ދުނިޔެ

ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 40 މިލިއަނަށްވުރެ މައްޗަށް


ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 40 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ. ކޯވިޑް-19 ޖެހުނު މީހުންނާއި ބަލީގައި މަރުވެފައިވާކަމަށް ދަފްތަރުކޮށްފައިވާ ޢަދަދުތަކަށްވުރެ ބަލިޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ކަމާބެހޭ މާހިރުންވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބެއްކަމަށް މާހިރުން ބުނަނީ ބައްޔަށް ތަހުލީލުކުރުމަށް ހުރި ހުރަސްތަކާއި ބައެއް ޤައުމުތަކުން ސައްޙަ ޢަދަދުތައް ހާމަނުކުރުމެވެ.

އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ފެތުރެމުންދާ ބަލިމަޑުކަން ފެތުރޭ މިންވަރު އަދިވެސްދަނީ އިތުރުވަމުންކަމަށްވަނީ ފާހަގަވެފައެވެ. ބަލިޖެހިފައިވާ މީހުންގެ ޢަދަދު 30 މިލިއަނުން 40 މިލިއަނަށް އިތުރުވުމަށް ނެގީ އެންމެ 32 ދުވަހެވެ. އެއާ ޚިލާފަށް 10 މިލިއަނުން 20 މިލިއަނަށް އެ ޢަދަދު އެރުމަށް ނަގާފައިވަނީ 33 ދުވަހެވެ. އެންމެ ފުރަތަމަ ދިހަ މިލިއަން މީހުންނަށް ބަލިޖެހެން ނެގީ ތިން މަސް ދުވަހެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުވެސްވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހު އެކަނިވެސް ހަތަރު ލައްކަ މީހުންނަށްވަނީ ބަލިޖެހިފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުހުރީ އެވަރެޖުކޮށް 347،000ގައެވެ. އޭގެ ބަދަލުގައި އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގައި އެ ޢަދަދު ހުރީ 292،000ގައެވެ.

ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމުތަކުގެ ގޮތުގައި އޮތީ އެމެރިކާއާއި އިންޑިޔާއާއި ބުރެޒިލެވެ. ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ ދެބައި ކުޅަ އެއްބަޔާއި ގާތްކުރާ ޢަދަދެއް ޙިއްޞާކުރަނީ ދެކުނާއި އުތުރާއި މެދުތެރޭ އެމެރިކާއިންނެވެ.

އެމެރިކާގެ އާބާދީގެ ކޮންމެ 10،000 މީހަކުން 247 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އިންޑިޔާގައި އެ ޢަދަދުހުރީ 55ގައެވެ. އަދި ބުރެޒިލުގައި ކޮންމެ 10،000 މީހެއްގެ ތެރެއިން 248 މީހުންނަށްވަނީ ބަލިޖެހިފައެވެ.

ވިލާތުގައި ދުވާލެއްގެ މައްޗަށް 150،000 މީހުންނަށްދަނީ ބަލިޖެހެމުންނެވެ. ވިލާތުގެ ޤައުމުތައްކަމަށްވާ އިޓަލީ، ނެދަލޭންޑްސް، ޖަރުމަނުވިލާތް، އޮސްޓްރިއާ، ޕޯލެންޑު، ޔުކްރެއިން، ސައިޕްރަސް އަދި ޗެކު ރިޕަބްލިކުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. ދުނިޔޭގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ 17 އިންސައްތަ ޙިއްޞާކުރަނީ ވިލާތުންނެވެ. އަދި 22 އިންސައްތަ މީހުން މަރުވެފައިވަނީވެސް ވިލާތުގެ ޤައުމުތަކުންނެވެ.

އިނގިރޭސިވިލާތުގެ ޙާލަތު ގޯސްވަމުންދާތީ އެ ޤައުމުގެ ބައެއް ސަރަޙައްދުތައްވަނީ ފުރަބަންދުކޮށްފައެވެ. ފަރަންސޭސިވިލާތުންވެސްވަނީ ކާފިއުގެ އުސޫލުތައް ޤާއިމްކޮށްފައެވެ. ވިލާތުގެ ގިނަ ޤައުމުތަކުގެ މަދަރުސާތައް ބަންދުކޮށް ބަލިމީހުންނަށް ފަރުވާދިނުމުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންގެ އެހީތެރިކަންދަނީ ހޯދަމުންނެވެ.

އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 8 މިލިއަނަށްވުރެ އިތުރުވެފައެވެ. އެ ޤައުމުގެ ގިނަ ސްޓޭޓުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކަށް ޙައްލެއް ހޯދުމަށް މާލީ ޕެކޭޖެއް ތަޢާރަފްކުރުމަށް އެ ޤައުމުގެ ރައީސްވަނީ ބާރުއަޅުއްވާފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ 7.43 މިލިއަނަށް އިތުރުވެފައެވެ. އެ ޤައުމުގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ ދޮޅު މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 8 ލައްކައަށް ވުރެ ދަށަށް ގޮސްފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ޙާލަތު ގޯހީ އީރާނުގައެވެ. އެ ޤައުމުގައި އާޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އެ ޤައުމުގައި މިހާތަނަށް 534،631 މީހުންނަށް ބަލިޖެހި 30،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ބަލިމަޑުކަން ފެތުރެން ފެށީއްސުރެ މިއަދާއި ހަމައަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 1.1 މިލިއަނަށްވުރެ ގިނަ މީހުންވަނީ މި ބަލީގައި މަރުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 2.8 އިންސައްތައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ ވެކްސިނެއް ބޭނުންކުރަން ފެށުމުގެ ކުރިން ބަލީގައި މަރުވާ މީހުންގެ ޢަދަދު 2 މިލިއަނަށް އިތުރުވުން އެކަށީގެންވާކަމަށެވެ.