ކުޅިވަރު

ޖޫނިއަރއަށް ޕާސް ނުދިނުމަށް އެހެން ކުޅުންތެރިއެއް ގާތު ބެންޒެމާ ބުނާ މަންޒަރު ހާމަވެއްޖެ


ރެއާލް މެޑްރިޑްގެ ޒުވާން ތަރި ވިނީޝަސް ޖޫނިއަރއަށް ޕާސް ނުދިނުމަށް ރެއާލްގެ އެހެން ކުޅުންތެރިއެއް ކައިރީ ތަޖްރިބާކާރު ފޯވާޑް ބެންޒެމާ ބުނާ މަންޒަރު ހާމަވެއްޖެއެވެ.

ބެންޒެމާ މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ބޮރީޝީއޯ މޮންޗެންގްލެޙްބަ އަތުން އެއްވަރުވި މެޗުގެ ހާފް ޓައިމްގައެވެ.

ސްޓޭޑިއަމްގެ ޓަނަލް ތެރޭގައި ހުރި ކެމެރާއަކުން ނަގާފައިވާ މަންޒަރުތަކުގައި ބެންޒެމާ ފްރާންސްގެ ޑިފެންޑަރު ފާލަން މެންޑީ ކައިރީ ވިނީޝަސްއަށް ޕާސް ނުދޭން ބުނާ މަންޒަރު ފެނިގެންދެއެވެ. މިއާއެކު ޓީމުގެ ތެރޭގައި އިތުރު މައްސަލަތަކެއް އުޅޭ ކަމަށްވެސް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު މިމެޗުގައި ފުރަތަމަ ހާފްގައި ބެންޒެމާ ވަނީ ވިނީޝަސްއަށް ތިން ޕާސް ދީފައެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ބެންޒެމާ ވިނީޝަސްއަށް އެންމެ ބޯޅައެއްވެސް ޕާސްކޮށްފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގެ ފުލުގައި ރެއާލް މެޑްރިޑް އޮތްއިރު އެޓީމު ދެން ކުޅޭ މެޗުގައި ބައްދަލުކުރަން ޖެހޭނީ އިޓަލީގެ ގަދަ ބާރު އިންޓަރ މިލާން އާ ދެކޮޅަށެވެ.