ގްރޫޕް ސްޓޭޖުގެ ފަހު
މެޗްގައި ބީޖީ އަތުން ބަލިވި ނަމަވެސް ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ
ސެމީފައިނަލަށް ޓީސީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި.
ޓީސީ ސެމީފައިނަލަށް
ދަތުރުކޮށްފައިވަނީ ބީޖީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ގޯލްގެ
ތަފާތުންނެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް ދަތުރުކޮށްފައިވާއިރު
ސެމީފައިނަލްގައި އަންނަ އާދިއްތަ ދުވަހު ޓީސީ ބައްދަލުކުރަން ޖެހޭނީ މާޒިޔާ
ސްޕޯޓްސް ކްލަބާއެވެ.
މިއަދު ހަވީރު ކުޅުދުއްފުށީގައި ކުޅުނު ގްރޫޕް އޭގެ ފަހު މެޗް
ބީޖީ ކާމިޔާބުކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ބީޖީގެ ހަމައެކަނި
ލަނޑު ފުރަތަމަ ހާފްގެ ހަތަރުވަނަ މެނެޓްގައި ކާމިޔާބުކޮށްދިނީ ބިދޭސީ
ކުޅުންތެރިޔާ ޑެނިއަލްއެވެ.
މެޗަށްފަހު ބީޖީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ
ޓީސީގެ މައްޗަށް ކުރި ހޯދުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާ މި
ލިބިގެންދިޔަ ފިލާވަޅާއެކު ދެން ކުރިއަށްއޮތީ ލީގުގައި ރަނގަޅު ވާދައެއް ކޮށް
ކާމިޔާބު ހޯދުން ކަމަށެވެ.
ޓީސީގެ ކޯޗް މުހައްމަދު
ނިޒާމް ބުނީ ކައިރި ކައިރީގައި މެޗްތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން
ރިކަވާވާން އުނދަގޫވި ކަމަށާ މިއަދުގެ މެޗަކީ ޓީސީގެ ފަރާތުން ވަރަށް ދަށް
ކުޅުމެއް ފެނިގެންދިޔަ މެޗެއްކަމަށެވެ.