ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރާ މިންވަރު ބެލުމަށްޓަކައި ކުރިއަށްގެންދާ އިންސްޕެކްޝަން ފަށައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން ޢާއްމުން އެއްވާ ތަންތަން ހުންނަންޖެހޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންވަރަށް ތަންތަނުގެ ޙާލަތު ހުރިތޯ ބެލުމަށް އަންނަނީ އިންސްޕެކްޝަންތައް ބާއްވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހުފެށި އިންސްޕެކްޝަން ޚާއްސަކޮށްފައިވަނީ ސަރުކާރާއި އަމިއްލަ އޮފީސްތަކަށެވެ. މިއިންސްޕެކްޝަންގެ ތެރެއިން އޮފީސް މާޙައުލުގައި ކަންކަން ބައްޓަންކުރެވިފައިވަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ކޯވިޑް-19އިން ރައްކާތެރިވެވޭނެ ފަދަ ގޮތަކަށްތޯ އެޗްޕީއޭއިން ބަލާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
އެގޮތުން އޮފީސް މާޙައުލުގައި ގައިދުރުކަން އިސްކުރެވޭނެ ގޮތަށް އަޅާފައިވާ ފިޔަވަޅުތަކާއި ގިނަގިނައިން އަތްދޮވެ ސެނިޓައިޒްކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށްވެސް ބަލާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެއިތުރުން ރައްކާތެރިކަމަށްޓަކާ ތަންތަން ޑިސްއިންފެކްޓްކުރާނެ ގޮތުގެ ގަވާއިދުވެސް އެޗްޕީއޭއިން ޢާއްމުކޮށްފައިވާއިރު މިއުސޫލުތަކަށް ޢަމަލުކުރާ މިންވަރު ބަލާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މާސްއިންސްޕެކްޝަންގެ އިތުރު ބުރެއް މިހާރު ފަށާފައިވާއިރު މިއިންސްޕެކްޝަން ކުރިއަށްގެންދިޔުމުގައިވެސް ޢާއްމުންނާއި އޮފީސްތަކުގެ އެއްބާރުލުން ދެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އެޗްޕީއޭއިންވަނީ މީގެ ކުރިންވެސް ޢާއްމުން އެއްވެ އުޅޭ ތަންތަނުގެ ޙާލަތު ދެނެގަތުމަށް އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައެވެ.
އެގޮތުން ކެފޭ ރެސްޓޯރެންޓުތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް ގަވާއިދާ އެއްގޮތަށް ހުރިތަންތަން ފާހަގަކޮށް އެތަންތަނަށް އެޗްޕީއޭގެ ސްޓިކާ ދީފައިވާއިރު ގަވާއިދާ ޚިލާފަށް ހުރިތަންތަން ޖޫރިމަނާކޮށް ތަންތަން ބަންދުކޮށް އަލުން ރަނގަޅުކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން އެންމެ ފަހުން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގެ 4ވަނަ ބުރުގައިވަނީ ތިންހާހަށްވުރެ ގިނަ ތަންތަން ބަލާފާސްކޮށްފައެވެ.