ރިޕޯޓް

މޮޔައެއްކަމަށް ހީކުރި މީހާ 30 އަހަރުވަންދެން ކޮނުނު މަގުން ހަނަފަސް އަވަށަށް ފެން


ގާތްގަނޑަކަށް 30 އަހަރުވަންދެން ރަމްރާތީ ދޭވީ ދެކެމުންދިޔައީ އޭނާގެ ފިރިމީހާއަކީ މޮޔައެއްކަމަށެވެ. އޭނާގެ މޮޔަކަން ހަރުދަނާކަމަށް ބަދަލުކުރުމަށް ރަމްރާތީ ދޭވީ ނުކުރާކަށް ކަމެއް ނެތެވެ. ދަރިންގެ ކަންކަމަށް އިސްކަންދީ އާއިލާއަށްދޭ ސަމާލުކަން އިތުރުވޭތޯ އަދަބެއްގެ ގޮތުން ކާން ނުދީވެސް ބައެއް ދުވަސްދުވަހު ރަމްރާތީ ދޭވީ އޭނާގެ ފިރިމީހާ ބަހައްޓައެވެ. ނަމަވެސް ލައުންގީ ބުއިޔާގެ އަމާޒު ހުރީ ހާޞިލްކުނުކުރެވޭނެކަމަށް އެހެން މީހުން ޤަބޫލުކުރާ ހުވަފެނެއް ހަޤޤީޤަތަކަށް ހެދުމަށް އަތުކުރި އޮޅާލައިގެންނެވެ. އެއީ އޭނާގެ އަވަށުގެ މީހުންނަށް ކޮންމެ ދުވަހަކު ފެން ގެނެސްދިނުމަށް ވެފައިވާ ވަޢުދު ހަޤީޤަތަކަށް ހެދުމެވެ.

އަވަށުގެ އެންމެންނަށް ފެން ފޯރުކޮށްދޭނެކަމަށް ބުއިޔާ ބުނަމުން ދިޔަ ނަމަވެސް އޭނާ ދިރިއުޅޭ އިންޑިޔާގެ ބިހާރު ސްޓޭޓުގެ ފަގީރު އަވަށެއްކަމަށްވާ ކޮތިލްވާގެ ރައްޔިތުން އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

ބިހާރުގެ ސިޓީތަކުގެ ތެރެއިން އެ އަވަށާއި އެންމެ ކައިރީގައި އޮންނަ ބޮޑު ސިޓީ އޮންނަނީ ކޮތިލްވާއާއި 80 ކިލޯމީޓަރު ދުރުގައެވެ. ގާތްގަނޑަކަށް 750 މީހުން ދިރިއުޅޭ އެ އަވަށުގެ މީހުން ދިރިއުޅެނީ ޖިފުޓިތަކުގައެވެ. އެމީހުންނަކީ އެންމެ ފަޤީރު ޢާއިލާތަކަށް ނިސްބަތްވާ 'އެންމެ ދަށް ފެންވަރު'ގެ މީހުން ގޮތުގައި އެހެން ދަރަޖަތަކުގެ މީހުން ދެކޭ ބައެކެވެ. އެންމެ ކުރީ ޒަމާނުއްސުރެ މުޖުތަމަޢުގައި އެމީހުންނަށް ތަފާތުކުރުމާއި އެކަހެރިކުރުމާވަނީ ކުރިމަތިލާންޖެހިފައެވެ.

ކޮތިލްވައަށް ދާން އޮންނަ ހަމައެކަނި މަގަކީ ހައިވޭއަކުން ފައިބައިގެން ދާއިރު އޮންނަ ޗަކަ މަގެކެވެ. ވަރަށް އެކަހެރިކޮށް އޮންނަ އެ އަވަށަކީ ފެހިކަން މަޑު ގަސްމަދު އަދި ހަނަފަސް ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި މަދުން ފެން ބޭނުންވާ ގޮވާމުގެ ބާވަތްތައް ނޫން ބާވަތެއް ނުހެއްދެއެވެ.

ކުޑަވަރެއްގެ ބިންކޮޅެއް އޮންނަ ބުއިޔާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ ދިރިއުޅޭ އަވަށަށްދާ މަގުގައި އޮންނަ އުސްބިންތަކުގައި ހުރި ކޯރުތަކުގައި ދައުރުވަމުންދާ ސާފު ފެން، މަގެއް ކޮނުމުން އޭނާ ދިރިއުޅޭ އަވަށާ ހަމައަށް ފޯރާނެކަމަށެވެ. ދެ ތިން ވަޅެއް ނޫނީ ނުހުންނަ އެ އަވަށަށް މަދު ނުވާވަރަށް ފެން ލިބޭނަމަ ގޮވާމުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީވެސް ހެއްދޭނެކަމުގެ ހުވަފެން ބުއިޔާ ދިޔައީ ދެކެމުންނެވެ. އެހެންކަމުން، މީހަކު ކިޔާ އެއްޗަކަށް ބެލުމެއް ނެތި މިހާރު އުމުރުން 70 އަހަރުވެފައިވާ ބުއިޔާ ދިޔައީ އަވަށް ކައިރީގައި އޮންނަ ބަންގެތާ އުސްބިމުން މަގެއް ކޮންނާށެވެ.

ބުއިޔާ ބުނީ އޭނާ އެ މަސައްކަތްކުރާތާ ތިރީހަކަށް އަހަރު ވެދާނެކަމަށެވެ. މަގެއް ކޮނުމަށް އޭނާ ބޭނުންކުރަމުންދިޔައީ އެންމެ އާދައިގެ (ޓޫލްސް)އެވެ. އޭނާއަށް ލިބިފައިވާ ވަޞީލަތްތައް މަދުނަމަވެސް އޭނާގެ ހިތްވަރު ނުހަނު ބިޔަވެފައި ބޮޑެވެ.

ބުއިޔާގެ އަންހެނުން ދޭވީ ބުނީ އެ މަސައްކަތަށް ބުއިޔާގެ ހުރިހާ ވަގުތެއް ހުސްކޮށް ދަރިންނަށް އަޅައިލުން ނުދޭތީއާއި ބޭނުންތައް ފުއްދޭވަރަށް ފައިސާއާއި ކާބޯތަކެތި އެއްވެސް އިރަކު ނެތުމުން އޭނާގެ ފިރިމީހާއަށް ނަފުރަތު ކުރެވުނުކަމަށެވެ.

އިސާހިތަކު ބުއިޔާއަކީ އަވަށުގެ 'މޮޔަ' މީހާގެ ގޮތުގައި ނަން ހަރުލިއެވެ. އޭނާގެ ދަރިފުޅު ބުރާހުމްދިޔޯ ބުނީ އޭނާގެ ބައްފައަށް ޖެހިފައިވާ އާފާތުން ސަލާމަތްވޭތޯ އަވަށުގެ ފާދިރީން ކައިރިއަށް ގެންގޮސް ބައްޕަގެ ހަށިގަނޑަށް ވެރިވެގެންފައިވާ 'ބާރު' ނައްތާލުމަށްވެސް ޢާއިލާއިން މަސައްކަތްކުރިކަމަށެވެ. އަތްމަތި ދަތިވެ ބުއިޔާގެ ހަތަރު ދަރިންގެ ތެރެއިން ތިން ދަރިން ފައިސާ ހޯދާނެ މަގެއް ހޯދުމަށް ރަށުން ބޭރަށް ހިޖުރަކުރުމަށް މަޖުބޫރުވިއެވެ.

ނަމަވެސް ބުއިޔާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. މަގު ކޮނުމުގެ މަސައްކަތުގައި އޭނާ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ދިޔައެވެ. ވާރޭ ވެހޭ މޫސުން އައިސް ބަންގެތާ އުސްބިންތަކުގެ ކޯރުތައް ފުރުމުން އޭނާގެ އަވަށަށް އެ ފެން ދައުރުވާނެކަމުގެ ޔަޤީންކަން ބުއިޔާއަށް އޮތެވެ.

ބުއިޔާ ބުނީ ބިހާރުގެ ގާޔާއަށް ނިސްބަތްވާ ދަޝުރަތު މަންޖީ ކިޔާ މީހަކު 22 އަހަރުވަންދެން ހަމައެކަނި މަރުތޭލެއް ބޭނުންކޮށްގެން އުސްބިންތަކުގެ ތެރެއިން މަގެއް ހަދައި، އޭނާ ދިރިއުޅޭ އަވަށާއި އެންމެ ކައިރީގައި އޮންނަ އަވަށާ ދެމެދު އޮންނަ 55 ކިލޯމީޓަރުގެ ދިގު ރާސްތާ 15 ކިލޯމީޓަރަށް ކުރުކޮށްފައިވާކަމަށެވެ. ފަހުން 'މައުންޓަން މޭން'ގެ ނަމުގައި މަޝްހޫރުވި މާންޖީއަށް އެވަރުކަމެއް ކުރުމުގައި ކާމިޔާބުވެފައިވާއިރު ބުއިޔާގެ އަމާޒުވެސް އޭނާއަށް ޙާޞިލް ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ދެކި އެކަމުން އޭނާ ހިތްވަރު ހޯދިމަކަމަށް ބުއިޔާ ކިޔައިދިނެވެ.

މިދިޔަ މަހުގެ ތެރޭގައި ނޫސްވެރިއެއްކަމަށްވާ ޖައި ޕްރަކާޝް ކޮތިމްވާއަށް ދިޔައީ އެ އަވަށުގެ މީހުނން އެ އަވަށަށް ދިޔުމަށް އަމިއްލަ މަގެއް ހަދާ ވާހަކައަށް މަޢުލޫމާތު ހޯދުމަށެވެ. ޕްރަކާޝް އެ އަވަށުގައި ހުއްޓައި ބުއިޔާވަނީ އޭނާގެ ކައިރިއަށް ގޮސް އޭނާ ކޮނެފައިވާ ފެން ދައުރުކުރާ މަގެއް ދައްކާލަން ބޭނުންކަމަށް ބުނެފައެވެ. ފެން ދައުރުކުރުމަށް ހަދާ އެ މަގު ހެދުމަށް ގާތްގަނޑަކަށް 30 އަހަރު ހޭދަވެފައިވާކަމަށާއި އެ މަގު ހަދަނީ ދަނޑުވެރިކަމުގެ ބޭނުމަށް ފެން ފޯރުކޮށްދިނުމަށްކަމަށް ބުއިޔާ ޕްރަކާޝަށް ކިޔައިދިނެވެ.

ވާރޭ ވެހޭ މޫސުމުގައި ފެނާއިބެހޭ ވުޒާރާއިން މިދިޔަ އަހަރު ހަދާދީފައިވާ ޑެމްއަށް ބުއިޔާ ހެދި މަގު މެދުވެރިކޮށް ފެން ދިޔައީ ޖަމާވަމުންނެވެ. ލައުންގީ ޑެމް ކިޔާ އެ ޑެމްއަށް ނަންދީފައިވާވަނީ ބުއިޔާގެ ޝަރަފުގައެވެ. ތިން ކިލޯ މީޓަރުގެ ދިގު މިނަށް ފެން ދައުރުކުރާ މަގު ކޮނުމަށްފަހު އުސް ބިން މަތިން އަވަށާއި ހަމައަށް މަގު ކޮނުމުގައި ނާކާމިޔާބުވުމުން ބުއިޔާއަށްވަނީ މަސައްކަތް މެދުކަނޑާލުމަށް މަޖުބޫރުވެފައެވެ. އަވަށާއި ހަމައަށް މަގު ދިގުކުރުމަށް އޭރު ބާކީ އޮތީ އެންމެ ކިލޯމީޓަރެކެވެ.

ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހުގައި ބުއިޔާއާއި ގުޅޭގޮތުން ޕްރަކާޝް ތައްޔާރުކޮށްފައިވާ ލިޔުން ޝާއިޢުކުރުމުން ކޮތިލްވާއަށް ކުއްލިއަކަށް ބޮޑު ސަމާލުކަމެއް ލިބެން ފެށިއެވެ. ޤައުމުގެ އެކި ސަރަޙައްދުތަކުން ނޫސްވެރިންނާއި ސިޔާސީ ލީޑަރުންނާއި އިޖުތިމާޢީ މަސައްކަތްތެރިންނާއި އެކްޓިވިސްޓުން ބުއިޔާއާއި ބައްދަލުކުރުމަށް އެ އަވަށަށް ޒިޔާރަތްކުރަމުން ދިޔައެވެ.

ބުއިޔާގެ މަސައްކަތުގެ ވާހަކަ ބިހާރުގެ ފެނާއިބެހޭ ވަޒީރާއިހަމައަށް ފޯރުމުން ބުއިޔާގެ މަސައްކަތް ހުއްޓިފައިވާ ހިސާބުން އޭނާގެ އަވަށާއި ހަމައަށް މަގު ހެދުމުގެ މަސައްކަތުގެ ޒިންމާ އެ ވުޒާރާއިން ނެގިއެވެ. ފަހު ކިލޯމީޓަރުގައި މަގު އަޅައިލުމުން ބުއިޔާގެ ހުވަފެން ހަޤީޤަތަކަށް ވިއެވެ. ވަޢުދުވީގޮތަށް ކޯރުގެ ފެން އަވަށާއި ހަމައަށް ގެނެސްދެވުނީއެވެ.

ބުއިޔާއަށް އަދިވެސްދަނީ ގިނަ ބައެއްގެ ސަމާލުކަން ލިބި ބޮޑެތި ޖަމުޢިއްޔާތަކުންނާއި ވިޔަފާރިތަކުން އެހީތެރިކަން ލިބެމުންނެވެ. ބިހާރުގެ ކުރީގެ ޗީފު މިނިސްޓަރު ޖިތަން ރާމް މާންޖީވަނީ ބުއިޔާގެ މަސައްކަތް އިންޑިޔާގެ ރައީސް ފާހަގަކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. ކުރީގެ ޗީފު މިނިސްޓަރު ކޮތިލްވައަށް ޒިޔާރަތް ކުރެއްވި ދުވަހު އެ އަވަށުގެ ރައްޔިތުންވަނީ ކުރިން އެމީހުން މޮޔައެއްކަމަށް ބުނަމުންދިޔަ ބުއިޔާގެ ނަމުގައި މަގަކާއި ހަސްފަތާލެއް އަޅަދިނުމަށް އޭނާގެ ކިބައިން އެފިދައެވެ.

ދަނޑުވެރިކަންކުރުމުގެ މަސައްކަތްކުރުމަށް ބުއިޔާ ދެން ބޭނުންވަނީ ޓުރެކްޓަރެއްކަން ނޫސްވެރިއަކު މީސްމީޑިއާގައި ހާމަކުރުމުން އެ ޚަބަރުވަނީ އިންޑިޔާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ މަހިންދްރާ ގުރޫޕުގެ ޗެއާމަން އަނަންދު މަހިންދުރާއާ ހަމައަށް ފޯރާފައެވެ. އޭނާވަނީ ބުއިޔާއަށް ޓުރެކްޓަރެއް ހަދިޔާކޮށްފައެވެ. ބުއިޔާ ބުނީ އޭނާއަށް ލިބިފައިވާ ފައިސާގެ އެހީތެރިކަމުން ދެން ފުއްދަން ބޭނުންވާ އުންމީދަކީ ފަންކާއަކާއި ކޮންމެވެސް ވަރަކަށް އަންނައުކޮޅަކާއި ރަނގަޅު ކާބޯތަކެތި ހޯދުންކަމަށެވެ.

ރަމްރާތީ ދޭވީ މީހާރު ހުރީ ވަރަށް އުފަލުންނެވެ. އަވަށުގެ އެންމެ އޭނާގެ ފިރިމީހާގެ ކާމިޔާބީއަށް ތައުރީފުކޮށް އެކަމާއި އުފާކުރާތީއެވެ. އެއަށްވުރެ ބޮޑަށް އުފާކުރާ ސަބަބެއްވެސް އެބަ އޮތެވެ. ކުރިޔަށް އޮތް މޫސުމުގައި އެވަށުގައި ދަނޑު ގޮވާންކުރެވޭނެތީއެވެ. އެތައް ބަޔަކަށް އޭގެ ފައިދާ ކުރާނެތީއެވެ.

ބަޗީ

މީ ގައުމު ދެކެ ލޯބިވާ މީހުންގެ މިސާލެއް. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް މި ނަމޫނާއިން ޢިބްރަތް ލިބިގަންނަންޖެހޭ.

ފަނަރަ ތިރީސް ނުވައެއް

މާތް ﷲ ބުއިޔާއަށް ހިދާޔަތް ދައްކަވާށި. އާމީން

ަިބޮބް

ލިޔުން ވަރަށް ފުރިހަމަ