ޚަބަރު

އަނބުރާ ޤައުމަށް ފޮނުވި ބަނގުލަދޭޝް މީހުންގެ އަދަދު 8000އަށް ވުރެ މަތިވެއްޖެ


ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމަށް ބޭއްވި 42 ރެޕަޓްރިއޭޝަން ފްލައިޓުން 8000 ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބިދޭސީންނާއި ކޯވިޑް-19އާއި ގުޅިގެން ޤައުމަށް ދާންބޭނުންވެފައި ތިބި މީހުން ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަންނަނީ އެޤައުމުތަކާއި ގުޅިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ އަށާރަހާސް ހަތްސަތޭކަ ތޭވީސް ބިދޭސީން ވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ނިސްބަތުން ގިނައެވެ. ބަންގްލަދޭޝަށް މިއަދު ފޮނުވި ދުއިސައްތަ މީހުންނާއިއެކު މިހާރު އެޤައުމަށް އަނބުރާ ފޮނުވި މީހުންގެ ޢަދަދުވަނީ އަށްހާސް ތިރީސް ހަޔަކަށް އިތުރުވެފައެވެ.

މޯލްޑިވިއަނުން ކުރި ޓުވީޓް --

ކޯވިޑް-19އާއި ގުޅިގެން ބަލީގެ ނުރައްކާ މާލޭގައި ބޮޑުވުމާއި ގުޅިގެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީން ފޮނުވުމުގެ ބޮޑު އޮޕަރޭޝަނެއް ސަރުކާރުން ވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒާއި މޯލްޑިވްސް އިމިގްރޭޝަނާއި ޤައުމީ އެއަލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދިޔަ މިއޮޕަރޭޝަންގެ ތެރެއިން އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންވަނީ ފޮނުވާލާފައެވެ. މިގޮތަށް ފޮނުވި މީހުންގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ޤައުމަށް އަނބުރާ ދާން ބޭނުންވެފައިތިބި އިންޑިއާ، ލަންކާ، ނޭޕާލް، ފިލިޕންސް، ތައިލެންޑް އަދި އިންޑޮނޭޝިއާ މީހުންވެސް ހިމެނެއެވެ. އެހެންނަމަވެސް ބޯޑަރުތައް އަލުން ހުޅުވާލުމާއި ގުޅިގެން ދިވެހި ސަރުކާރުގެ އެހީގައި މިހާރު ފޮނުވަމުންދަނީ ހަމައެކަނި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުންނެވެ. އެގޮތުން މިހާތަނަށް ޤައުމީ އެއަލައިނުން ވަނީ މީހުން ފޮނުވުމަށް 42 ފްލައިޓު ބާއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ގަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެތެރެއިން ވިހިހާސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމެވެ. އަދި ބިދޭސީންގެ ސަބަބުން ފެންމަތިވަމުން އަންނަ އިޖުތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލަންޖެހޭ އުސޫލްތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.