ރިޕޯޓް

ކަނޑުތަކަށްވެސް ކޯވިޑްގެ ނުރައްކާ


ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކޮޅުކޮޅުން ޖެހިފައިވަނީ އިންސާނުންގެ އާންމު ދިރިއުޅުން އެކަންޏެއް ނޫނެވެ. ދުނިޔޭގެ ކަނޑުތަކަށްވެސްވަނީ ބަލިމަޑުކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކޯވިޑް-19ގެ ސަބަބުން އުފެދިފައިވާ ކުނިބުނީގެ މިންވަރު ފާއިތުވި ދިހަ މަހުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް އިތުރުވެފފައެވެ. އެގޮތުން މާސްކާއި އަންގިއާއި ވައިޕްސްފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާނުލުމުގެ ސަބަބުން އެ ތަކެތިދަނީ ކަނޑުތަކަށް ޖަމާވަމުންނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ފާއިތުވި ދުވަސްތަކުގައި ގޮނޑުދޮށްތަކަށް އެތަކެތި ލައްގަމުންދާ މިންވަރެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕު ޙަރަކާތް މިދިޔަ މަހުގެ ތެރޭގައިވަނީ ބާއްވާފައެވެ. އެތައް ޤައުމަކުން ގިނަ ޢަދަދެއްގެ ދަރުމަވެރިން ބައިވެރިވާ އެ ޙަރަކާތުގައި ކަނޑުގެ ސަރަޙައްދުން އެއްކުރާ ކޮންމެ ކުނި ބުނި ނައްތާލުމުގެ ކުރިން އެ އެއްޗަކާއިބެހޭ ތަފްޞީލު ނޯޓުކުރެއެވެ.

މި އަހަރުގެ ޙަރަކާތުގައިވެސް 76 ޤައުމަކުންވަނީ ބައިވެރިވެފައެވެ. ސިގިރޭޓު ފިލްޓަރާއި ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންއާއި ޕުލާސްޓިކު ހޮޅިއާއި ފުޅިއަކީވެސް ގިނަ ޢަދަދަކަށް އެ ޙަރަކާތުގައި ކޮންމެ އަހަރަކުވެސް ކަނޑުތަކުން އެއްކުރާ ސާމާނެވެ. ނަމަވެސް މި އަހަރު އެ ލިސްޓަށް ޕީޕިއީވެސްވަނީ އިތުރުވެފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާފަދަ މާސްކާއި އަންގި ހިމެނޭގޮތަށް ޕީޕީއީގެ ގޮތުގައި ބޭނުންކުރާ 62،210އަށްވުރެ ގިނަ ސާމާނުވަނީ ކަނޑުތަކުން ނަގާފައެވެ. އެ ސާމާނު ހިމެނޭ ގޮތަށް އެއްކުރި ކުނިބުނީގެ ޖުމްލަ ބަރުދަން 1.16 މިލިއަން ޕައުންޑަށްވުރެ އިތުރެވެ.

ކަނޑުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އޯޝަން ކޮންސާޗަންސީގެ އެންމެ އިސް ސައއިންޓިސްޓުކަމުގައިވާ ޑރ. ޖޯޖު ލިއޮނާޑު ވިދާޅުވީ އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕު ޙަރަކާތް ބާއްވަމުންދާތާ 35 އަހަރު ވެފައިވާއިރު މިއީ އެއްކުރާ ސާމާނުގެ ކެޓެގަރީތަކުގެ ތެރޭގައި ޕީޕީއީ ހިމަނާފައިވާ ފުރަތަމަ އަހަރުކަމަށެވެ. އަދި ޕީޕީއީގެ ސަބަބުން ކަނޑުތަކާށާއި އޭގައިވާ ދިރުންތަކަށް ވަރަށް ބޮޑު ނުރައްކަލެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން މިހާރުވެސް އަހަރަކު 8 މެޓްރިކް ޓަނުގެ ޕުލާސްޓިކު ކަނޑުތަކަށް އެޅެމުންދާ ދަނޑިވަޅެއްގައި ގޯސްވެފައިވާ ޙާލަތު އެތައް ގުނައަކަށް އިތުރަށް ގޯސްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލިއަނާޑު ވިދާޅުވީ ދުނިޔެ މިހާރު ކުރިމަތިލަމުންދާ ބަލިމަޑުކަމުގެ ސަބަބުން މައިގަނޑު ދެ މައްސަލައެއް ކުރިމަތިވެފައިވާކަމަށެވެ. މިދުވަސްވަރު އެއްފަހަރު ބޭނުންކޮށްފައި އެއްލާލާއި ޕުލާސްޓިކު ކޮތަޅާއި ކޮންޓެއިނަރު ފަދަ ތަކެއްޗަށް އޮންނަ ޑިމާންޑު އިތުރުވެ އެފަދަ ތަކެތި ބޭނުންކުރާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަނެއްކަމަކީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ގިނަ ޢަދަދުތަކުން ބޭނުންކުރަމުންދާ، އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ މާސްކާއި އަންގިއެވެ. މީގެ ދުވަސްކޮޅެއް ކުރިން މުޅި ދުނިޔޭގެ އެންމެން އެ ސާމާނު އެހާ ގިނަ މިންވަރަކަށް ބޭނުންކޮށްފާނެކަމަށް ހީވެސް ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސައިންސު ޖާނަލެއްކަމަށްވާ އެންވިރޮމެންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީއިންވަނީ މުޅި ދުނިޔޭގެ އެކކި ސަރަޙައްދުތަކުގައި މި ދުވަސްވަރު މަހެއްގެ މައްޗަށް 129 ބިލިއަން މާސްކާއި 65 މިލިއަން އަންގި ބޭނުންކުރަމުންދާކަމަށް އަންދާޒާކޮށްފައެވެ.

މިހާރު ކުނި އަޅަމުންދާ ހަލުވިމިނުގައި ކަނޑުތައް ތަޣައްޔަރުވަމުންދާނަމަ 2050ވަނަ އަހަރު އަންނަންވާއިރަށް ބަރުދަނުގެ ގޮތުން ކަނޑުގައި އުޅޭ މަހަށްވުރެ ގިނަ ވާނީ ޕުލާސްޓިކުކަމުގެ އިންޒާރު ވޯލްޑް އިކޮނޮމިކް ފޯރަމުންވަނީ ދީފައެވެ.

ފާއިތުވި އަށް އަހަރު ސަންޑިއެގޯގެ ރައްޔިތެއްކަމަށްވާ ޖާނިސް ޖޯންސްދަނީ ގޮނޑުދޮށުގައި ހުންނަ ކުނި ހޮވުމަށް ވަގުތު ހުސްކުރަމުންނެވެ. މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރާ ޖޯންސް ބުނީ އޭނާއަކީ ވަރަށް ގަޔާވެގެން ގޮނޑުދޮށް ސާފުކުރާ މީހެއްކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އޭނާ ދިރިއުޅޭ ހިސާބުގައި އޮންނަ ގޮނޑުދޮށް ބަންދުކުރުމުން ކުނިބުނި ސާފުކުރުމުގައި އޭނާ ޢަމަލުކުރަމުންދިޔަ ގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައުމަށް މަޖުބޫރުވިއެވެ.

ޖޯންސް ބުނީ ގިނަ އިރުތަކެއް ވަންދެން ގޭގައި ބަންދުވެފައި އިންނަން ޖެހުމުގެ ސަބަބުން ފުރަތަމަ ބޭރަށް ނުކުމެ ހިނގަން ފެށީ ކަސްރަތު ހޯދުމަށްކަމަށެވެ. އެގޮތަށް ނިކުމެ އުޅުމުގެ ތެރޭގައި މަގުމައްޗަށް އުކާލާފައި ހުންނަ އަންގިއާއި މާސްކުފަދަ ތަކެތި ފާހަގަވާން ފެށިކަމަށެވެ. އޭގެ ތެރެއިން ގިނަ އެއްޗެއްސަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޒާތުގެ ތަކެތިކަމަށް އޭނާ ބުންޏެވެ. އެ ސާމާނު ފެނުމުން އޭނާ އެ ތަކެތި ހޮވައި، ރައްކާތެރިގޮތުގައި އެ ތަކެތި ނައްތާލާކަމަށް ޖޯންސް ބުންޏެވެ.

އޭޕްރިލް މަހުން ފެށިގެން އެގޮތަށް ފެންނަ މާސްކާއި އަންގީގެ ޢަދަދު އިތުރުވަމުންދާކަމަށާއި އެގޮތަށް ފެންނަ ކޮންމެ އެއްޗެއް ފޮޓޯނަގަން ފެށިކަމަށް ޖޯންސް ބުންޏެވެ. އެގޮތަށް އެއްކޮށްފައިވާ ސާމާނުގެ ޢަދަދު މިހާރު 1،000އަށް ވުރެ އިތުރުވެފައިވާކަމަށް އޭނާ ބުންޏެވެ. ދެ ތިން ފަހަރަކު ގޮނޑުދޮށަށް ދިޔުމުގެ ފުރުޞަތުވެސް ލިބިފައިވާކަމަށާއި އެ ޒިޔާރަތްތަކުގައިވެސް ގޮނޑުދޮށުން އަންގި ފެނިފައިވާކަމަށް އޭނާ ބުންޏެވެ. ކޯސްޓަލް ކްލީނަޕް ޑޭގެ ޙަރަކާތުގައި ސަންޑިއެގޯގެ ބައެއް ގޮނޑުދޮށްތަކުން 413 އަންގިއާއި 700އަށްވުރެ ގިނަ މާސްކުވަނީ ފެނިފައެވެ.

ކެލިފޯނިއާގެ ސާފްރައިޑާ ފައުންޑޭޝަނުގެ ސީއޯއީ ޝާޑް ނެލްސެން ބުނީ ކަނޑުގައި ހުންނަ ޕުލާސްޓިކު ކުނިބުނީގެ 80 އިންސައްތަ ކަނޑަށް ބޭރުވަނީ އެއްގަމުންކަމަށެވެ. މަގުމަތީގައި އެއްލާލާފައި އޮންނަ ކޮންމެ މާސްކެއް އަދި އަންގިއެއް ނަގައި ރަނގަޅަށް ނައްތާނުލައިފިނަމަ އެ ތަކެތި ފެން ދަޢުރުކުރާ ޖަންކުޝަނުތަކަށް ގޮސް، ކޯރަކަށް ބޭރުވެ އެ ކޯރުން ކަނޑަށް ބޭރުވާކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެންމެ ރައްކާތެރިގޮތަކީ އެ ތަކެތި ކުނިގޮނޑުތަކަށް އެއްކުރުންކަމަށް އޭނާ ބުންޏެވެ.

ޝާޑް ނެލްސެން ބުނީ ނޫ ކުލައިގައި ހުންނަ ސާޖިލަކް މާސްކާއި އަންގީގައި ޕުލާސްޓިކު ހުންނަކަމަށް ބައެއް މީހުންނަށް ނޭނގޭކަމަށެވެ. އެހެންކަމުން މަދު މިނެޓުކޮޅަކަށް ބޭނުންކުރާ އެއްޗެއް އެތައް ހާސް އަހަރެއްވަންދެން ދުނިޔޭގައި ދެމި ހުރެދާނެކަމަށް އޭނާ ބުންޏެވެ.

ޕުލާސްޓިކަކީ އަމިއްލަ ޒާތުގައި ނެތިގެންދާ އެއްޗަކަށް ނުވާތީ އޭތި ހަލާކުވެދަނީ ކުދިކުދި މައިކްރޯޕްލާސްޓިކަށްކަމަށާއި އެ ތަކެތި ޖަނަވާރުންނަށް ކެވި ކަނޑާ ހަމައަށް ފޯރާކަމަށް އޭނާ ބުންޏެވެ. މިހާރު މި ފެންނަ މަންޒަރަކީ ބޮޑު މަންޒަރުގެ ވަރަށް ކުޑަ މިންވަރެއްކަމަށާއި މައްސަލައާ މެދު ހަރުދަނާ ފިޔަވަޅުނާޅައި ފަރުވާކުޑަ ކުރާނަމަ ކަނޑުތައް ހަލާކުވެ ނެތި ދިޔުމުގެ ފުރުޞަތު އޮތްކަމަށް އޭނާ ބުނެއެވެ.