ރިޕޯޓް

ޖޯޖު ފްލޯއިޑުގެ އަވަށުގައި މުޒާހަރާތައް، ނިންމާނީ ވޯޓުން!


ޑެކްސްޓާ ފެއާކުލޯތު، ޓެކްސަސްގެ ހޫސްޓަންގެ ތާޑު ވޯޑުގެ މަގުތަކުގައި ހިންގަމުން ދިޔައީ ފެންނަހާ މީހަކަށް އެންމެ ސުވާލެއް ކުރަމުންނެވެ. ތިބާ ވޯޓުލައިފީމު ހެއްޔެވެ؟ އުމުރުން 35 އަހަރުގެ ފެއާކުލޯތަކީ ކާކުކަން ދެނެގަނެވުމުން އޭނާ ސުވާލުކުރާ މީހުން އޭނާއާއި ދިމާލަށް ހިނިތުންވެލައެވެ.

ކޯޕޮރޭޓު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ފެއާކުލޯތަކީ އޭނާގެ މުޖުތަމަޢުއަށް ހެޔޮ ބަދަލުތައް ގެނައުމަށް އަބަދުވެސް އަޑުއުފުލާ މީހެކެވެ. އޭނާގެ މަސައްކަތައް އިތުރު މުހިންމުކަމެއް ގެނުވީ އޭނާގެ ގާތް ރަހުމަތްތެރިއެއް އަދި އަވަށްޓެރިއެއްކަމަށްވާ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖު ފޮލޯއިޑުގެ މަރެވެ. ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ އަނިޔާވެރި ގޮތުގެ ސަބަބުން ޖޯޖު ފްލޯއިޑު މަރުވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ފުލުހަކު އޭނާގެ ކަރުގައި ނުވަ މިނެޓް ވަންދެން ކަކޫ ޖައްސާ ފިއްތާލައިގެން އިނުމުގެ ސަބަބުން ފްލޯއިޑު މަރުވުމުން، އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ކަޅު ނަސްލަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެމީހުންގެ ރުޅިވެރިކަމާއި އިންސާފަށް އެދޭ އެދުން ހާމަކުރުމުގެ ގޮތުން ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލަމުންނެވެ.

ފްލޯއިޑު ނިސްބަތްވާ ތާޑު ވޯޑުގެ ރައްޔިތުން ފަރުދީ ޒިންމާއެއްކަމަށް ދެކިގެން ވޯޓުލާން ނިކުންނަ މިންވަރު އާދަޔާ ޚިލާފަށް ގިނައެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާއި ދެމެދު ރިޔާސީ އިންތިޚާބުގައި ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑުވަޅުގައި، ކަޅު ނަސްލަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މީހުން ވޯޓުލަމުންދަނީ ބަދަލެއްގެ އުންމީދުގައެވެ.

ހެރިސް ކައުންޓީ ކުލާކު އޮފީހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލައިއިރު މި އަހަރުގެ އިންތިޚާބުގައި ތާޑު ވޯޑުގައި އަވަހަށް ވޯޓުލީ މީހުންގެ ޢަދަދުވަނީ 650 ގުނަ އިތުރުވެފައެވެ.

ފެއާކުލޯތުބުނީ އިންތިޚާބުގައި ވޯޓުލުމުން ހުރިހާ ކަމެއް އެއްފަހަރުން ބަދަލު ނުވާނެކަމަށް އޭނާ ޤަބޫލުކުރާކަމަށެވެ. ވޯޓުލުމަކީ ފެށުމެއްކަމަށާއި ބަދަލެއް ބޭނުންވާނަމަ އެ މަސައްކަތް ފަށާނީ ފުރަތަމަ ފިޔަވަޅުންކަމަށް އޭނާ ބުންޏެވެ.

ފްލޯއިޑަކީ ކޮލެޖުގައި އުޅުން ދުވަސްވަރު އެމެރިކާ ފުޓުބޯޅަ ކުޅުނު މީހެކެވެ. އަވަށުގެ ކުދިންނަށް ހިތްވަރުދީ ދިރިއުޅުމާއި މެދު ރަނގަޅަށް ވިސްނުމަށް އަވަށުގެ ކުދިންނަށް ފްލޯއިޑު އަބަދުވެސް ހިތްވަރުދޭކަމަށް ފެއާކުލޯތު ބުންޏެވެ. ވަރަށް އަނިޔާވެރިކޮށް ފުލޯއިޑު މަރާލައި މަންޒަރުގެ ވީޑިއޯ ދަޢުރުވާން ފެށުމުން ތާޑު ވޯޑުގެ ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމުގެ ބޮޑު ހުޅުގަނޑެއް ރޯވިކަމަށް އޭނާ ކިޔައިދިނެވެ. އެ ވީޑިއޯ ފެނުމުން ސިފަކުރެވެނީ އަޅުންތަކެއް ގައިގައި ތަޅަމުންދާ މަންޒަރުކަމަށް އޭނާ ބުންޏެވެ. ފެއާކުލޯތު ބުނީ އޭނާއަށް އެކަން ސިފަވީ ކަޅު ނަސްލުގެ އަޅުންނަށް އަނިޔާކުރުމަށް ކުރީ ޒަމާނުގައި ބޭނުންކުރާ ހިލިހިލާތަކުގެ ބަދަލުގައި މި ޒަމާނުގައި ފުލުހުންގެ ބެޖާއި ކަކޫ ބޭނުންކުރަމުންދާ މަންޒަރުކަމަށެވެ.

ފްލޯއިޑުގެ މަރަށްފަހު އޭނާގެ ގާތް މީހުންނާއި ދަންނަ މީހުން ދިޔައީ ކޮންމެ ދުވަހަކުވެސް މަގުތަކަށް ނިކުމެ ކަޅު ނަސްލުގެ މީހުންނަށް ދެމުންދާ އަނިޔާތަކާއި ކުރާ ތަފާތުތަކާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ބްލެކް ލައިވްސް މެޓާގެ ޝިއާޢުގެ ދަށުން ކުރިއަށް ގެންދިޔަ އެ ޙަރަކާތްވަނީ އެމެރިކާ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް ފޯރާފައެވެ. ހޫސްޓަންގައި މުޒާހަރާ ކުރަމުންދިޔަ މީހުންނާއެކު އެ ސިޓީގެ ފުލުހުންގެ އިސްވެރިޔާ، އާޓް އެސެވީޑޯވެސްވަނީ ބައިވެރިވެފައެވެ. އޭނާ ބުނީ ފެއާކުލޯތުގެ އިތުރުން ތާޑް ވޯޑަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ކަޅު ނަސްލުގެ ޒުވާނުން މުޒާހަރާތަކުގައި އަމާންކަން ޤާއިމްކުރުމަށް މަސައްކަތްކުރަމުންދިޔަ މަންޒަރު އޭނާއަށް ފާހަގަވިކަމަށެވެ.

ފްލޯއިޑުގެ މަރަކީ ފުލުހުންގެ މަސައްކަތްތައް ހުރީ ހުންނަންވާ ހިސާބުގައި ނޫންކަމުގެ ހެއްކެއްކަމުގައި އެސެވީޑޯ ވިދާޅުވިއެވެ. ކުރިމަތިވެފައިވާ އުނދަގޫ މައްސަލައަށް ފަސޭހަ ޙައްލެއް ނެތްކަން ތާޑު ވޯޑާއި ހޫސްޓަންގައި މުޒާހަރާކުރަމުންދިޔަ މީހުންނަށް ބުނެދިންކަމަށާއި، މަގުތަކުގައި މުޒާހަރާކުރުމުގެ އިތުރުން އިންތިޚާބުގައި ވޯޓުލުމަށްވެސް މުޒާހަރާގެ ބައިވެރިންނަށް ވަރަށް ބޮޑަށް ބާރު އެޅިކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޫނު މޫސުމުގައި ކުރި މުޒާހަރާތަކުގައި ބައިވެރިވި ބައެއް މީހުން ބުނީ އެ މުޒާހަރާތަކުގެ ސަބަބުން ސިޔާސީ ކަންކަމުގައި ބޮޑަށް މަސްޢޫލުވުމުގެ އިތުރުން އެމީހުންގެ ބަހަކީވެސް މުހިންމު އެއްޗެއްކަމާއި އެމީހުންގެ އަޑުވެސް ފައުޅުކުރެވޭނެކަމުގެ ޔަޤީންކަން ލިބިގެން ދިޔަކަމަށެވެ.

ފެއާކުލޯތާއި އޭނާއާއެކު މަސައްކަތްކުރާ އިތުރު ދެމީހުންވަނީ ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި ތާޑު ވޯޑުގެ ގޭގެއަށް ދޮރުން ދޮރަށް ހިންގާ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ހިތްވަރު ދީފައެވެ. އެމީހުންނަށް އާނެޓާ ޓޭލާ އޭނާގެ ގޭގެ ދޮރުމަތީގައި ހުއްޓާ ފެނުމުން ވޯޓުލުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ވޯޓުލާން ނުދެވޭނެ ބައެއް ސަބަބުތައް ޓޭލާ ކިޔައިދިނުމުން އެމީހުންވަނީ ވޯޓުލުމުގައި ޓޭލާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާނެގޮތް ކިޔައިދީފައެވެ. އެންމެ ފަހުން ޓޭލާވަނީ ވޯޓުލާން ދިޔުމަށް އެއްބަސްވެފައެވެ.

"އަހަރެންގެ ނަންބަރު ނަގާ! ހޯމަ ދުވަހު އަހަރެން ވޯޓުލާން ދިޔަކަން ޔަޤީންކުރަން އަހަންނަށް ގުޅާތި. އަހަރެންގެ އުމުރުން 46 އަހަރު ވެފައިވާއިރު މިއީ އަހަރެން ވޯޓުލާ ފުރަތަމަ ފަހަރު. އަހަރެމެން ވޯޓުމިލަނީ ޖޯޖުއަށްޓަކައި. އަހަރެމެން މި ވޯޓުލަނީ ބްރެއޯނާ ޓޭލާގެ ހައްޤުގައި. އަހަރެމެން ވޯޓު މިލަނީ ޖޯޖާއި ބްރެއޯނާ ގޮތަށް ގަތުލްކޮށްފައިވާ އެތައް ބައިވަރު ކަޅު ނަސްލުގެ މީހުންގެ ހައްޤުގައި"، ޓޭލާ ބުންޏެވެ.