ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން H7 ކެޓަގަރީގައި ހިމެނޭ މީހުންގެތެރެއިން މިހާތަނަށް ފޯނުން ނުގުޅިހުރި 93 ފަރާތެއްގެ މަޢުލޫމާތު ޢާއްމުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން ފޯމު ހުށައަޅާފައިވާ ފަރާތްތަކަށް ފޯނުން ގުޅައި ވެރިފައި ކުރުމުގެ މަސައްކަތްކުރިއަށްގެންދާކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ފޯމުގައި ޖަހާފައިވާ ނަންބަރުތަކަށް ނުގުޅޭކަމަށެވެ.
މިއަދު ރައީސް އޮފީހުން އާންމުކޮށްފައިވަނީ H7 ކެޓަގަރީއަށް ނިސްބަތްވާ 93 މީހެއްގެ ނަމެވެ. މި ކެޓެގަރީއަކީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެވެ. މީގެ ކުރިންވެސް މިގޮތަށް ފޯނަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކުރައްވާފައިވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަދު ނަން އާންމުކޮށްފައިވާ ފަރާތްތަކުން މިމަހުގެ 5 ވަނަ ދުވަހުގެ 15:00ގެ ކުރިން https://hcc.presidency.gov.mv/ ލިންކުގައި ހިމެނޭ ފޯމު ފުރިހަމަކުރުމަށް ފްލެޓް މައްސަލަ ބަލާ ކޮމިޓީ އެދިވަޑައިގަންނަވާކަމަށެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ޝަރުތުހަމަވާ މީހުން ބެލުމަށްފަހު އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަކަށް ފްލެޓް ލިބުނު މީހުން ހާމަކުރާނެކަމަށް ފްލެޓް މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.