ދުނިޔެ

ކޯވިޑް-19 ޖެހުމަށްފަހު ސިކުނޑި މަސައްކަތްކުރާ ގޮތަށް ބަދަލުތަކެއް؟


ކޯވިޑް-19 ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ ސިކުނޑި މަސައްކަތްކުރާގޮތަށް ގިނަ އަސަރުތަކެއް ކޮށްފައިވުމަކީ އެކަށީގެންވާކަމެއްކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ކުރި ދިރާސާއަކަށްފަހު ބުނީ ކޯވިޑް-19 ޖެހުމުން ބައެއް މީހުންގެ ވިސްނުމުގެ ބާރު ނުވަތަ ކޮގްނިޓިވް ބާރަށް ބަދަލު އަންނަކަމަށާއި ބަލީގެ ސަބަބުން ވަރަށް ބޮޑަށް ޙާލުދެރަވާ މީހުންގެ ވިސްނުމުގެ ބާރު އެމީހުންނަށްވުރެ ދިހަ އަހަރު ދޮށީ މީހުންނެކޭ އެއްވަރަށް މަޑުޖެހޭކަމަށެވެ.

އިނގިރޭސިވިލާތުގެ އިމްފީރިއަލް ކޮލެޖު އޮފް ލަންޑަނުގެ ޑޮކްޓަރެއްކަމަށްވާ އެޑަމް ހެމްޕްޝަޔާ އިސްވެ ހުންނަވާ 84،000އަށް ވުރެ ގިނަ މީހުންގެ މެދުގައި ކުރި ދިރާސާއަކުންވަނީ ބަލީގައި ޙާލު ދެރަވާ މީހުން ބަލިން ރަނގަޅުވުމަށްފަހުގައިވެސް ބަލިޖެހުމުގެ ކުރިން ސިކުނޑި މަސައްކަތްކުރި މިންވަރަށް އަލުން ރުޖޫޢަނުވެ ގިނަ މަސްތަކެއްވަންދެން ހުންނަކަން ފާހަގަވެފައެވެ.

ދިރާސާކުރި ފަރާތުން ބުނީ އެމީހުންގެ ހޯދުންތަކުން ކޯވިޑް-19ގެ ސަބަބުން ވިސްނުމާއި ދޭހަވުމުގެ ބާރު ދެރަވެ ބަލިން ރަނގަޅުވާތާ އެތައް ދުވަހެއް ވަންދެން އޭގެ އަސަރު ދެމިހުންނަކަން އެނގިފައިވާކަމަށެވެ. ބަލިން ރަނގަޅުވެފައިވާ މީހުންނާއި ބަލިޖެހި ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ވިސްނުން ކުރިއަށްވުރެ ކޮށިވެފައިވާކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ.

ކޮގްނިޓިވް ތަހުލީލުތަކުގައި ޙަވާލުކުރާ މަސައްކަތްތައް ފުރިހަމަ ކުރާގޮތުން އެ މަސައްކަތްތައް ކުރުމުގައި ސިކުނޑިން ޙަރަކާތްތެރިވި މިންވަރު ބުނެދެއެވެ. އެގޮތަށް ކުރާ ތަހުލީލުތަކުގެ ތެރޭގައި ބަސްބަސް ހަނދާންކުރުމާއި ތިކި ގުޅުވުން ފަދަ އާދައިގެ ތަހުލީލުތައް ހިމެނެއެވެ. އެފަދަ ތަހުލީލުތަކަކީ ހަނދާންނެތޭ ބައްޔެއްކަމަށްވާ އޯލްޒައިމާސްފަދަ ބަލިބަލި ޖެހިފައިވާ މީހުންގެ ސިކުނޑި މަސައްކަތްކުރާ މިންވަރު ބެލުމަށާއި ސިކުނޑީގެ އެހެނިހެން ބައެއް މައްސަލަތައް ދެނެގަތުމަށް ޑޮކްޓަރުންނަށް އެހީތެރިވެދޭ ތަހުލީލުތަކެކެވެ.

ހެމްޕްޝަޔާގެ ޓީމުންވަނީ 84،285 މީހުން ލައްވާ 'ދަ ގުރޭޓު ބްރިޓިޝް އިންޓެލިޖެންސް ޓެސްޓު' ކިޔާ ތަހުލީލެއް ހަދުވާފައެވެ. އޭގެ ނަތީޖާވަނީ ބައެއް ސައިޓުތަކުގައި ޝާއިޢުކޮށްފައެވެ. ނަމަވެސް އެހެން ސައިންސްވެރިން އެ ދިރާސާގެ ހޯދުންތައް އަލުން ބަލައި އެކަމާއި ގުޅޭ ބަހެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ދިރާސާކުރި ފަރާތުން ބުނީ ސިކުނޑީގެ ވިސްނުމަށް އައިސްފައިވާ ހީނަރުކަމަކީ ފާހަގަކޮށްލެވޭވަރުގެ ބަދަލެއްކަމަށާއި އެ ބަދަލުތައް އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވެ ހަސްފަތާލުގައި ފަރުވާދޭން ޖެހުނު މީހުންގެ މެދުގައިކަމަށެވެ. އެންމެ ޙާލު ދެރަވި މީހުންގެ ސިކުނޑީގެ ބާރު ދެރަވެފައިވާ މިންވަރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ އުމުރުން 20 އަހަރާ 70 އަހަރުގެ މީހުންގެ ސިކުނޑީގެ ބާރު ދެރަވުމަށް ނަގާ މުއްދަތާއި ދިހަ އަހަރުގެ ތަފާތެއް ހުރިކަމަށް ސައިންސްވެރިން ބުންޏެވެ.

ނަމަވެސް ދިރާސާގައި ސީދާ ބައިވެރިނުވާ ސައިންސްވެރިންވަނީ ދިރާސާގައި ބައިވެރިވި މީހުންގެ ސިކުނޑީގެ މަސައްކަތްތައް އެމީހުންނަށް ކޯވިޑް-19 ޖެހުމުގެ ކުރިން ކުރަމުންދިޔަ މިންވަރު ނޭނގޭކަމަށާއި ގިނަ އަހަރުތަކެއް ތެރޭ އަންނާނެ ބަދަލުތައް ދިރާސާގައި ހިމަނާފައިނުވާކަމަށެވެ. އެހެންކަމުން ސިކުނޑި މަސައްކަތްކުރާ ގޮތަށް ހީނަރުކަމެއް އައިސްފައިވުމަކީ ވަގުތީ މައްސަލައަކަށްވުމަކީ އެކަށީގެންވާކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ޔުނިވާސިޓީ ކޮލެޖު ލަންޑަންގެ ޕުރޮފެސަރެއްކަމަށްވާ ޑެރެކް ހިލްވެސްވަނީ ބަލިޖެހުމުގެ ކުރީގެ ޙާލަތާއި މިހާރުގެ ޙާލަތު ދިރާސާގައި އަޅައިކިޔައިފައިނުވާތީ އެއީ އެންމެ އިތުބާރު ބޮޑު ދިރާސާއެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ދިރާސާގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ އެމީހުންނަށް ކޯވިޑް-19 ޖެހުނުކަމަށް އަމިއްލައަށް ބުނާ މީހުންކަމަށާއި އެކަން ޔަޤީންކޮށްދިނުމަށް ތަހުލީލުކޮށްފައި ނުވާ ގިނަ ޢަދަދެއްގެ މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޯވިޑް-19 ޖެހުމުން ދިގު މުއްދަތަށް ސިކުނޑިއަށް ކުރާ ގެއްލުން އިތުރަށް ދިރާސާކޮށް އެފަދަ ގެއްލުންތަކަކީ ދާއިމީ އަސަރެއްތޯ ޔަޤީންކުރުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.