އުފަންވިއިރު ދެ އަތް ނެތް މީހަކަށް ސްނޫކަރު ކުޅެވިދާނެކަމަށް ޤަބޫލުކުރުމަކީ ވަރަށް ދަތިކަމެކެވެ. ދިގު ދަނޑިއެއް ބޭނުންކޮށްގެން ވަރަށް އަމާޒުކޮށްގެން ކުޅޭ އެ ކުޅިވަރު ކުޅުމަށް އަތުގެ މުހިންމުކަން ވަރަށް ބޮޑެވެ. ނަމަވެސް ޕާކިސްތާނަށް އުފަން އުމުރުން 32 އަހަރުގެ މުޙައްމަދު އިކްރާމްދަނީ އަތް ނެތަސްވެސް މޮޅަށް ސްނޫކަރު ކުޅެވިދާނެކަން ހާމަކޮށްދެމުންނެވެ.
ނުވަ ކުދިން ތިބޭ ފަޤީރު ޢާއިލާއަކަށް އުފަންވި އިކްރާމަކީ އުފަންވިއިރުވެސް ދެ އަތް މަދު މީހެއްގެ ގޮތުގައި އުފަންވި މީހެކެވެ. އޭނާއަކީ ތަޢުލީމު ލިބިފައިވާ މީހެއް ނޫނެވެ. ބޮޑުވެގެން އައީ ދެ އަތުގެ އިތުރުން އެހެން ގިނަ ކަންތައްތަކަކުންވެސް މަހުރޫވެގެންނެވެ.
ބޮޑުވަމުން އައި އިރު އިކުރާމު އެންމެ ކުރާހިތްވާކަމަކީ އެހެން މީހުން އޭނާ އެންމެ ގަޔާވާ ކުޅިވަރުކަމުގައިވާ ސްނޫކަރު ކުޅޭ މަންޒަރު ބެލުމެވެ. އެހެން ކުދިން ކުޅޭ އިރު އެ ކުޅިވަރު ކުޅެލާ ހިތުން އިންނަ އިކުރާމަށް އަތެއް ލިބިފައިވާ ނެތުމުގެ ސަބަބުން ކުޅިވަރުގައި ބައިވެރިނުވެވޭތީ އޭނާ ހިތާމަކުރާކަމަށް އޭނާގެ މަންމަ ރާޒިއާ ބީބީ ކިޔައިދިނެވެ.
ޕާކިސްތާނުގެ ޕަންޖާބު ޕުރޮވިންސުގައި އޮންނަ ރަށްފުށު އަވަށެއްގައި ދިރިއުޅޭ އިކުރާމު އެންމެ ފުރަތަމަ ސްނޫކަރު ކުޅެންފެށީ ސިއްރުންނެވެ. ސްނޫކަރު ކުޅުމަށް ބޭނުންކުރާ މައި ބޯޅަކަށްވާ ކިއު ބޯޅަ އަމާޒުކުރުމަށްފަހު އޭނާގެ ދަތް ދޮޅިން ޖަހައި އޭނާގެ އަމާޒަށް ފޮނުވައެވެ. އޭނާ ބުނީ އެގޮތަށް ކަންތައް ކުރުމުގެ ޚިޔާލު އޭނާއަށް އައީ ކޮން އިރަކުކަން ބުނަން ނޭނގޭކަމަށާއި ކޮންމެވެސް ހިސާބަކުން އެގޮތަށް ކުޅެވޭތޯ ފަރިތަކުރަން ފެށީކަމަށެވެ. އެގޮތަށް ފަރިތަ ކުރާތާ އަށް އަހަރު ފަހުން ގުނަވަންތައް ހަމައަށް ހުރި މީހެކޭ އެއްވަރަށް އިކުރާމަށް މިހާރު ސްނޫކަރު ކުޅެވެއެވެ.
އިކުރާމު ބުނީ ސްނޫކަރު ކުޅެން ވަރަށް މޮޅު މީހުންނާއި އޭނާއާއި ބައްދަލުވެފައިވާކަމަށާއި އޭނާއަކީ ވަރަށް މޮޅު މީހެއްކަމަށް އެމީހުންވެސް ބުނާކަމަށެވެ. ޕާކިސްތާނަށް ޝަރަފު ހޯދައިދިނުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރިކަމަށް އެމީހުން ބުނާކަމަށް އިކުރާމު ބުންޏެވެ.
ޕާކިސްތާނުގެ ކިއު މާސްޓާ ސްނޫކަރު ކުލަބުގެ އެއް ޙިއްސާދާރުކަމަށްވާ މިއަން އުސްމާނު އަޙުމަދު ބުނީ އޭނާގެ ސްނޫކަރު ކުލަބުގައި ބާއްވާ މުބާރާތްތަކުގައި އިކުރާމު ބައިވެރިވާކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ކުލަބުގައި ބޭއްވި މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް އިކުރާމު ހޯދައިފައިވާކަމަށް އަޙުމަދު ކިޔައިދިނެވެ. ކުލަބަށް އައިސް އޭނާއަށް ކުޅުމުގެ ފުރުޞަތު ދިނުމަށް އިކުރާމު އެދޭކަމަށް އަޙުމަދު ބުންޏެވެ. އޭނާގެ ދެ އަތުންކުރެ އެންމެ އަތްވެސް ނެތުމުން އޭނާއަށް ނުކުޅެވޭނެކަމަށް ކުލަބުން ނިންމިކަމަށް އަހުމަދު ބުންޏެވެ. ނަމަވެސް އޭނާގެ ހުނަރު ދައްކައިދޭނެކަމަށް ބުނެ ބައިވެރިވުމުގެ ޙުއްދަ ހޯދައި، އޭނާއަށް ކުޅެވޭނެކަން ހާމަކޮށްދިންކަމަށް އަޙުމަދު ބުންޏެވެ. އަދި އޭނާއަކީ މޮޅު ކުޅުންތެރިއެއްކަންވެސް އެނގިގެން ދިޔަކަމަށް އަޙުމަދު ބުންޏެވެ.
އިކުރާމު ބުނީ އޭނާގެ ޙާލަތާމެދު މާޔޫސްނުވެ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރުމަކީ މީހުން އޭނާ ބަލައިގަންނަ ސަބަބެއް ކަމަށެވެ. ކާބޯތަކެތި ވިއްކާ ބައެއް ތަންތަނުން އޭނާއަށް ހިލޭ ކާންދޭކަމަށާއި އެ ތަންތަނުގައި މަސައްކަތްކުރާ ވެއިޓަރުން އެމީހުންގެ އަތުން އޭނާއަށް ބައެއް ފަހަރު ކާންދޭކަމަށް އިކުރާމް ބުންޏެވެ.
އިކުރާމުގެ އުންމީދަކީ ސަރުކާރުގެ އެހީތެރިކަމާއެކު ބައިނަލްއަޤްވާމީ މައިދާނެއްގައި ސުނޫކަރު ކުޅުމުގެ ފުރުޞަތު ލިބުމެވެ. އިކުރާމު ބުނީ އޭނާއަށް ދެ އަތުގެ ނިޢުމަތް ލިބިފައިނުވި ނަމަވެސް އޭނާއަށް ހިތްވަރުގަދަކަމުގެ ނިޢުމަތް ދެއްވާފައިވާކަމަށެވެ. އޭނާގެ އުންމީދުތައް ޙާޞިލްކުރުމަށް ބޭނުންކުރަމުންދަނީ އެ ރޫޙުކަމަށާއި ނުކުޅެދުންތެރިކަމެއް ހުއްޓަސް އެއްވެސް މީހަކު ހިތްވަރު އެލުވާލައި މާޔޫސްވެގެން ނުވާނެކަމަށް އޭނާ ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ 3.3 މިލިއަނަށްވުރެ ގިނަ މީހުން ޕާކިސްތާނުގައި ދިރިއުޅޭކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ނަމަވެސް ބައެއް ދިރާސާތަކުންވަނީ އެ ޤައުމުގެ 210 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 13 އިންސައްތަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އަންދާޒާ ކޮށްފައެވެ.