ޚަބަރު

ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ތަމްރީން ޕްރޮގްރާމް 170 ޓީޗަރުން ފުރިހަމަކޮށްފި


ޓިޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމް 170 މުދައްރިސުން ފުރިހަމަކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ގުޅިގެން މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 25ގެ ނިޔަލަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ 19 އަތޮޅެއްގެ 91 ސްކޫލަކުން 170 މުދައްރިސުން ވަނީ ބައިވެރިވެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިތަމްރީން ޕްރޮގްރާމަކީ ޤައުމީ މަންހަޖުގައި ބަޔާންކުރާ ޝާމިލުކޮށްގެން ކިޔަވައިދިނުމަށް އެކުލަވާލާފައިވާ މައިގަނޑު މަފްހޫމްތަކަށް ޓީޗަރުން ހޭނުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ ހަމައެއާއެކު ޝާމިލުކުރުމުގެ ސިޔާސަތަށް ގެނެވުނު ބަދަލުތަކަށް ޓީޗަރުން އަހުލުވެރިކުރުވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ ކިޔަވައިދިނުމުގެ ތަފާތު ވައްޓަފާޅިއަށް ޓީޗަރުން ތަމްރީނުކުރުމަކީވެސް މީގެ މަގުސަދެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކާމިޔާބު ކުއްޖެއް ބިނާކުރުމަށްޓަކައި ސްކޫލް މާޙައުލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އުކުޅުތަކާއި ގުޅޭގޮތުން ޓީޗަރުންނަށް ވަނީ ތަމްރީނު ދެއްވާފައެވެ. ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީ އާއި ބ.އަތޮޅުގައި ބޭއްވުނު ވޯކްޝޮޕް ފިޔަވައި ހުރިހާ ވޯކްޝޮޕްގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިސެޝަންތަކުގައި ތިއަރީބައިގެ އިތުރުން ޢަމަލީ ތަޖުރިބާ ލިބޭނެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ. އެގޮތުން ޙަރަކާތްތެރި ސެޝަންތަކާއި ކުލާސް އޮބްޒަވޭޝަން ހެދުމުގެ ފުރުސަތުވަނީ ދީފައެވެ. އޮންލައިން ސެޝަންތަކުގައި ގޫގުލް ކްލާސްތަކާއި ޙަރަކާތްތައް ގުޅުވާލާފައިވާއިރު މިދާއިރާގެ ތަޖުރިބާކާރުންނާއި އިންކްލޫސިވް ޗެމްޕިއަން ޓީޗަރުންނާއެކު ފޯރަމްތައް ބާއްވައި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތައްވެސް ބާއްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އައު މަންހަޖަށް ކިޔަވައިދޭތާ 5 އަހަރުވެފައި ވާއިރު މަންހަޖުގައި ހިމެނޭ ބައިތައް އަދިވެސް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުނުކުރެވެއެވެ. އެކި ގޮންޖެހުންތަކާއެކު މިކަންކުރުމަށް އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުންނެވެ. ޤައުމީ މަންހަޖު ތަންފީޒުކޮށް ކާމިޔާބު ކުދިން ބިނާކުރުމަށް ހުރި ހިރާސްތައް ކުޑަކުރުމަށް ޓީޗަރުން އެކަމަށް ހޭލުންތެރިކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ މަސައްކަތަކެކެވެ.