ޚަބަރު

އޯ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް ކޯވިޑް ޖެހުމާއި ބަލީގައި ޙާލުދެރަވުމުގެ ފުރުޞަތު ކުޑަ - ދިރާސާ


އޯ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް ކޯވިޑް-19ޖެހުމުގެ ފުރުޞަތާއި ބަލީގެ ސަބަބުން ޙާލުދެރަވުމުގެ ފުރުޞަތު ކުޑަކަމަށް ދިރާސާތަކުން ދައްކައިފިއެވެ. ސައިންސްވެރިން ބުނާ ގޮތުން މި ދިރާސާތަކުން ބަލިތައް ޖެހުމާއި ޙާލުބޮޑުވުމުގައި ލޭގެ ގުރޫޕް ކޮންމެވެސް މިންވަރެއްގެ ދައުރެއް ޢަދާކުރާކަމަށް ބުނާ ބުނުމަށް އިތުރު ބާރެއް ލިބިގެންދެއެވެ. އެހެންނަމަވެސް އޭގެ ސަބަބު ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަންޖެހޭކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް-19 ޖެހިފައިވާ 7،422 މީހުން ބައިވެރިކޮށްގެން ނެދަލޭންޑްސްގައި ކުރި ދިރާސާއިން ދައްކާ ގޮތުގައި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އޯ ގްރޫޕްގެ ލޭ ހުރީ 38.4 އިންސައްތަ މީހުންގެ ގައިގައެވެ. ބާކީ ތިބި 44.4 އިންސައްތަ މީހުންގެ ގައިގައި ހުރީ އޭ ގުރޫޕުގެ ލެއެވެ.

ނެދަލޭންޑްސްގެ އާބާދީގެ ތެރެއިން ބަލިޖެހިފައިނުވާ 2 މިލިއަން މީހުންގެ ލޭގެ ގުރޫޕު ބެލި އިރު އޯ ގުރޫޕުގެ ލޭ ހުރީ 41.7 އިންސައްތަ މީހުންގެ ގައިގައެވެ. އާބާދީގައި އޭ ގުރޭޕުގެ ލޭ ހުރި މީހުންގެ ނިސްބަތް އެއަށްވުރެ އިތުރެވެ. އެއީ 44.4 އިންސައްތައެވެ. އެހެންކަމުން އާބާދީގައި އޯ ގުރޫޕުގެ ލޭ ހުންނަ މީހުންގެ ނިސްބަތް ދަށްވެފައި ބަލިޖެހޭ މީހުންގެ ތެރޭގައި އޭ ގުރޫޕުގެ ލޭ ހުންނަ މީހުންގެ ޢަދަދު އިތުރުވުމަކީ އޭ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް ބަލިޖެހޭ ނިސްބަތް އިތުރުވާކަމަށް ބާރުދޭ ހެއްކެކެވެ.

އިންސާނުންގެ ހަށިގަނޑުގައި އާންމުކޮށް ހުންނަނީ އޭ، ބީ، އޭބީ ނުވަތަ އޯ ގުރޫޕުގެ ލެއެވެ. ލޭ އަޅަންޖެހޭ ޙާލަތެއްގައި މެނުވީ ލޭގެ ގުރޫޕުގެ ސަބަބުން ދިރިއުޅުމަށް މާ ބޮޑު އަސަރެއް ނުކުރާނެކަމަށާއި ލޭގެ ގުރޫޕާއި ކޯވިޑާއި ހުރި ގުޅުމާއި މެދު އާންމުން ކަންބޮޑުވާން ނުޖެހޭކަމަށް ނެދަލޭންޑްސްގައި ކުރި ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ޑރ. ޓޯބެން ބެރިންގްޓޮން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯ ގްރޫޕްގެ ލޭ ހުންނަ މީހުންގެ ހަށިގަނޑުގައި އިތުރު ދިފާޢީ ބާރުތައް ހުންނަނީކަމެއް ނުވަތަ އެހެން ލޭގެ ގުރޫޕުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ކުޑަވަނީކަމެއް ނޭނގޭކަމަށެވެ. ނަމަވެސް އެކަން އިތުރަށް ތަހުލީލުކޮށް ބައެއް ލޭގެ ގުރޫޕުތަކުގެ މީހުންގެ ހަށިގަނޑުގެ ދިފާޢީ ބާރުތައް ރަނގަޅީ ކީއްވެކަން ދިރާސާކުރުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ދިރާސާއެއްގެ ނަތީޖާއަށް ބިނާކޮށް ބައްޔަށް ފަރުވާއެއް ހޯދުމަށް އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކެނެޑާގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ކޯވިޑް-19 ޖެހުމުގެ ސަބަބުން ޙާލުދެރަވި 95 ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އޭ ނުވަތަ އޭބީ ގުރޫޕުގެ ލޭ ހުންނަ މީހުންނެވެ. އެއީ އެމީހުންގެ 84 އިންސައްތައެވެ. އެމީހުންނަށްވަނީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދީފައެވެ. އޭގެ ބަދަލުގައި އޯ ނުވަތަ ބީ ގުރޫޕުގެ ލޭ ހުރީ ޙަލުދެރަވި މީހުންގެ ނިސްބަތަކީ 61 އިންސައްތައެވެ. އެ ދިރާސާއިން އިތުރަށް ދެއްކިގޮތުގައި އޭ ނޫނީ އޭބީ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް އައިސީޔޫގައި ފަރުވާދޭންޖެހޭ މުއްދަތު އެހެން މީހުންނަށްވުރެ އިތުރެވެ. އެގޮތުން 13 ވަރަކަށް ދުވަސް ވަންދެން އެމީހުންނަށް އައިސީޔޫގައިވަނީ ފަރުވާދީފައެވެ. އޯ ނުވަތަ ބީ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދީފައިވަނީ 9 ދުވަހަށެވެ.

ކެނެޑާގައި ކުރި ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ޑރ. މައިޕިންޑާ ސެޚޮން ވިދާޅުވީ ލޭގެ ގުރޫޕުން ބަލީގެ ޙާލަތަށް އަސަރުކުރާކަމުގެ ނިޝާންތައް ހުރި ނަމަވެސް އެކި ސަރަޙައްދުތަކުގައި އިތުރު ތަހުލީލުތައްކޮށް އެކަން އިތުރަށް ޔަޤީންކުރަންޖެހޭކަމަށެވެ. އުމުރާއި އެހެން ޞިއްޙީ މައްސަލަތައް ހުރުންފަދަ ކަންކަމުގެ ސަބަބުން ބަލި ޙާލު ބޮޑުވުމާއި އެއްވަރަށް ލޭގެ ގުރޫޕުގެ ސަބަބުން ބަލި ޙާލަތަށް އަސަރުކުރާކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. ލޭގެ ގުރޫޕުގައި އޭ ހުރުމަކީ އެކަމާއި ހާސްވެ ކަންބޮޑުވާންވީ ކަމެއްނޫންކަމަށާއި އޯ ގުރޫޕުގެ ލޭ ހުރުމަކީ ބަލި ނުޖެހޭނެކަމަށް ބަލައި ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ދާންވީ ސަބަބެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޭގެ ގުރޫޕާއި ކޯވިޑާއި ހުރި ގުޅުމަކީ ކޮބައިކަން މިހާތަނަށް ހޯދިފައެއް ނުވެއެވެ. ސެޚޮން ވިދާޅުވީ އޯ ގުރޫޕުގެ ލޭ ހުންނަ މީހުންގެ ލޭ ގަނޑުވާ މިންވަރު ދަށްވުމަކީ ހަށިގަނޑުގައި ލޭ ދައުރުވުމުގައި ދިމާވާ މައްސަލަތައް އެ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް ދިމާވުން މަދުކޮށްދޭކަމަކަށްވުން އެކަށީގެންވާކަމަށެވެ.

ލޭ ގަނޑުވުމަކީ ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވާ މީހުންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ހަމައެއާއެކު ތަފާތު ލޭގެ ގުރޫޕުތަކުގައި އެންޓިޖެން ހުންނަ މިންވަރު ތަފާތުވުމުގެ ސަބަބުން ބަލިޖެހުމުން ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީ އުފެދޭ މިންވަރާ ގުޅުމެއްވުން އެކަށީގެންވާކަމަށެވެ. އޭގެ އިތުރުން ލޭގެ ގުރޫޕާ ގުޅުންހުރި ވިރާސީ މާއްދާތަކުގެ ސަބަބުން ދިފާޢީ ނިޒާމަށް އަސަރުކުރުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.