ކޯވިޑް-19 ޖެހިފައިވާ ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކެޓްރީ ޖެނެރަލް އަދި އެންމެ އިސް ނެގޯޝިއޭޓަރު ސައެބު އެރެކީތުގެ ޙާލުކޮޅު ގޯސްވެ އިތުރު ފަރުވާއަށް ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.
އުމުރުން 65 އަހަރުގެ އެރެކީތަށް ކޯވިޑް-19 ޖެހިފައިވާކަން ޙާމަކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުގައެވެ. ޕީއެލްއޯގެ ނެގޯސިއޭޝަންސް އެފެއާޒް ޑިޕާޓްމަންޓުން ބުނީ އެރެކީތުގެ ޙާލުކޮޅު ގޯސްވެފައިވާކަމަށާއި ހަސްފަތާލުގައި ފަރުވާދޭން ޖެހިފައިވާކަމަށެވެ.
އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަރީހާނުގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުން އިސްރާއީލުގެ އެމްބިއުލަންސަކަށް އަރުވައިގެން ހަސްފަތާލަށް ގެންދާ މަންޒަރުވަނީ ފެނިފައެވެ. ތެލް އަވީވުގެ ހަސްފަތާލަކަށް ގެންދިޔުމަށްފަހު މިހާރު ބައިތުލް މަޤްދިސްގެ ހަދައްސަ ހަސްފަތާލަށް އޭނާ ބަދަލުކޮށްފައިވާކަމަށް ޕީއެލްއޯއިން ފަހުންވަނީ ބުނެފައެވެ.
ނޭވާލާ ނިޒާމުގެ ގިނަ މައްސަލަތަކެއް ހުންނަ އެރެކެރީތަށް ކޯވިޑް-19ގެ ސަބަބުން އޮތް ނުރައްކާ ވަރަށް ބޮޑުކަމަށް ބެލެވެއެވެ. 2017ވަނަ އަހަރު އޭނާވަނީ ފުއްޕާމޭ ބަދަލުކުރުމުގެ އޮޕަރޭޝަނެއް އެމެރިކާގައި ކުރައްވާފައެވެ. އޭނާގެ ޞިއްހީ ހާލަތާ ގުޅޭގޮތުން ވާހަދަކައްވަމުން އޭނާގެ ބޭބޭފުޅު ސާބިރު އެރެކީތު ވިދާޅުވީ މިވަގުތުގެ ޙާލަތު ރަނގަޅު ނޫންކަމަށެވެ.
ޕީއެލްއޯގެ އެންމެ ވަރުގަދަ ފެކްޝަން ކަމުގައިވާ ފަތަޙް ޖަމާޢަތުގެ މެންބަރެއްކަށްވާ އެރެކީތަކީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެއް ބޭފުޅެވެ. އޭނާއަކީ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ އެންމެ އަރިސް އެއް މުޝީރެވެ. ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ވެރިކަމުގައިވެސް ސަރުކާރުގެ މުހިންމު މަޤާމުތައް އޭނާވަނީ ފުރުއްވާފައެވެ.
ހުޅަނދު އައްސޭރީގައި މިހާތަނަށް 42،490 މީހުންނަށް ކޯވިޑް-19ޖެހި 381 މީހުންވަނީ މަރުވެފައެވެ.