ރިޕޯޓް

ރޯގާ ޖެހުނީތަ؟ އަރާމުކުރުމަށް ހަދަންވީ ގޮތަކީ މިއީ


ރޯގާ ޖެހުމުގެ ސަބަބުން ނޭފަތް ބެދި ނިދަން އުނދަގޫވުމަކީ ބަލީގެ ވޭން އިތުރުވާކަމެކެވެ. ހަމަނިދި ނުލިބި ހެނދުނު ތެދުވަންޖެހުމުން އިހުސާސްކުރަންޖެހޭ ވަރުބަލިކަންވެސް އިތުރުވެއެވެ. ރޯގައި ޖެހިފައި ހުންނައިރު ހަމަނިދި ހޯދުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ނޭވާލާން ފަސޭހަވާނެފަދަ މެޝިނެއް ބޭނުންކުރުން

ރޭގަނޑު ނިދަން އޮށޯންނަމުން ނިދާ ކޮޓަރީގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށް ހިއުމިޑިފަޔާއެއް ނުވަތަ ވޭޕަރައިޒާއެއް ބޭނުންކުރެދާނެއެވެ. އެފަދަ އާލާތެއް ބޭނުންކުރުމުން ވައިގެ ތެތްކަން އިތުރުކޮށްދެއެވެ. އަދި ނޭފަތް ބެދިފައި ހުރިނަމަ އެ ބެދުން ފަސޭހަކޮށްދީ ބޮލަށް ބާރުކުރާ މިންވަރު ކުޑަކޮށްދެއެވެ. ނޭވާލުމަށް ފަސޭހަ ކޮށްދިނުމުގެ އިތުރުން ވައިގައި ތެތްކަމެއް ހުރުމުން ރޯގާގެ ސަބަބުން އުނދަގޫވެފައިވާ ނޭފަތުގައި ހުންނަ ޓިޝޫތަކަށް ފަސޭހަކަން ގެނެސްދެއެވެ. އަދި ކަރުގައި ރިއްސުންވެސް ކުޑަކޮށްދެއެވެ. ހިއުމިޑިފަޔާފަދަ އާލާތްތައް ބޭނުންކުރާނަމަ އެންމެ މުހިންމުކަމަކީ ޤަވާއިފުން އޭތި ސާފުކޮށް އޭގެން ޖަރާސީމު ފިލުވުމުވެ.

ނިދުމުގެ ކުރިން ހޫނުފެނުން ފެންވެރުން

ޒަމާނުއްސުރެ އަހަރެމެންނަށް އަބަދުވެސް އިވޭ ވާހަކައަކީ ރޭގަނޑު ފެންވަރާނަމަ ރޯގާ ޖެހޭނެކަމަށެވެ. ނުވަތަ ރޯގާ ބޮޑުވާނެކަމަށެވެ. ނަމަވެސް ރޯގާ ޖެހުމުން ހޫނުފެނުން ފެންވަރާލުމަކީ ނޭވާލުމަށް ފަސޭހަކޮށްދޭކަމެކެވެ. އެގަޑީގައި ފެންވަރަން ބޭނުންނުވާނަމަ ހެދިދާނެ އެހެން ގޮތްތަކެއްވެސް އެބަހުއްޓެވެ. ފާހަނާގެ ދޮރު ރަނގަޅަށް ލައްޕައި ހޫނު ފެން އަންނަގޮތަށް އިސްކޫރު ދޫކޮށްފައި ބެހެއްޓުމަށްފަހު ފާހަނާތެރޭގައި އިރުކޮޅަކު މަޑުކޮށްލެވިދާނެއެވެ. ހޫނު ވައި ނޭވާލުމުން ނޭފަތަށް ފަސޭހަވެއެވެ. އޭގެ އިތުރުން ސިންކަށް ހޫނުފެން އެޅޭގޮތަށް ދޫކޮށްފައި ބެހެއްޓުމަށްފަހު އެ ފެނުން އަރާ އާވި ނޭވާލުމުންވެސް ފަސޭހަކޮށްދެއެވެ. ނުވަތަ ހޫނު ފެނުން ނޭފަތުގެ ސައިނަސް ހުންނަ ދިމާ ބޮނޑިތާންކުރެވިދާނެއެވެ.

ބޭސް ބޭނުންކުރުމުގެ ކުރިން އެއީ އެންމެ ގުޅޭ ބޭސްތޯ ބަލައި

ބޭސްފިހާރަތަކުގައި ލިބެންހުންނަ ރޯގާ ބޭސްތަކަކީ އެއްފަހަރާ ގިނަ މައްސަލަތަކަށް ފަރުވާދޭ އެއްޗެކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ދިޔާކޮށް ރޯގާ ފޭބުމާއި ކެއްސުމާއި ހުމާއި ގައިގައި ރިއްސުން ހިމެނެއެވެ. ރޯގާ ޖެހިއްޖެނަމަ ބޭސް ބޭނުންކުރަންވާނީ އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނާއި މީހުންނެވެ.

ރޯގާ ފަސޭހަކޮށްދިނުމަށް ލިބެން ހުންނަ ބޭސްތަކުގެ ތެރެއިން އެންޓައިހިސްޓަމިނު ބޭސްތަކުން ނިދި އާދެއެވެ. ނޭފަތް ބެދުން ފަސޭހަކޮށްދިނުމަށް ބޭނުންކުރާ ބޭހުގެ ސަބަބުން ބައެއް ފަހަރު ނިދަން އުދަގޫވެއެވެ. އެހެންކަމުން ބޭސް ގަނެގެން ބޭނުންކުރުމުގެ ކުރިން ތިމާގެ ޙާލަތާ އެންމެ ގުޅެނީ ކޮން ބޭހެއްތޯ ޔަޤީންކުރާށެވެ.

ނޭފަތް ބެދިފައިވާނަމަ ސްޕްރޭއެއް ބޭނުންކުރުން

ނޭފަތް ބެދުމުގެ ސަބަބުން ނޭފަތުން ނޭވާނުލެވޭނަމަ ޑިކޮންޖެސްޓެންޓު ސްޕްރޭ ބޭނުންކުރުމުން ނޭފަތް އަލުން ހުޅުވައި ނޭވާލުމަށް ފަސޭހަކޮށްދެއެވެ. ނަމަވެސް އެފަދަ ސްޕްރޭތައް ބޭނުންކުރުމުގައި ވަރަށް ވިސްނަންޖެހޭކަމެއް އެބައޮތެވެ. ތިން ދުވަހަށްވުރެ ގިނަ ދުވަސްވަންދެން އެފަދަ ސްޕްރޭއެއް ބޭނުންކުރާނަމަ ޙާލަތު އިތުރަށް ގޯސްވެއެވެ.

ކަރުގައި ރިއްސާނަމަ މިހެން ހަދާ!

ކަރުގައި ރިއްސާނަމަ ނިދުމުގެ ކުރިން ތާފަނާފެނާއި ލޮނުކޮޅެއް އެއްކޮށްލުމަށްފަހު އޭގެން ކަރުތެރެ ރަނގަޅަށް ދޮވެލާށެވެ. ކަރުގައި ރިއްސާނަމަ ބޭނުންކުރެވޭ މެޓައެއް ޒާތައް ހުންނަ އެއްޗިހި ބޭސް ފިހާރަތަކުންވެސް ލިބެން ހުރެއެވެ. ދެ ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ކަރުގައި ރިއްސާ ހުން އަންނަނަމަ ޑޮކްޓަރަށް ދައްކައިލާށެވެ. ރޯގާގެ އާންމު އަލާމާތެއްކަމަށްވާ ނޭފަތް ބެދުމާއި ކިނބިހިއެޅުން ނެތެނަމަ ރޯގާ ގޯސްވެ ހުން އަންނަނީ 'ސްޓްރެޕް' އިންފެކްޝަނެއްގެ ސަބަބުންކަމަށްވުން އެކަށީގެންވެއެވެ.

ނޭފަތް ލޮނުފެން ދޮވެލުން

ނޭފަތުގައި ގަނޑުވެފައިވާ ރޯގާތައް ދިޔާކުރުމަށް ލޮނު ފެނުން ނޭފަތް ދޮވެވިދާނެއެވެ. އެ ފެން ތައްޔާރުކުރުމަށް 8 އައުންސުގެ ތާފަނާ ފެން ފޮދެއްގެ ތެރެއަށް ސައިސަމުސަލެއްގެ ހަތަރުބައި ކުޅަ އެއްބަޔަށް ވާވަރުގެ ލޮނުކޮޅަކާއި ހަމަ އެވަރުގެ ބޭކިން ސޯޑާކޮޅެއް އަޅައިށެވެ. ތައްޔާރުކުރި ފެންފޮދު ނޭފަތަށް ލެއްވޭ ވައްތަރުގެ ސްޕްރޭ ފުޅިއަކަށް އަޅައިށެވެ. ނޭފަތަށް ފެން އަޅައި ބޭރުކުރުމަށް ބޭނުންކުރާ 'ނެޓި ޕޮޓް'އަކަށްވެސް މި ފެންފޮދު އަޅައި ނޭފަތް ދޮވެވިދާނެއެވެ.

ބާމު ބޭނުންކުރުން

ނިދުމުގެ ކުރިން އާވި ބާމެއް މޭމަތީގައި އުނގުޅާލުމުންވެސް ރޯގާ ލުއިވެ ކެއްސުން މަދުކޮށްދެއެވެ. ބާމަކީ އެއްވެސް ޙާލެއްގައި ކައިގެންވާނެ އެއްޗެއް ނޫނެވެ. ނޭފަތް ތެރެއަށް ބާމުކޮޅެއް ލުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ދެ އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދިނުމަށް ބާމު ބޭނުންކުރުން އެއްވެސް ގޮތަކަށް ރަނގަޅެއް ނޫނެވެ.

ނިދާއިރު ބޯ ލާ ކޮޅު އުސްކުރުމުގެ ބަދަލުގައި އެނދު ހިއްލާލާ
ރޯގާ ޖެހުމުން ނިދާގަޑީގައި ބޯ ލާ ކޮޅު އުސްކުރުމަށް ގިނަ ބާލީސް ބޭނުންކުރުމަށް ބުނާ އަޑު ފަހަރުގައި އިވިފައި އޮވެދާނެއެވެ. ނަމަވެސް ޑޮކްޓަރުން ބުނަނީ މިއީ ރަނގަޅުކަމެއް ނޫންކަމަށެވެ. އެގޮތަށް ބޯލާކޮޅު އުސްކުރުމުން ކަރު އިންނަ ގޮތުން ނޭވާލުމަށް އިތުރަށް އުނދަގޫވެއެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ބޯ ފޮތެއްފަދަ އެއްޗެއް ބޭނުންކޮށްގެން އެނދުގެ އެއްކޮޅު އުސްކޮށްލުމެވެ.

ނިދާއިރު ބޯ ލާ ކޮޅު އުސްކުރުމުގެ ބަދަލުގައި އެނދު ހިއްލާލާ

ރޯގާ ޖެހުމުން ނިދާ ގަޑީގައި ބޯ ލާ ކޮޅު އުސްކުރުމަށް ގިނަ ބާލީސް ބޭނުންކުރުމަށް ބުނާ އަޑު ފަހަރުގައި އިވިފައި އޮވެދާނެއެވެ. ނަމަވެސް ޑޮކްޓަރުން ބުނަނީ މިއީ ރަނގަޅުކަމެއް ނޫންކަމަށެވެ. އެގޮތަށް ބޯލާކޮޅު އުސްކުރުމުން ކަރު އިންނަ ގޮތުން ނޭވާލުމަށް އިތުރަށް އުނދަގޫވެއެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ބޯ ފޮތެއްފަދަ އެއްޗެއް ބޭނުންކޮށްގެން އެނދުގެ އެއްކޮޅު އުސްކޮށްލުމެވެ.

ތާވަލަކާ އެއްގޮތަށް ނިދުން

ރޯގާ ޖެހުމުން ވަކި ގަޑިއަކަށް ނިދުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އެ ޙާލަތުގައިވެސް އެންމެ ރަނގަޅުގޮތަކީ އާންމުކޮށް ނިދާ އުޅޭ ގަޑިއަށް ނިދަން އޮށޯތުމެވެ. ރޯގާ ޖެހުމުން އާންމުކޮށް އަމަލުކުރަމުންދިޔަ ނިދުމުގެ އާދަތަކަށް ބަދަލެއް ނުގެންނަމަ ނިދަން ފަސޭހަވެއެވެ. އަދި ރޯގައި ޖެހުމާ ދުރުހެލިކޮށްދެއެވެ. ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ ރެއަކު 8ގަޑިއިރުގެ ނިދި ހަމަކުރާ މީހުންނަށްވުރެ ހަމަނިދި ނުލިބޭ މީހުންނަށް ރޯގާޖެހުމުގެ ފުރުޞަތު ތިން ގުނައަށް އިތުރުވެއެވެ.