ޚަބަރު

އިންޑަސްޓްރިއަލް ޒޯން، ކުނި ގޮނޑަކަށް!


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢިއުލާންކުރި ފުރަބަންދާއެކު ގިނަ ބަޔަކު ގޭގައި އެތައް ދުވަހަކު ތިބުމަށްފަހު އަލުން ދިރިއުޅުމުގެ އައު އާޢާއްމު ޙާލަތަކަށް މިހާރުވަނީ ރުޖޫޢުވެފައެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އެންމެ ފުރަތަމަވެސް ފެނިގެންދިޔައީ އެކި ގަޑިތަކުގައި ކަސްރަތުކުރުމަށް ނިކުންނަ ޢާއްމުން އިތުރުވެގެންދިޔަ މަންޒަރެވެ. މިހާރުވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި އެކި ގަޑިތަކުގައި ސްކޫލް ކުދިންނާއި ޒުވާނުންނާއި މެދު ޢުމުރުގެ މީހުންނާއި ޢުމުރުން ދުވަސްވީ މީހުންވެސް ކަސްރަތު ކުރުމަށް އެކި ސަރަޙައްދުތަކަށް ދެއެވެ. އެހެންނަމަވެސް މިފަދަ ސަރަޙައްދުތަކަށްދާ ބައެއް މީހުންގެ އަމަލުތައް ހުންނަގޮތުން އެތަންތަނުގެ ސާފުތާހިރުކަން ގެއްލެމުންދާކަމީ ހިތާމަހުރި ކަމެކެވެ.

މާލޭގައި ކަސްރަތުކުރަންދާ މީހުންނާއި ސައިކަލާއި އެކި ވެހިކަލްތައް ދުއްވަން ދަސްކުރުމަށްވެސް ބައެއް މީހުން ދާ އެއް ސަރަހައްދުކަމަށްވާ މާލޭ އިންޑަސްޓްރިއަލް ޒޯނަށް ބަލާލުމުންވެސް ފެނިގެންދަނީ މިފަދަ މަންޒަރެކެވެ. މިއީ އެކި ޢުމުރުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް އަންނަ ސަރަޙައްދަކަށްވާއިރު އެ ސަރަހައްދަށް ބަލާލުމުން އެ ސަރަހައްދުގެ މެދުތެރޭގައި ހަދާފައިވާ މަގުތަކުން ކުނިބުނި ނުފެނުނުނަމަވެސް ޒޯންގެ ވަށައިގެން އޮންނަ މަގުގެ ދެފަރާތަށް ބަލާލުމުން ފެންނަނީ އެހެން މަންޒަރެކެވެ. މަގުގެ އެކި ސަރަހައްދުތައް ފުރާލާފައިވަނީ ޕްލާސްޓިކް ކޮތަޅާއި އެކި ޒާތްޒާތުގެ ކުނިންނެވެ. މިއީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއިވެސް ގުޅިފައިވާ ކަމެކެވެ.

މަގުގައި ފުނިޖެހިފައިވާ ކުނިތަކަށް ބަލާލުމުން ޕްލާސްޓިކްގެ ގޮތުގައި ހިމެނޭ ކުނި ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ. ޕްލާސްޓިކް ކުނީގެ ތެރެއިންވެސް ރާއްޖޭގައި ތައްޔާރުކޮށް އުފައްދާ އެކި ސައިޒުގެ ފެންއަޅާ ފުޅި ގިނައެވެ. ކޮންމެއަކަސް ކުންޏަކީ އަމިއްލައަށް އޭގެ ޒާތުގައި ތަންތަނަށް ދާ އެއްޗެއް ނޫނެވެ. އެ ސަރަހައްދަށް ކުނި ޖަމާވެފައިހުރީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކު އެތަނަށް ކުނި އަޅާތީއެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަތަކުގެ ތެރޭގައި ޕްލާސްޓިކްގެ މައްސަލަ ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު މިކަމާއި ދެކޮޅަށް މިހާރަށްވުރެ ހަރުދަނާ އުސޫލުތަކާއެކު ތެދުވަން އެބަޖެހެއެވެ. މިއީ ހަމައެކަނި ތަންފީޒީ އިދާރާތައް ކުއްވެރިކޮށްގެން ފަރުޖެހެން އޮތް ކަމެއް ނޫނެވެ. މިކަމުގައި ފަރުދީ ޒިންމާ ބޮޑެވެ.

އިންޑަސްޓްރިއަލް ޒޯންގައި ޖަމާވެފައިހުރި ކުނިތަކަށް ބަލާއިރު ޓޭކްއަވޭ ކޮފީ ތައްޓާއި އެކިބާވަތުގެ ފިޒީ ޑްރިކްސް ދަޅާއި ޖޫގޯ ތަށިތައްވެސް ގިނައެވެ. އަދި ކުނި ކޮތަޅުތައް ބަންދުކޮށްފައި މިސަރަޙައްދަށް އުކާފައިވެސް ހުއްޓެވެ. އެ ސަރަހައްދުގައި ފެން ހިންދުމަށް ހަދާފައިވާ ބައެއް ޖަންކްޝަންތައް ފުރެންދެން ހުރީ ކުންޏެވެ.

ކޮންމެއަކަސް މި ސަރަހައްދަށް ކުނި ކޮތަޅުތައް އުކާލަންޖެހޭ ސަބަބެއް ނުވިސްނެއެވެ. އިންޑަސްޓްރިއަލް ޒޯނާއި ޖެހިގެން އޮތީ ވެމްކޯއެވެ. ވެމްކޯއަށް އެ ކުނިކޮތަޅުތައް އުކާލުމުގެ ބަދަލުގައި އިންޑަސްޓްރިއަލް ޒޯނަށް އުކާލަންޖެހޭ ސަބަބެއް ނެތެވެ. މިއީ ހަމަ ޔަގީނުންވެސް ފަރުދީ ޒިންމާއަށް ވެވޭ ބޮޑު އިހުމާލެކެވެ. ތިމާ ދިރިއުޅޭ ވެށީގެ ރައްކާތެރިކަން ތިމާ އަމިއްލަ އަތުން ނަގާލަނީއެވެ.
ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ކެނޑިނޭޅި ކުރަމުންދާ އިލްތިމާސްތަކަށް އިޖާބަ ނުދީ މިފަދަ ނޭދެވޭ އަމަލުތައް ކުރަމުންދާނަމަ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކަލުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. މިކަމުގައި ފަރުދީ ޒިންމާ ނުނެގޭނަމަ މިފަދަ ކުޑަކުޑަ ކަމަކުންވެސް ދިމާވެދާނެ ނުރައްކާ ކުޑައެއް ނޫނެވެ.
ކުންޏަކީ އޭގެ ސަބަބުން ބަލިތައްވެސް ފެތުރެން މަގުފަހިވާ އެއްޗެކެވެ. މަދިރި އާލާވުމާއި ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތުވެސް ކުނީގެ ސަބަބުން މަގުފަހިވެއެވެ. އެހެންކަމުން ކުނީގެ ސަބަބުން ވެށީގެ ރައްކާތެރިކަން ގެއްލެއެވެ.

އިންޑަސްޓްރިއަލް ޒޯންފަދަ އާންމުން އެއްވާ ތަންތަނުގެ ސާފުތާހިރުކަން ގެއްލުމަކީ އޭގެ ސަބަބުން އެތަނަށް ދާ ތިމާގެ އާއިލާއާއި ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ކަމެއްކަމަށްދެކި ފަރުދީ ޒިންމާ ނެގުން މުހިންމެވެ. ތިމާ އުފައްދާ ކުންޏަށް ރަނގަޅު ގޮތުގައި ތިމާއަށް ޒިންމާ ނެގޭ ކަމުގައިވާނަމަ އޭގެ އުނދަގުލުން އެހެން މީހުން ސަލާމަތްވާނެއެވެ.