ޚަބަރު

ކޯވިޑް-19 : މިއަދު އެންމެ ގިނަ ކޭސް ފެނުނީ ރ.ކުޑަކުރަތުން


ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ކޯވިޑް-19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަލަށް ހަދަމުން އަންނަ ރިސޯޓަކުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށްބަލާއިރު ހޮނިހިރު ދުވަހުގެ އިރު އޮއްސި 6 އިން އާދިއްތަ ދުވަހުގެ އިރު އޮއްސި 6 އާ ހަމައަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 84 ކޭސްގެތެރެއިން 52 ކޭސް ޕޮޒިޓިވްވެފައިވަނީ އަލަށް ހަދަމުން އަންނަ ރިސޯޓެއްކަމަށްވާ ރ.ކުޑަކުރަތުންނެވެ. މިރަށުގައި އެންމެ ފުރަތަމަ މީހެއްގެ ކިބައިން އަލާމާތްތައް ފެނިގެން ސާމްޕަލްނަގާ ޓެސްޓްކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން 4 މީހަކު ޕޮޒިޓިވްވެފައިވާއިރު އިތުރު 7 މީހަކު 24 ވަނަ ދުވަހުވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު އެރަށުގައި ޖުމްލަ 63 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ. އަދި މީގެ ތެރެއިން އެކަކު މިހާރު އިތުރު ފަރުވާއަށް ބ.އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ ޢަދަދު އެގާރަހާހުން މައްޗަށް އަރާފައިވާއިރު މިހާތަނަށް މިބަލިން ރަނގަޅު ވީ މީހުންގެ ޢަދަދުވެސްވަނީ ދިހަހާހުން މަތީގައެވެ. ރާއްޖެއިން ކޯވިޑް ބަލީގައި މިހާތަނަށް 37 މީހަކުވަނީ ނިޔާވެފައެވެ.