ރިޕޯޓް

ނިދާ ތަންމަތީގައި އަޅާ ބެޑުޝީޓު ދޮންނަނީ ކިހާ އަވަސްއަވަހަކަށް؟ ޞިއްޙަތާ ގުޅުމެއް ވޭ!


އިންސާނާގެ އުމުރުގެ ތިންބައިކުޅަ އެއްބައި ހޭދަކުރަނީ ނިދުމާއި އަރާމުކުރުމުގައެވެ. އެހެންކަމުން ޙަޔާތުގެ ތިންބައިކުޅަ އެއްބައި ހޭދަކުރަނީ ނިދާ އެނދުގައޭ ބުނުމުގައި ގޯހެއް ނެތެވެ.

ހަށިގަނޑުން ބޭރުވާ ސޮންޏާއި ދަލާއި ހަންފޮޅުމުގެ ސަބަބުން އުފެދޭ ކުނޑިއާއި އަދި އެ ނޫންވެސް ހަށިގގަނޑުން ބޭރުވާ މާއްދާތައް އެތަނެއްގައި އެއްވާ އެއް ހާއްޔަކީ ތިމާ ނިދާ ތަންމައްޗެވެ. އެހެންކަމުން ޙަޔާތުގެ އެހާ ބޮޑު ބައެއް އެތަނެއްގައި ހޭދަކުރާ އެނދުމަތީގައި އަޅައި ބެޑުޝީޓާއި ރަޖަލުގެ ސާފުތާހިރުކަން ޔަޤީންކުރުމަކީ ކޮންމެހެން މުހިންމުކަމެކެވެ.

ކިތައް ދުވަހުން ބެޑްޝީޓް ދޮންނަނީ؟

ތަންމަތީގެ ސާފުތާހިރުކަން ޔަޤީންކުރުމަށް ހަފުތާއަކު އެއްފަހަރު ބެޑުޝީޓު ބަދަލުކޮށް ދާވެފައިވާ އުރަތަކާއި ފޮތިގަނޑުތައް ދޮވުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ހަފުތާއަކު އެއްފަހަރު ބެޑުޝީޓު ބަދަލުކުރުމަކީ ދަތިކަމަކަށްވާނަމަ އެންމެ މަދުވެގެން ކޮންމެ ދެހަފުތާއަކުން އެއް ހަފުތާގައި ބެޑްޝީޓު ބަދަލުކުރުމަކީ މުހިންމުކަމެކެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާގައި ދިރިއުޅޭ މީހުން ބެޑުޝީޓު ބަދަލުކުރަނީ ގާތްގަނޑަކަށް މަހަކު އެއް ފަހަރެވެ.

އިންސާނާގެ ހަށިގަނޑުން ދުވާލެއްގެ މައްޗަށް މަރުވެފައި ހުންނަ 500 މިލިއަނެއްހާ ސްކިން ސެލް ވަކިވެއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ސެލްތައް ހަށިގަނޑާ ވަކިވަނީ އެނދުމަތީގައި އޮންނަ ވަގުތެގައެވެ. އެ ސެލްތައް ބެޑުޝީޓުގައި ހަރުލައި އެ ދޮންނަންދެން އިތުރު ސެލްތައް ކޮންމެ ދުވަހަކު ޖަމާވަމުންދެއެވެ. އެކަކަށްވުރެ ގިނަ މީހުން އެ އެނދު ބޭނުންކުރާނަމަ އަދި އެ ޢަދަދު ދެގުނައަށް އިތުރުވެއެވެ.

ތަންމަތީގައި ދިރިއުޅޭ އެކިކަހަލަ ކުދި ސޫފާސޫފި ބޮޑުވަނީ އެ ސެލްތައް ކައިގެންނެވެ. ނަތީޖާއެއްގެ ގޮތުން މި ސޫތްޕާއި އޭގެ ނަޖިހުގެ ސަބަބުން ހަމުގެ މައްސަލަތައް އިތުރުވެ އެލާޖިކުވުމާއި ނޭވާހިއްލުމުގެ މައްސަލަތައް އިތުރުވެއެވެ. އެހެންކަމުން ލޮލަށް ނުފެންވަ ވަރުގެ އެ ކުޑަ ސޫފިތަކަށް އެލާޖިކުވާނަމަ ހޫނު ފެނުގައި ހަފުތާއަކު އެއްފަހަރު ބެޑުޝީޓު ދޮވުމަކީ އެދެވިގެންވާކަމެކެވެ.

މޫނުގައި ބިހި ނަގާތަ މިވެސް ނިދާ އެނދާ ގުޅިފައިވެދާނެ

ނިދާ ބާލީހުގައި ހަމުގެ ސެލްތަކާއި ކުޅާއި ދާ އެއްވުމުން އެއީ ޖަރާސީމު އުފެދެން ވަރަށް ފައްކާ މާހައުލަކަށް ބަދަލުވެއެވެ. ލެބޯޓްރީގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އެއް ހަފުތާވަންދެން ނުދޮވެ ބޭނުންކުރާ ބާލީސް އުރައިގައި ފާހަނާ ތައްޓެއްގައި ހުންނަ ޖަރާސީމަށްވުރެ 17،000 ގުނަ އިތުރަށް ޖަރާސީމު ހުރެއެވެ.

މޫނުގައި ބިހިނަގައި މިންވަރު ދޭތެރެ ދޭތެރެއިން އިތުރުވުމުން އޭގެ ސަބަބަކީ ކޮބައިކަން ނޭނގިގެން އަހަރެމެންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އުޅެންޖެހެއެވެ. މޫނުމަތީގައި ބިހި ނެގުމުގެ މައްސަލަތައް އިތުރުވާ ސަބަބަކަށް ދާވެފައިވާ ބާލީސްއުރަވުމަކީ ވަރަށް ގާތްކަމެކެވެ. ބާލީހަށް އެ އުރަ ލައްވާފައި އޮންނައިރު ނިދާވަގުތުގައި ތިމާގެ މޫނާ އެންމެ ގާތުގައިވަނީ ބާލީހާއި ބާލީސްއުރައެވެ. ބާލީސްއުރައިގައި ހުންނަ ޖަރާސީމުތަކުގެ ސަބަބުން މޫނުގައި ހުންނަ ޕޯތައް ބެދެއެވެ. މޫނުމަތީގައި ބިހިނެގުން ދޭތެރެ ދޭތެރެއިން އިތުރުވާނަމަ ކޮންމެ 2-3ން ދުވަހަކުން ބާލީސްއުރަ ބަދަލުކޮށް ބެޑުޝީޓާއި ރަޖާފަދަ ތަކެތި ހަފުތާއަކު އެއް ދުވަހު ބަދަލުކުރުމަށް އާދަކުރާށެވެ.

ނޭވާ ހިއްލުމާއި ގޮހޮރުގެ މައްސަލަތައް ދިމާވޭތަ؟

ތިމާ ނުވަތަ ތިމާއާ އެއް އެނދެއް ބޭނުންކުރާ މީހަކު ބަލިވެއްޖެނަމަ ބެޑުޝީޓުގައި ހަރުލާފައިހުރެދާނެ ޖަރާސީމުތައް ނައްތާލުމަށް ވަގުތުން ވަގުތަށް އެ ތަކެތި ދޮންނާށެވެ. ގިނަ ބެކްޓީރިއާއާއި ވައިރަސްތަކަކީ މަޑު ފަށަލަތަކުގައި މިނެޓުކޮޅެއް ނުވަތަ ބައެއް ފަހަރު ގަޑިއިރަކަށް ދެމިހުރެވޭ އެއްޗެއްސެވެ. އެކި ޖަރާސީމަށް އެ މުއްދަތު ތަފާތެވެ. މިސާލަކަށް ފުލޫ ޖައްސާ ވައިރަހަށް މަޑު ފަށަލަތަކުގައި ދެމިހުރެވެނީ އެންމެ 15 މިނެޓަށްނަމަވެސް ގޮހޮރަށް ޙަމަލާދޭ ބައެއް ޖަރާސީމު ހަތަރު ގަޑިއިރެއްހާއިރު ވަންދެން ފޮތި ފަށަލަތަކުގައި ދެމިހުރެއެވެ.

ނިދާއިރު ބޯ އަޅައި ބާލީހަކީވެސް ފަންގަހުން ފުރިފައިވާ އެއްޗެއްކަމަށްވުމުގެ ފުރުޞަތުވެސް ކުޑައެއްނޫނެވެ. ނޭވާހިއްލުމުގެ މައްސަލަތައް ހުންނަ މީހުންނަށް މިއީ ވަރަށް ނުރައްކާ ބޮޑު ކަމެކެވެ. މަދުވެގެން އަހަރަކު ދެ ފަހަރަ ބާލީސް ދޮވުމަށް ސައިންސުވެރިން ބާރު އަޅައެވެ. ބާލީސްތަކުގައި ހަރުކޮށްފައިވާ ލޭބަލްތަކުގައިވާ އިރުޝާދާ އެއްގޮތަށް އެ ދޮވުމާއި ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުން ވަރަށް މުހިންނެވެ. ބާލީސްތައް ރަނގަޅަށް ދޮވެ ހިއްކުމުގައި ފަރުވާކުޑަކުރާނަމަ އޭގައި އުދާހާއި ތެތްކަން އުފެދި ލޮލަށް ނުފެންނަ ފަންގަސް ފަށަލައެއް ޖެހުމަކީ ވުން ގާތްކަމެކެވެ. ބާލީހާއެކު ޕިލޯ ޕްރޮޓެކްޓަރެއް ބޭނުންކުރާނަމަ ބާލީސް އުރައާއެކު ޕިލޯ ޕްރޮޓެކްޓަރުވެސް ޤަވާއިދުން ދޮންނަންވާނެއެވެ.

އެނދުމަތީ ކެއުމާއި ދަރިންނާއި އެއް އެނދެއްގައި ނިދުން ރަގަޅުތަ؟

މީ ވަރަށް އާއްމުކަމެކެވެ. އެއްބަޔަކު ތަނުގެ ދަތިކަމުން ދަރިންނާއި އެއް އެނދެއްގައި ނިދައެވެ. އެހެންކަމުން އެނދުމަތީ ކެއުމަކީވެސް އެއް ބައެއްގެ އާދައެވެ. އަދި ޓީވީ ބަލަން ކޮޓަރީގައި ތިބޭއިރު ތަށިތަށީގައި އެއްޗެހި ހިފައިގެން ކާ މީހުން މަދެއް ނޫނެނެވެ. ބެޑުޝީޓުގައި ޖަރާސީމު އިތުރުކޮށްދޭ ބައެއްކަންކަމުގެ ތެރޭގައި އެނދުމަތީގައި ކެއުމާއި ދަރިންނާ އެއް އެނދެއްގައި ނިދުން ހިމެނެއެވެ. އޭގެ އިތުރުން ރޭގަނޑުގެ ވަގުތުތަކުގައި ގަދަޔަށް ދާހިތްލާނަމަ ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނައިން ތަންމަތި ބަދަލުކުރަން ޖެހޭނެއެވެ.

ހޭލާގޮތަށް ތަންމަތި އަޅަންތަ؟ ނޫން އެގޮތެއް ކަމަކުނުދޭ

ކޮންމެ ދުވަހެއް ފެށުމުގެ ކުރިން ހޭލާގޮތަށް ރީތިކޮށް ތަންމަތި އަޅާލުމަކީ ދުވަހުގެ ފެށުން ރަނގަޅުކޮށްދޭ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މިއީ ޢަމަލުކުރުން އެންމެ ރަނގަޅު ގޮތްކަމަށް ނުވުން އެކަށީގެންވެއެވެ. ނިދާހޭލާއިރު ބެޑުޝީޓުގައި ކޮންމެވެސްވަރެއްގެ ތެތްކަމެއް ހުންނާނެއެވެ. ވަގުތުން ރަޖާ ރީތޮކޮށް ތަންމަތި އެޅުމުގެ ބަދަލުގައި ތަންމަތީގައި އުފެދިފައިވާ ތެތްކަން ހިކިލުމަށް ފުރުޞަތު ދިނުން އެދެވިގެންވެއެވެ. އެގޮތަށް ކަންތައްކުރުމުން ގޮދަޑިއާއި ބެޑުޝީޓުގައި އެކިކަހަލަ ޖަރާސީމާއި ސޫފިތައް އާލާވުމުން ދުރުހެލިކޮށްދެއެވެ.

ބެޑުޝީޓާއި ރަޖާ ދޮވުމުގައި ވީހާވެސް ހޫނު ފެނެއް ބޭނުންކުރުން އެދެވިގެންވެއެވެ. އަދި ޑްރަޔަރު ބޭނުންކޮށްގެން ރަނގަޅަށް ހިއްކުމަށް ސަމާލުކަންދޭށެވެ. ދިރާސާތަކުން ދައްކާގޮތުގައި ޑްރަޔަރުން އުފައްދާ ހޫނުގެ ސަބަބުން ދޮވުމަށްފަހުގައި މަރުނުވެ ހުންނަ ބައެއް ޖަރާސީމުތައް މަރައިލައެވެ. ބެޑުޝީޓުގެ ކުލައަށް އަސަރުކުރުމުގެ ބިރެއް ނެތްނަމަ ބުލިޗުފަދަ މާއްދާއެއް ބެޑުޝީޓު ދޮވުމުގައި ބޭނުންކުރެވިދާނެއެވެ. ބަލިވުމަށްފަހު ރަނގަޅުވުމުން މިއީ ކުރުން ބުއްދިވެރިކަމެކެވެ.

އަބަދުވެސް ނިދާ ކޮޓަރި ތާޒާކޮށް ބޭއްވުމަށް މި ތާވަލަށް ޢަމަލުކުރެވިދާނެއެވެ. ކުއިލްޓު، ރަޖާ، ޑުވެޓު ކަވަރު މަހަކު އެއްފަހަރު ނުވަތަ ދެ މަހުން އެއްފަހަރު ދޮވެ މެޓްރެސް ޕެޑު ބޭނުންކުރާނަމަ އަހަރަކު ހަތަރު ފަހަރު އެ ދޮވެވިދާނެއެވެ. އަދި އަހަރަކު ދެފަހަރު ނުވަތަ ހަތަރު ފަހަރު ވެކިއުމްއެއް ބޭނުންކޮށްގެން ނިދާ ގޮދަޑި ރަނގަޅަށް ސާފުކުރެވިދާނެއެވެ.

ތަތްމަކުނަކީވެސް ނިދާ ތަންމައްޗަށް ރައްޓެހި އެއްޗެކެވެ. ހަޤީޤާތުގައި އެ ސޫފިތައް ގަޔާވަނީ އިންސާނާގެ ހަށިގަނޑުން ލިއްބައިދޭ ހޫނަށެވެ. އެސޮރުމެން ރޭގަނޑުގެ ވަގުތުތަކުގައި ނިކުމެ އިންސާނުން ނިދާފައި ތިބޭ ވަގުތތު އިންސާނުންގެ ލޭ ބޮއެވެ. ގައި ކަހާތީ ނުވަތަ ފިތްގަނޑެއް ނަގާފައި ހުރެގެން ހޭލެވުމަކީ ގިނަ ފަހަރަށް ތަންމަތީގައި ތަތްމަކުނު އުޅޭކަމުގެ ނިޝާނެކެވެ. އެފަދަ ސޫފިތައް ގޭގެ ގޮދަޑިއާހަމައަށް އަންނަނީ ހޮޓާ ތަކުގައި ހުންނަ އެނދުތައްފަދަ އާންމުން ބޭނުންކުރާ އެނދުތަކުންނެވެ. ތިމާގެ ނިދާ ތަންމަތިން ތަތްމަކުނު ނައްތާލުމަށް ހޫނު ފެނުގައި 30 މިނެޓު ވަންދެން އެ ދޮންނާށެވެ.