ދުނިޔެ

ވެކްސިނަކަށްވުރެ މުހިންމީ ފަރުވާއެއް - ބުރެޒިލުގެ ރައީސް ބޮލްސޮނާރޯ


ކޯވިޑް-19ން އަރައިގަތުމަށް އެންމެ ޚަރަދުކުޑަ އަދި އެންމެ ފަސޭހަ ގޮތަކީ ވެކްސިނެއް ހޯދުމަށް ޚަރަދުކުރުމުގެ ބަދަލުގައި ބައްޔަށް ފަރުވާއެއް ހޯދުންކަމަށް ބުރެޒިލުގެ ރައީސް ޖައީޚް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.

ބުރެޒިލަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމެވެ. އެ ޤައުމުގައި މިހާތަނަށް 5.4 މިލިއަން މީހުންނަށް ބަލިޖެހި 157،451 މީހުންވަނީ މަރުވެފައެވެ. އެއީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން އެއް ޤައުމަކުން މަރުވެފައިވަނީވެސް ބްރެޒިލްގައެވެ.

ރިޔާސީ ގަނޑުވަރުގެ ބޭރުގައި ހުންނަވާ އެމަނިކުފާނަށް ތާޢީދުކުރާ މީހުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ބޮލްސޮނާރޯ ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ހޯދުމަށް ބޮޑެތި ޚަރަދުތައް ކުރުމަށްވުރެ ފަރުވާއެއް ހޯދުމަށް މަސައްކަތްކުރުމަކީ މާ ބުއްދިވެރިގޮތެއްކަމަށް އެނަމިކުފާނު ޤަބޫލުކުރައްވާކަމަށެވެ. އަދި އެއީ މާ ޚަރަދުކުޑަ އަދި ފަސޭހަ މަގަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވިދާޅުވުމުން ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމަކީ އެމަނިކުފާނު އެހާ ގަޔާވެވަޑައިގަންނަވާ ޙައްލެއް ނޫންކަމަށްވަނީ ސާފުވެފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ ރައީސް ބޮލްސޮނާރޯއަކީ ބަލި ފެތުރެން ފެށީންސުރެ އެއީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ކޯވިޑާއި ދެކޮޅަށް އެ ބޭހެއްގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާކަމަށް ސައިންސުވެރިން ބުނަމުންދާ މެލޭއިރާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ކުލޮރިކީން ބޭހަކީ ކޯވިޑަށް އޮތް ފަރުވާއެއްކަމަށް ބޮލްސޮނާރޯ އަދިވެސްދަނީ ވިދާޅުވަމުންނެވެ.

ބަލިޖެހުމުން ބޭނުންކުރެއްވި ބޭހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޮލްސޮނާރޯ ވިދާޅުވީ އެމަނިފާނު ބޭނުން ކުރެއްވީ ކްލޮރިކީންކަމަށެވެ. އެހެން ބައެއް ފަރާތްތަކުން އިންވާމެކްޓިން ކިޔާ ބޭހަކާއި އަންނިތާ ކިޔާ ބޭހެއް ބޭނުންކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބަލި ޖެހުނުތާ ކުރީ ކޮޅު އެ ބޭސްތައް ބޭނުންކުރަންފެށި ހުރިހާ އެންމެންވެސް ބަލިން ރަނގަޅުވިކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ޑޮކްޓަރީ ހެއްކެއް ވިދާޅުވެފައެއް ނުވެއެވެ.

ބޮލްސޮނާރޯ ވިދާޅުވި އެއްވެސް ބޭހަކީ ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ބޭހެއްކަމަށް މިހާތަނަށް އެނގިފައެއް ނުވެއެވެ. އެއިން އެއްވެސް ބޭހަކީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް ވިލާތުގެ ޤައުމުތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައިވާ ބޭސްތަކެއްވެސް ނޫނެވެ.

ވެކްސިނަކަށްވުރެ މުހިންމީ ފަރުވާއެއްކަމަށް ރައީސް ބޮލްސޮނާރޯ ވިދާޅުވެފައިވަނީ އެމަނިކުފާނާއި ބުރެޒިލުގެ އިޤުތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ ސްޓޭޓު، ސައޯ ޕައުލޯގެ ގަވަރުނަރު ޖޮއާއޯ ޑޯރިއާއާއި މެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

2022ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ބޮލްސޮނާރޯއާއި ދެކޮޅަށް ވާދަކުރައްވާނެކަމަށް ބެލެވޭ ޑޯރިއާވަނީ ސައޯ ޕައުލޯއަށް ޗައިނާގެ ސިނޯވެކް ވެކްސިން އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ޑިސެމްބަރު މަހުގެ މެދުތެރޭގައި އާންމުންނަށް ވެކްސިން ދިނުމުގެ ޕުރޮގުރާމު ފެށުމަށް ރާއްވަވާފައެވެ.

ބުރެޒިލުގެ ޞިއްޙަތާބެހޭ ވަޒީރުވެސްވަނީ އެ ޤައުމުގެ ވެކްސިން ޕުރޮގުރާމުގައި ސިނޯވެކް ހިމަނާނެކަމަށް އިޢުލާނުކުރައްވާފައެވެ. ނަމަވެސް މިދިޔަ ހަފުތާގައި ބޮލްސޮނާރޯ ވިދާޅުވީ ޗައިނާއިން އުފައްދާ ވެކްސިނެއް މަރުކަޒީ ސަރުކާރުން ނުގަންނާނެކަމަށެވެ.