ކޯވިޑް-19

ފަތުރުވެރިންނާއި އެދާއިރާގެ މުވައްޒަފުން ކަރަންޓީންކޮށް އައިސޮލޭޓްކުރުމަށް ވަކި ރިޒޯޓެއް ހަމަޖައްސަނީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި، އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމަވައިފިއެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރިޒޯޓެއް ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އެކަން ހުށަހެޅުމަށް ޓުރިޒަމް މިނިސްޓްރީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިންގގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި، މުވައްޒިފުން އައިސޮލޭޓް އަދި ކަރަންޓީން ކުރާނީ މިގޮތަށް ހަމަޖައްސާވަކި ރިޒޯޓެއްގައިކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިޒޯޓަކީ މަދުވެގެން 50 ކޮޓަރީގެ ރިޒޯޓަކަށްވާންޖެހޭނެކަމަށާއި، މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) ނުވަތަ ފެލިދިއަތޮޅު (ވ) ރިޒޯޓެއް ކަމުގައިވާންޖެހޭނެކަމަށެވެ. އަދި 3 މަސް ދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބެންވާނެކަމަށާއި، ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި، ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެންވާނެކަމަށެވެ. މިގޮތަށް ހަމަޖައްސާ ރިޒޯޓަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވާންޖެހޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00ގައި ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ. އަދ ޝައުގުވެރިކަން ހުށަހަޅާފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު މިމިނިސްޓްރީ ބަލާ މިންކުރެވޭނެއެވެ. މިމިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެޗް.ޕީ.އޭއިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިވަގުތުވެސް ރާއްޖޭގެ 27 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 35 ފަތުރުވެރިންނާއި، 81 މުވައްޒަފުންނެވެ.