އަހަރެމެންނަށް މައިކްރޯވޭވޭ ބުނުމުން އަބަދުވެސް ސިފަކުރެވެނީ އެއީ ކާއެއްޗެހި ހޫނުކޮށްލުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ކެއުމުގެ ކުރިން ކާއެއްޗެހި ތާޒާކޮށްލުމާއި ގަނޑުވެފައި ހުންނަ ތަކެތިން ގަނޑު ފިލުވުން ނޫން އިތުރު ގިނަ ބޭނުންތައްވެސް މައިކްރޯވޭވުން ކުރެވެއެވެ.
ޕާސްލޭ، ބާސިލް، ސީލެރީ ފަދަ ކެއްކުމުގައި ރަހަ ރަނގަޅުކުރަން ބޭނުންކުރާ ފަތްތައް ތާޒާކޮށް ގަނެފައި ބެހެއްޓުމުން ދުވަސްކޮޅެއްގެ ތެރޭގައި އެ މިލައެވެ. ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ހިއްކި ފަތް ގަތުމުގެ ބަދަލުގައި އަމިއްލަ ގޭގައިވެސް ތާޒާ ފަތް ބޭނުންކޮށްގެން އޭގެ ސްޕައިސް ފުޅިއެއް މައިކްރޯވޭވް ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެއެވެ.. ފަތްޕިލާވެލި ހިއްކުމަށް މައިކްރޯވޭވް ބޭނުންކުރާނެ ގޮތަކީ މިއީއެވެ. ދެ ޕޭޕާ ޓަވަލްގެ ދެމެދުގައި ފަތްތައް ރީތިކޮށް އެއް ސަފަކަށް އަތުރާލާށެވެ. އެއަށްފަހު ހޫނުމިން 'ހައި'އަށް ލުމަށްފަހު އެއް މިނެޓު ވަންދެން މައިކްރޯވޭވުގައި ހޫނުކުރާށެވެ.
މައިކްރޯވޭވުގައި ބޭނުންކުރުން ރައްކާތެރި ތަށްޓެއްގައި އެއް ސަފަށް ވާގޮތަށް ބަދަންތައް ރީތިކޮށް އަތުރާލައިށެވެ. އެއަށްފަހު އޭގެ ތެރެއަށް ބަޓަރުކޮޅެއް ނުވަތަ ތެޔޮކޮޅެއް އެއްކޮށްލާށެވެ. އެގޮތަށް ތެޔޮ އަޅާނީ ބަދަނުގެ ކޮންމެ ކަޕަކަށް ބައި ސައިސަމްސަމުގެ މިނުންނެވެ. އެއަށްފަހު މައިކްރޯވޭވްގެ ހޫނުމިން 'ހައި'އަށް ލުމަށްފަހު މިނެޓެއްހާއިރަށް މައިކްރޯވޭވް ޖައްސާށެވެ. މަޑު މުށިކުލައަކަށް ބަދަނުގެ ކުލަ ބަދަލުވެ މީރު ވަސް ދުވަން ފަށަންދެން ހޫނު ކުރާ ވަގުތު މަޑުމަޑުން އިތުރުކުރަމުންދާށެވެ.
ދިވެހިންގެ އާދަކާދައިގައި އާފަލު ފިހެގެން ކެއުމަކީ ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް ކުޑަކުދިންނަށް ކާން ދިނުމަށް އާފަލު މަޑުކޮށްފައި ދެއެވެ. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާފަލު މަޑުކޮށްލުމަށް މައިކްރޯވޭވު ބޭނުންކުރެވިދާނެއެވެ.
ބޮޑެތި މީހުން ކެއުމަށްވެސް މައިކްރޯވޭވު ބޭނުންކޮށް މީރު ގޮތަކަށް އާފަލު ތައްޔާރުކޮށްލެވިދާނެއެވެ. ހަދަންވީ ގޮތަކީ މިއީޢެވެ. އެންމެ ފުރަތަމަ އާފަލުގެ ތޮށި މަށައި ކަރުގަނޑު ނެގުމަށްފަހު މޭޒު މަތީ ސަމުސަލެއްގެ ބަޓަރާއި ފޮނިތޮށިކުނޑި އަޅައި އެއްކޮށްލާށެވެ. އޭގެ މަތީގައި ވެކްސް ޕޭޕަރު އެޅުމަށްފަހު ހޫނުމިން 'ހައި'އަށް ލުމަށްފަހު 2.5 ނުވަތަ ތިން މިނެޓު ވަންދެން މައިކްރޯވޭވުގައި ހޫނުކޮށްލާށެވެ. ކެއުމުގެ ކުރިން ތައްޔާރުކޮށްލި އާފަލު ހިހޫވުމަށް ވަގުތުކޮޅަކު ބަހައްޓަންވާނެއެވެ.
އާދައިގެ އަވަނެއްގައި އަލުވި ފިހެން ނަގާ ވަގުތަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައިކްރޯވޭވް ބޭނުންކޮށްގެން އަލުވި ފިހެވިދާނެއެވެ. އެންމެ ފުރަތަމަ ރީތިކޮށް އަލުވި އުނގުޅާ ދޮވެލާށެވެ. އެއަށްފަހު އުލެއް ބޭނުންކޮށްގެން އަލުވީގައި މަދުނުވާވަރަށް ލޯވަޅު އަޅައިލާށެވެ. އެއީ އަލުވި ފިހެވޭއިރު އުފެދޭ އުދާސް ބޭރުކުރުމުގެ ބޭނުމުގައި ކުރާކަމެވެ. އެންމެ އަލުއްވެއް ފިހޭނަމަ ހަތެއް ނޫނީ އަށް މިނެޓު ވަންދެން މައިކްރޯވޭވުގައި ކައްކާލާށެވެ. ދެ އަލުވި ފިހޭނަމަ 10 މިނެޓާއި 12 މިނެޓާ ދެމެދުގެ ޢަދަދަކަށް ވަގުތު އިތުރުކޮށްލާށެވެ. ހަތަރު އަލުވި ލާނަމަ 14 ނޫނީ 18 މިނެޓަށް ކައްކާށެވެ. ވަކި ވަރަކަށް އަލުވި ފިހެވުމުން ފުށުން ޖެހުމަށް ހަނދާނުގައި ބަހައްޓައްޗެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޫނު އަދި މީރު ނާސްތާއެއް ތައްޔާރުކޮށްލަން ބޭނުންހެއްޔެވެ؟ މައިކްރޯވޭވުގައި ބިސްވެސް ތައްޔާރުކޮށްލެވިދާނެއެވެ. މައިކްރޯވޭވަށްލުން ރައްކާތެރި ތަށްޓެއްގެ ތެރެއަށް ބިހެއް ތަޅައިލާށެވެ. އެއަށްފަހު އެއް މޭޒު މަތީ ސަމުސާގެ ކިރު ނުވަތަ ފެންފޮދެއް އަޅައިލާށެވެ. އައި ހޫނުމިން 'ހައި'އަށް ލުމަށްފަހު 30 ސުކުންތާއި 45 ސިކުންތާ ދެމެދުގެ ވަގުތުކޮޅަކަށް މައިކްރޯވޭވު ޖައްސާށެވެ. އެއަށްފަހު ތަށީގައި ހުރި ބިސްކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު ދެ ތިން މިނެޓުވަންދެން ބަހައްޓާށެވެ.
މީ ބައެއް ފަހަރު މީހުން ތަންކޮޅެއް އުނދަގުލުން ކުރާކެމެކެވެ. އެކަކަމކު މީވެސް މައިކްރޯވޭވުން ކޕށްލެވިދާނެކަމެކެވެ. އަވަނަށް ލާން ރައްކާތެރި ތައްޓެއްގައި ރޯ ތަރުކާރީ އަތުރާލާށެވެ. އޭގެ ތެރެއަށް މޭޒުމަތީ ސަމްސަލުގެ ދެތިން ސަމްސާ ފެން އަޅައި މަތި ޖަހާލާށެވެ. އެގޮތަށް މަތިޖަހާއިރު ހޫނު އުދާސް ބޭރުކުރަން ކުޑަ ޖާގައެއް ބޭންދުމަށް ސަމާލުވާށެވެ. ހޫނުމިން 'ހައި'އަށް ލުމަށްފަހު ތިން މިނެޓާއި ހަތް މިނެޓާ ދެމެދުގެ ވަގުތައް ނުވަތަ މަޑުވަންދެން މައިކްރޯވޭވުގައި ކައްކާލާށެވެ.
ސޫޕު ތައްޔާރުކުރަން ހަދަންވީ ގޮތަކީ މިއީއެވެ. ކޮށާފައިވާ ތަރުކާރީއާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ބީންސާއި ކުކުޅާއި ކުކުޅު ދިޔަކޮޅު މައިކްރޯވޭވަށްލުން ރައްކާތެރި ތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އުދާސް ބޭރުވުމަށް ޖާގައެއް އިންނަގޮތަށް ތަށީގެ މަތި ބަންދުކޮށްލާށެވެ. ސޫޕު ތައްޔާރުވާން އާންމުކޮށް ނަގާނީ 15 މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތެވެ. ސޫޕުކޮޅު ދޭތެރެ ދޭތެރެއިން ހަލުވާލުމުން ހުރިހާ ދިމާލެއްވެސް ރަނގަޅަށް ހޫނުވެފައިވާކަން ޔަޤީންވާނެއެވެ.
ބަދިގޭގައި ގެންގުޅޭ ސްޕޮންޖުތަކުގައި ކިހާ ޖަރާސީމެއް ހުންނަކަން އެގޭ ހެއްޔެވެ. ނޭގެއެވެ. އެހެންކަމުން މި ސްޕޮންޖުތަކުން ޖަރާސީމު ފިލުވާލަންވެސް މައިކްރޯވޭވް ބޭނުންކުރެވިދާނެއެވެ.
ޖަރާސީމު ފިލުވުމަށް ހޫނު މިން 'ހައި'އަށް ލުމަށްފަހު އެއް މިނެޓު ވަންދެން މައިކްރޯވޭވުގައި ހޫނުކޮށްލާށެވެ. މައިކްރޯވޭވަށް ސްޕޮންޖު ލުމުގެ ކުރިން ރަނގަޅަށް ސްޕޮންޖު ތެތްކޮށްލާށެވެ. އެހެންނޫނީ ސްޕޮންޖުގައި އަލިފާން ރޯވެދާނެއެވެ. ސްޕޮންޖުގައި ދަގަނޑު ނަރުގަނޑެއް ނެތްކަންވެސް ޔަޤީންކުރައްޗެވެ. އެފަދަ ނަރުގަނޑެއް ސްޕޮންޖުގައި އިންނަ ނަމަ މައިކްރޯވޭވަށް ލުމުގެ ބަދަލުގައި ޑިޝްވޮޝާ ބޭނުންކޮށްގެން ސްޕޮންޖު ސާފުކުރާށެވެ.
މައިކްރޯވޭވަށް އެއްވެސް ތައްޓެއް ލުމުގެ ކުރިން އެ ތައްޓަކީ މައިކްރޯވޭވުގައި ބޭނުންކުރުން ރައްކާތެރި ތަށްޓެއްތޯ ޔަޤީންކުރާށެވެ. ފޯމުން ހަދާފައި ހުންނަ ތަށިތަށި މައިކްރޯވޭވަށް ނުލާށެވެ. ދަގަނޑު އެއްވެސް އެއްޗެއް މައިކްރޯވޭވަށް ނުލުމަށް ޚާއްޞަ ސަމާލުކަން ދޭންޖެހެއެވެ.
މައިކްރޯވޭވަށް ޕްލާސްޓިކު ރެބުން ބަނދުކޮށްފައި ހުންނަ ކާއެއްޗެހި ލުމުން ބައެއް ފަހަރު އޭގައި ހުންނަ ކެމިކަލްގެ އަސަރު ކާއެއްޗެއްސަށްކުރުން އެކަށޭގެންވެއެވެ. އެހެންކަމުން ޕްލާސްޓިކު ރެޕް ބޭނުންކުރުމުގައި ސަމާލުވާން ވާނެއެވެ.
ހޫނުކުރާ އެއްޗެހި ހުރިހާ ދިމާލަކުން ރަނގަޅަށް ހޫނުވާކަން ޔަޤީންކުރުމަށް ހަތަރެސްކަން ތައްޓަކަށްވުރެ ވަށް ތަށްޓެއް ބޭނުންކުރުން ރަނގަޅުވާނެއެވެ.
މައިކްރޯވޭވް ބޭނުންކުރުމުން ކެންސަރު ޖެހޭކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފަނިފައެއް ނުވެއެވެ. މައިކްރޯވޭވުން ކާއެއްޗެހި ކައްކަނީ ކާ އެއްޗެހީގައި ހުންނަ ވޯޓާ މޮލެކިއުންތައް ވައިބުރޭޓުކޮށް އޭގެން ހޫނު ބޭރުކޮށްގެންނެވެ. މައިކްރޯވޭވު ބޭނުންކުރުމުން އޭގައި ކައްކާތަކެތި 'ރޭޑިއޯ އެކްޓިވް' އެއްޗެއްސަކަށް ނުވާނެއެވެ. ރަނގަޅަށް މަސައްކަތްކުރާ މައިކްރޯވޭވަކުން ކެންސަރަށް މީހުން ހުށަހެޅޭވަރަށް ރޭޑިއޭޝަންވެސް ބޭރެއް ނުވެއެވެ.