ބާސެލޯނާއަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގު ފޭވަރިޓުން ނޫންކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރަތުގައި ހަންގޭރީގެ ފްރެންސްވަރޯސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ބާސެލޯނާ ކޮންމެ މުބާރާތެއްގައި ވާދަކުރި ނަމަވެސް ބާސާއިން ނުކުންނާނީ އެ މުބާރާތެއް ކާމިޔާބުކުރަންކަމަށެވެ. ކުލަބަށް ދިމާވެފައިވާ އުނދަގޫ ހާލަތާއެކު ބާސެލޯނާއަކީ ފޭވަރިޓެށް ނޫންކަމަށާއި އެހެން ނަމަވެސް މުބާރާތުގައި ދެވެން އޮތް އެންމެ ދުރަކަށްދާން މަސައްކަތް ކުރާނެ ކަމަށް ކޫމަން ބުންޏެވެ.
ކޫމަން ބުނީ ގުރޫޕްގައި ދެން އޮތް ދެ ޓީމަށްވުރެ ފްރެންސްވަރޯސް ބަލި ނަމަވެސް މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށާއި ޓީމުން ތައްޔާރުވާނީ އެވަރު ދަނެގެންކަމަށެވެ. އަބަދުވެސް މޮޅުވުމަކީ މުހިންމުކަމެއް ކަމަށާއި ހާއްސަ މޮޅަކުން މުބާރާތް ފެށުމަކީ ވަކިން މުހިންމު ކަމެއް ކަމަށް ކޫމަން ބުންޏެވެ.
މިސީޒަންގައި ބާސެލޯނާ އަދި އެހާ ރަނގަޅު ކުޅުމެއް ދެއްކިފަނުވާއިރު މެސީގެ މޮޅުކުޅުން ބާސެލޯނާގައި ފެންނާނެ ކަމާމެދު އޭނާ ޝައްކުނުކުރާކަމަށް ކޫމަން ބުންޏެވެ. އޭނާ ބައްޓަން ކުރަމުންދާ އައު ސިސްޓަމް މިހާރު ކުޅުންތެރިން ހޭނިއްޖެކަމަށާއި ޓީމުގައި ޒުވާން ގިނަ ކުޅުންތެރިން ތިބުމުން ވަގުތު ނަގާނެކަމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.