ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފިނަމަ އެ ޤައުމުގައި މަހަކު 2.6 މިލިއަން މީހުންނަށް ބަލި ޖެހިދާނެކަމުގެ އިންޒާރު ސައިންސުވެރިން ދީފިއެވެ.
އިންޑިޔާގައި ބަލިފެތުރޭނެ ގޮތް އަންދާޒާކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ކޮމިޓީކަމުގައިވާ އިންޑިޔާ ނޭޝަނަލް ސުޕާ މޮޑެލް ކޮމިޓީގައި އެ ޤައުމުގެ އެންމެ ވަރުގަދަ ސައިންސު އިދާރާތަކުގެ މާހިރުން ހިމެނެއެވެ. ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުގެ މަންދޫބުންވެސް އެ ކޮމިޓީގައި ތިއްބަވައެވެ.
އިންޑިޔާގެ ޙާލަތާއި ގުޅޭގޮތުން އަންދާޒާކުރާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އެ ކޮމިޓީއިން ބުނީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އިންޑިޔާގައި ބަލިޖެހެމުންދިޔަ ދުވަސްވަރު ފަހަނައަޅައި ގޮސްފައިވާކަމަށާއި ކުރިއަށް އޮތް އަހަރުގެ ކުރީކޮޅުގައި ބަލިފެތުރުން ހަމައަކަށް އެޅޭނެކަމަށް ބެލެވޭކަމަށެވެ. އަދި 2021ވަނަ އަހަރުގެ ފެބުރުއަރީ މަސް ނިމޭއިރު ކޯވިޑް-19އަށް ފަރުވާދޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވާނެކަމަށް އެ ޕެނަލުން ބުންޏެވެ. ނަމަވެސް އެ އަމާޒާއި ހަމައަށް ވާސިލްވެވޭނީ ރައްތާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނަމަކަމަށް އެ ޕެނަލުންވަނީ ފާހަގަކޮށްފައެވެ. ފިނި މޫސުން ބޯމަތިވެފައި ވަނިކޮށް އަދި ބޮޑެތި ޢީދުތަކާއި ޗުއްޓީތަކެއް ކުރިއަށް އޮތް ދުވަސްވަރެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފިނަމަ މަހެއްގެ މައްޗަށް 2.6 މިލިއަން މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮތްކަމުގެ އިންޒާރުވެސް އެ ޕެނަލުންވަނީ ދީފައެވެ.
އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އެ ޤައުމުގައި މިހާނަށް 7.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 114،642 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 55،511 މީހުންނަށް ބަލިޖެހި 578 މީހުންވަނީ މަރުވެފައެވެ. މިހާރު ބަލިފެތުރެމުންދާ ހަލުވިމިނަށް ބަލާނަމަ އަންނަ މަހުގެ ކުރީކޮޅުގައި އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދަށްވުރެ އިތުރުވާނެއެވެ.
އިންޑިޔާގައި ކޯވިޑް-19 ފެތުރުން ހުއްޓުމުގެ ކުރިން ޖުމްލަ 10.6 މިލިއަން މީހުންނަށް އެ ޤައުމުގައި ބަލިޖެހޭނެކަމަށް އިންޑިޔާ ނޭޝަނަލް ސުޕާމޮޑެލް ކޮމިޓީއިންވަނީ އަންދާޒާކޮށްފައެވ