ދުނިޔެ

ސްޕެއިނުން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް


ސްޕެއިނުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ ވިލާތުގެ ޤައުމެއްގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު މިލިއަނަކަށްވުރެ އިތުރުވި ފުރަތަމަ ފަހަރެވެ. ސްޕެއިނަކީ ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެހާ މަތިވި ހަވަނަ ޤައުމެވެ.

ސްޕެއިނުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު ހުރީ 1،046،641ގައެވެ. އަދި މަރުވި މީހުންގެ ޢަދަދަކީ 34،366އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 16،973 މީހުންނަށް ބަލިޖެހި 156 މީހުންވަނީ މަރުވެފައެވެ.

ސްޕެއިނުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުން މިދިޔަ މާރިޗު މަހުން ފެށިގެން ޖޫން މަހާ ދެމެދު އެ ޤައުމުގައިވަނީ ހަރުކަށި ފުރަބަންދެއް ޤާއިމްކޮށްފައެވެ. އެއަށްފަހު ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ދިޔުމަށްފަހު އޮގަސްޓު މަހުގެ ފަހުކޮޅުގައި ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފެށިއެވެ. އޮގަސްޓު މަހުގެ ފަހުކޮޅުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 10،000 މީހުންނަށް ބަލިޖެހެމުން ގޮސް އެ ޢަދަދު މިހާރުވަނީ 16،000އަށް އިތުރުވެފައެވެ. ފާއިތުވި ހަ ހަފުތާގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ.

މާރިޗު މަހުގެ ފަހުކޮޅުގައި ސްޕެއިންގައި ދުވާލަކު 900އެއްހާ މީހުން ދިޔައީ ކޯވިޑް-19ގެ ސަބަބުން މަރުވަމުންނެވެ. ދުވާލެއްގެ މައްޗަށް މީހުން މަރުވާ ޢަދަދު އޭރާ އަޅާ ބަލައިއިރު މިހާރު ވަރަށް ދަށެވެ. ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދު މި ދުވަސްވަރު ހުރީ ސަތޭކައިގެ ޢަދަދުތަކުގައެވެ. މަރުވާ މީހުންގެ ޢަދަދު ދަށް ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހަސްފަތާލުގައި ފަރުވާ ދޭންޖެހޭ މީހުންގެ ނިސްބަތްވަނީ 20 އިންސައްތަ އިތުރުވެފައެވެ. ސްޕެއިނުގެ ކެޓެލޯނިއާ ސަރަޙައްގުގައި އެ ނިސްބަތް ހުރީ 70 އިންސައްތައިގައެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަންތަކާއި ޚިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް ހަސްފަތާލުތަކުގައި ވަގުތީގޮތުން މެދުކަނޑާލުން އެކަށީގެންވެއެވެ.

ސްޕެއިނުގައި ކޯވިޑް-19ގެ ފުރަތަމަ ރާޅު ފެތުރުނުއިރު އެ ޤައުމުގެ ދުވަސްވީ މީހުންގެ އާބާދީއަށް ބަލީގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެ ދުވަސްވަރު ސިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރުބޮޑުވިއެވެ. އެފަދަ ޙާލަތަކަށް ދެވަނަ ފަހަރަށް ދިޔަ ނުދިނުމަށް ސްޕެއިނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފާއިތުވި ހަފުތާތަކުގައިވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އޭގެ އިތުރުން އެންމެ ހަލުވިކޮށް ބަލިފެތުރޭ ސަރަޙައްދުތަކުގައި ކާފިއު އިޢުލާނުކުރުމާމެދު ސަރުކާރުންދަނީ ވިސްނަމުންނެވެ.

ބައެއް ޞިއްޙީ މާހިރުން ބުނީ ސްޕެއިނުގައި އެޅި ފުރަބަންދުގެ ފިޔަވަޅުތައް އުވާލާފައިވަނީ ބަލިޖެހިފައިވާ މީހުން ދެނެގަތުމުގެ ނިޒާމު ރަނގަޅަށް ޤާއިމް ނުކުރެވެނީސްކަމަށެވެ. އެހެން ޤައުމުތަކަށްވުރެ ސްޕެއިނުގައި ދެވަނަ ފަހަރަށް ބަލިފެތުރޭ މިންވަރު އަވަސްވީ އެހެންވެކަމަށް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ. ޤައުމުގެ ސިޔާސީ މަޝްރަހުގެ ސަބަބުންވެސް ސްޕެއިނުގެ ޙާލަތު ގޯސްވަމުންދާކަމަށް ގިނަ ބަޔަކު ދެކެއެވެ.