ޖަރުމަނުވިލާތުގެ ޞިއްޙަތާއި ބެހޭ ވަޒީރު ޔެންސް ސްޕާނަށް ކޯވިޑް-19 ޖެހިފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ޖަރުމަނުވިލާތުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނީ އުމުރުން 40 އަހަރުގެ ވަޒީރަށް ކޯވިޑް-19 ޖެހުމުން ގޭގައި އެކަހެރިވެވަޑައިގެންފައިވާކަމަށެވެ. ވަޒީރުގެ ކިބައިން ރޯގާގެ ޢަލާމާތްތައް ފެންނަމުންދާކަމަށާއި އޭނާއާ ބައްދަލުވި މީހުންނަށް ވަޒީރަށް ބަލިޖެހިފައިވާކަން އަންގައިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
އޮކްޓޯބަރު މަހުގެ 21ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ސްޕާންވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކެބިނެޓުގެ އެހެން ވަޒީރުން އެކަހެރިވެވަޑައިގަންނަވަން ކޮންމެހެން ނުޖެހޭނެކަމަށެވެ. ބަލިމަޑުކަން ފެތުރެން ފެށީއްސުރެ ޖަރުމަނުވިލާތުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަމުންދަނީ ޖާގައިގެ ގޮތުން ވަރަށް ބޮޑު ޖަލްސާކުރާ މާލަމެއްގައެވެ. އެ މާލަމުގައި ހުރިހާ ވަޒީރުންނަށް ދުރުދުރުގައި ވަކިވަކިން އިށީނދެވޭގޮތަށްވަނީ އިންތިޒާމް ހަމަޖައްސައިފައެވެ. އެހެންކަމުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވި ފަރާތަކަށް ފަހުން ކޯވިޑް-19 ޖެހިފައިވާކަމަށް އެނގުނަސް އެހެން މެންބަރުން އެކަހެރިވާކަށް ނުޖެހޭނެއެވެ.
ޖަރުމަނުވިލާތުގައި މިހާތަނަށް 391،355 މީހުންނަށް ކޯވިޑް-19 ޖެހި 10،000 މީހުންވަނީ މަރުވެފައެވެ. ވިލާތުގެ އެހެން ޤައުމުތަކާ އަޅާ ބަލައިއިރު ޖަރުމަނުވިލާތުގައި ބަލިޖެހޭ މިންވަރު ދަށެވެ. ނަމަވެސް ފާއިތުވި ހަފުތާގެ ތެރޭގައި އެއް ދުވަސްތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ޖަރުމަނުވިލާތުގައިވަނީ ބަލިޖެހިފައެވެ.
ކޯވިޑް-19 ޖެހިފައިވާ މީހަކާ ބައްދަލުވެފައި ހުރުމުގެ ސަބަބުން އެކަހެރިވެވަޑައިގެންފައިވާ ޖަރުމަނުވިލާތުގެ އިސް ރަސްމީ ފަރާތްތަކުގެ ތެރޭގައި އެ ޤައުމުގެ ރައީސް ފްރެންކު-ވޮލްޓާ ސްޓެއިންއައިއާއާއި ލޭބާ ވަޒީރު ހުބާޓުސް ހީލްހިމެނެއެވެ. ނަމަވެސް ދެ ބޭފުޅުންކުރެ އެއް ބޭފުޅަކުވެސް މިހާތަނަށް ބައްޔަށް ޕޮސިޓިވް ވެފައެއް ނުވެއެވެ.