރ މަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުޅުވުން އޮންނާނީ އޮކްޓޯބަރ މަހުގެ 26 ގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދީފައިވާ ގޮތުގައި ދަރުމަވަންތަ ސްކޫލު މިހާރު ހިނގަމުންދާ ޢިމާރާތަކީ ބާވެ ހަލާކުވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓުން މަރާމާތައް ގިނަ ހޭދަތަކެއް ކުރަންޖެހޭ ސްކޫލެކެވެ. އެ ސްކޫލުގެ ބައެއް ކްލާސް ރޫމްތަކުގެ ޝީޓްތައް ވެއްޓި ރެނދުލާ ހަލާކުވެފައިވުމުގެ ސަބަބުން އެ ކްލާސްތަކުގައި ކިޔަވާދިނުން ވަނީ ހުއްޓާލާފައެވެ. އަދި، މިހާރު އެސްކޫލްގައި ކިޔަވައިދެމުންދަނީ ކަމާބެހޭ ފަންނީ ބޭފުޅުން ގެ ލަފާގެ މަތިން ސަލާމަތުން ހުރި ކްލާސްތަކުގައި، ދެ ދަންފަޅިއަށް ބަހާލައިގެނެވެ. ދަރުމަވަންތަ ސްކޫލްގެ އާއިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރުގެ ސްކޫލް ތަޅާލުމަށްފަހު ހަމަ އެތަނުގައެވެ. ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކުރެވެންދެން އެ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭން ހަދާ ވަގުތީ އިމާރާތް ރޭވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްނެވެ. ވެލާނާގެއާއި އިންވެގެން އޮތް ހުސްބިމުގައި ރާވަމުންދާ ވަގުތީ ޢިމާރާތުގެ ކޮންޓްރެކްޓަރ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭވަރުވާނެއެވެ. އެބިމުގައި ހަދަމުންދާ އެ ސްކޫލުގެ ވަގުތީ އިމާރާތް ތައްޔާރުކުރަމުންދަނީ، އެއިމާރާތައް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ޗައިނާގެ ކުންފުޏެއް މެދުވެރިކޮށް ޗައިނާގައި ފެބްރިކޭޓްކޮށް މާލެ ގެނެސްގެން ކަމަށް މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ބުނެއެވެ.