ރިޕޯޓް

ޖުޕިޓާގެ އިއޯ ހަނދާއި ބެހޭ އިތުރު މަޢުލޫމާތުތަކެއް


އަހަރެމެންގެ ސޯލާސިސްޓަމުގައި ހިމެނޭ އެންމެ ބޮޑު ޕުލެނެޓުކަމުގައިވާ ޖުޕިޓާގެ 79 ހަނދުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ހަނދު، އިއޯއާއި ބެހޭ އައު މަޢުލޫމާތުތަކެއް ސައިންސުވެރިން ހޯފައިފިއެވެ.

ސައިޒުގެ ގޮތުން ބަލާއިރު އަހަރެމެންގެ ހަނދަށްވުރެ އިއޯ ހަނދު ބޮޑީ ވަރަށް ކުޑަ ތަންކޮޅެކެވެ. ނަމަވެސް އެ ހަނދުގެ ދެމެދުގައި ހުރި ތަފާތުތައް ވަރަށް ގިނައެވެ. އިއޯގެ މާހައުކަލީވެސް ވަރަށް ތަފާތު މާހައުލެކެވެ. އެތައް މޭލެއްގެ އުސްމިނަށް ދަތުރުކުރެވޭ ކެކިކެކި ހުރި ދިޔާ އަލިފާން ހުންނަ 400އަށްވުރެ ގިނަ އަލިފާން ފަރުބަދަ އިއޯގައި ހުރެއެވެ. އަދި ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުގެ ތެރޭގައި އޮތް އެންމެ ގިނަ އަލިފާން ފަރުބަދަތައް ކެކެމުންދާ ދުނިޔޭގެ ގޮތުގައި އޮތީވެސް ޖުޕިޓާގެ އިއޯ ހަނދެވެ.

ދުނިޔޭގައި ހުރި ޓެލެސްކޯޕުތަކަކުން ނަގާފައިވާ ގިނަ ރޭޑިއޯ މަންޒަރުތަކަކުން އިއޯގައި ހުރި ގިނަ އަލިފާން ފަރުބަދަތަކުގެ ސަބަބުން އެ ހަނދުގެ ތުނި ވައިގެ ފަށަލައަށް ކުރާ އަސަރުވަނީ ފުރަތަމަ ފަހަރަށް ފެނިފައެވެ.

ޗިލީގެ އަޓަކަމަ ލާޖް މިލިމީޓަ/ސަބްމިލިމީޓާ އެރޭ އޮފް ޓެލެސްކޯޕްސް ނުވަތަ އަލްމާއިން އެއްކޮށްފައިވާ އިއޯގެ ފޮޓޯތަކުން އިއޯ ހަނދާއި އެ ހަނދުގެ ޚާއްސަ ކުލަތައްކަމަށްވާ ރީދޫ، ހުދު، އޮރެންޖު އަދި ރަތްކުލަ އުފެދެނީ ކިހިނެތްކަމާމެދު ކޮންމެވެސް ވަރެއްގެ މަޢުލޫމާތުތަކެއްވަނީ ހޯދިފައެވެ.

އެ ހަނދުގެ ފަށަލައިން އެ ކުލަތައް ފެންނަނީ އިއޯ ހަނދުގައި ހުންނަ އެތައް ސަތޭކަ އަލިފާން ފަރުބަދަތަކުން ބޭރުވާ ސަލްފާ ހިމެނޭ ގޭސްތައް ހަނދުގެ ފިނި ވައިގެ ފަށަލަ އާއި ހަމައަށް އަރައި ގަނޑުވުމުންނެވެ.

އެތައް ބައިވަރު އަލިފާން ފަރުބަދައެއް ހުންނަ ހަނދެކޭ ބުނުމުން ކޮންމެ މީހަކަށްވެސް ސިފަވާނީ އެއީ ވަރަށް ހޫނުގަދަ ހަނދެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީޤާތުގައި އިއޯ ހަނދުގެ ފަށަލަ އަބަދުވެސް ހުންނަނީ މައިނަސް 230 ޑިގްރީ ފެރެން ހައިޓުގައި ވަރަށް ފިނިކޮށެވެ. އިއޯގެ ވައިގެ ޖައްވުގެ ފަށަލައަކީ އަހަރެމެން ދިއިރުޅޭ ދުނިޔޭގެ ޖައްވުގެ ފަށަލައަށްވުރެ އެތައް ބިލިއަން ގުނައެއް ތުނި ފަށަލައެކެވެ. އެ ފަށަލައިގެ ބޮޑު ބައެއް ޙިއްޞާކުރަނީ ސަލްފާ ޑައިއޮކްސައިޑު ގޭހެވެ. ނަމަވެސް އެ ހަނދުގެ ފަށަލަ އެހެން އޮންނަ ސީދާ ސަބަބެއް ސައިންސުވެރިންނަކަށް ނޭނގެއެވެ.

އެކަން އިތުރަށް ދިރާސާކުރުމަށް ސައިންސުވެރިންވަނީ ޖުޕިޓާގެ ހިޔަނިން ނެއްޓޭއިރާއި ހިޔަނި ތެރޭގައި އިއޯ ދަތުރުކުރާއިރު އަންނަ ބަދަލުތައް ބަލައިފައެވެ. ކޮންމެ 42 ގަޑިއިރަކުން ޖުޕިޓާގެ ހިޔަނިތެރެއިން އިއޯ ދަތުރުކުރެއެވެ. އެ ވަގުތުކޮޅަކީ އިއޯގެ ޖައްވުގެ ފަށަލައަށް ވަރަށް ނާޒުކު ވަގުތުކޮޅެއްގެ ގޮތުގައި ޓެލެސްކޯޕު މެދުވެރިކޮށް ނަގާފައިވާ މަންޒަރުތަކުން ފެނެއެވެ.

ޖުޕިޓާގެ ހިޔަނި ތެރެއިން އިއޯ ހުރަސްކުރާއިރު އިރުގެ ސީދާ އަވިން އިއޯ ނެއްޓެއެވެ. އެ ވަގުތަކީ ސަލްފާޑައިއޮކްސައިޑު ގޭހެއްގެ ގޮތުގައި ދެމިހުރެވޭ ވަރަށްވުރެ ފިނިހޫނުމިން މާ ބޮޑަށް ދަށަށްދާ ވަގުތުކޮޅެވެ. އެއާއެކު އެ ގޭސްތައް ގަނޑުވެއެވެ. އެވަގުތުގައި އެ ފެންނަނ ރީތި ކުލަތަކަކީ އަލިފާން ފަރުބަދަތަކުން އުފެދޭ ސަލްފާ ޑައިއޮކްސައިޑު ގަނޑުވެފައި ހުންނަ މަންޒަރެވެ. އެހެންކަމުން އަލިފާން ފަރުބަދަތަކުން ބޭރުވާ ގޭހުން ޙިއްޞާކުރަނީ އިއޯގެ ޖައްވުގެ ފަށަލައިގެ ކިހާ މިންވަރެއްކަން ސައިންސުވެރިންނަށްވަނީ ދެނެގަނެވިފައެވެ.

އަލްމާ ފޮޓޯތަކުން ފެންނަ ގޮތުގައި އިއޯގެ ޖައްވުގެ ފަށަލައިގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު ޙިއްޞާކުރަނީ އަލިފާން ފަރުބަދަތަކުން ނުކުންނަ ސަލްފަ ޑައިއޮކްސައިޑާއި ސަލްފަ މޮނޮކްސައިޑެވެ. ސައިންސުވެރިންނަށްވަނީ އަލިފާން ފަރުބަދަތަކުގައި ހުންނަ 'މަގްމާ'ގައި ހިމެނޭ ޕޮޓަސިއަމް ކުލޮރައިޑު ގޭހުގެ އަސަރުވެސް ފެނިފައެވެ.

ޖުޕިޓާގެ ހިޔަނިން އިއޯ ދަތުރުކުރާ 'ކޭތަ' ނިމުމުން އަނެއްކާވެސް އިރުގެ އަލިކަމަށް އިއޯ ހުށަހެޅެއެވެ. އެހާ ހިސާބުން އަނެއްކާވެސް ހޫނުމިން އިތުރުވެ ގަނޑުވެފައިވާ ސަލްފައޮކްސައިޑު އަނެއްކާވެސް ގޭހަކަށް ބަދަލުވެއެވެ. އެ ބަދަލު އަންނަން ނަގަނީ އެންމެ ދިހަ މިނެޓެވެ. އެއީ އެކަމަށް ނަގާ ވަގުތުކަމަށް މީގެ ކުރިން ޤަބޫލުކުރެވުނު ވަގުތަށްވުރެ ކުރު ވަގުތުކޮޅެކެވެ.