ދުނިޔެ

އިޓަލީވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށިކޮށްފި


އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. ކޯވިޑް-19ގެ ސަބަބުން މިދިޔަ މާރިޗު މަހުގެ ތެރޭގައި އިޓަލީވިލާތުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޭގެ ސަބަބުން އެ ޤައުމުގައި ހަރުކަށި ފުރަބަންދެއްވަނީ ޤާއިމްކޮށްފައެވެ. ނަމަވެސް ޤައުމުގެ ޙާލަތު ރަނގަޅުވެ ފިޔަވަޅުތަކަށް ފަހުންވަނީ ލުއި ދީފައެވެ.

އިޓަލީވިލާތުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް ދަނީ ދުވަހުން ދުވަހަށް މައްޗަށް އަރަމުންނެވެ. މިހާތަނަށް 414،241 މީހުންނަށް ބަލިޖެހި 36،543 މީހުން މަރުވެފައިވާ އިޓަލީވިލާތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 11،705 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އެ ޤައުމުގައި މިހާތަނަށް އެއްދުވަސްތެރޭގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ގުސެއްޕެ ކޯންތޭ ވިދާޅުވީ ޤައުމުގެ ޙާލަތު ވަރަށް ގޯސްވެފައިވާކަމަށާއި ސަރުކާރުގެ އިތުރުން ޢާންމުންވެސް ބައްޔާ ދެކޮޅަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި މާރިޗު މަހުގައި ޤާއިމްކުރި ފަދަ ފުރަބަންދެއް ދެވަނަ ފަހަރަށް ޤާއިމްކުރަން ބޭނުންނުވާކަމަށެވެ.

އަލަށް އިޢުލާނުކުރި ފިޔަވަޅުތަކުގެ ދަށުން ބޮޑުވަޒީރު ކޯންތޭވަނީ ރޭގަނޑު ނުވައެއްގެ ފަހުން އާންމު މައިޒާންތައް ބަންދުކުރުމުގެ ބާރު ސިޓީތަކުގެ މޭޔަރުންނަށް ދެއްވާފައެވެ. ބައެއް ކަހަލަ ފިހާރަތައް ބަންދުކުރާ ގަޑިތައް އަވަސްކުރުމުގެ އިތުރުން ކުދި ކުޅިވަރު މުބާރާތްތަކާއި ފެއާތައްވަނީ މެދުކަނޑާލާފައެވެ.

ބޮޑުވަޒީރު ވިދާޅުވީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިމްތަކާއި ސްވިމިންގ ޕޫލްފަދަ ތަންތަން ބަންދުކުރުމާއި މެދު ސަރުކާރުން ވިސްނަމުންދާކަމަށެވެ. ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ އުސޫލުތަކަށް ބަދަލު ގެނައުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ނިޒާމަށް ބާރުބޮޑު ނުވާފަދަ ގޮތަކަށް މަތީ ސާނަވީ ދަރިވަރުންގެ ކިޔެވުމުގެ ތާވަލުތައް ހަމަޖެއްސުމަށް މަދަރުސާތަކަށްވަނީ އަންގައިފައެވެ. ރެސްޓޯރަންޓުތަކާއި ކާބޯތަކެތި ވިއްކާ ފިހާރަތައް ދަންވަރު 12އާ ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަ އޮތްނަމަވެސް އެ ތަންތަނުގައި ތިބެގެން ޚިދުމަތް ހޯދާ މީހުންނަށް ޚިދުމަތް ދެވޭނީ އިރުއޮއްސި ހައެއް ޖަހަންދެންނެވެ. މިވަގުތު އެންމެ ހަލުވިކޮށް ބަލިފެތުރެމުންދާ ސަރަޙައްދުތަކުގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި ދެ ހަފުތާގެ މުއްދަތަށް މަދަރުސާތައް ބަންދުކުރުން ހިމެނެއެވެ.