ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ބަލި ނެތް ރަށަކަށް ދާއިރު ކަރަންޓީންވާން ނުޖެހޭގޮތަށް ނިންމުމެއް ނިންމާފައި އަދި ނުވާކަމުގައި އެޗްއީއޯސީން ވިދާޅުވެއްޖެއެވެ. ޑރ.ނަޒްލާ މިހެން ވިދާޅުވީ މިމަހުގެ މެދުތެރޭ ރަށަށްގޮސް ފުރިހަމަކުރަންޖެހޭ 14 ދުވަހުގެ ކަރަންޓީން އުވާލުމަށް މަޝްވަރާކުރަމުންދާކަމުގެ އަޑުފެތުރިފައި ވަނިކޮށެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ ރަށަށް ގޮސް ހަމަކުރަންޖެހޭ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު އުވާލުމަށް ނިންމާނީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މިންވަރާއި އެއް ކޭސް އަނެއް ކޭސްއާއި ގުޅުން ނެތް ކޭސްތައް ފެންނަމުން އަންނަ ނިސްބަތަށް ބެލުމަށްފަހު އެއީ ރައްކާތެރި ގޮތެއްކަމަށް ފެންނަ ކަމުގައިވާކަނަމަ ކަމަށެވެ.
"ކަރަންޓީން އުވާލާނަމަ އެކަން ނިންމާ އަންގާނެ. އަދި އެގޮތަށް ނިންމާފައެއް ނުވޭ. އެގޮތަށް ނިންމާ ނަމަ އެބަހުރި ބަލަންޖެހޭ ކަންކަން. ފްލޫ ކްލިނިކް ތަކުން ޕޮޒިޓިވާ މީހުންނާއި ލިންކް ވެފަ ހުންނަ ކޭސްތަކަށް ބެލުމަށްފަހު ގޮތެއް ނިންމޭނީ." ޑރ ނަޒްލާ ރަފީޤު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވަނީ މިހާރު ކުރިއަށްގެންދާ ސީރޯ ޕްރިވެލަންސް ސަރވޭއަށް އެއްބާރުލުން ދިނުމަށް ޢާއްމުންގެ ކިބައިން އަނެއްކާވެސް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އޮތް ގޮތް ދެނެގަތުމަށް މިސަރވޭގެ ދައުރު ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
"މިހާރު ސްކޫލް ކުދިންގެ ވަރަށް ބޮޑު އިންސައްތައެއްގެ ސާމްޕަލްތައް ވަނީ ނެގިފައި. މިހާރު ކުރިއަށްދަނީ ބޮޑެތި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް. ރެންޑަމްކޮށް ހޮވިގެން އަޅުގަނޑުވެސް މިއަދު ސާމްޕަލް ނަގައިފިން." ޑރ ނަޒްލާ ވިދާޅުވިއެެވެ.
ޑރ.ނަޒްލާ ވިދާޅުވީ ސަރވޭއިން އެދެވޭ ނަތީޖާއެއް ނެރުމަށް ވަކި ޢަދަދަކަށް ސާމްޕަލް ނަގަންޖެހޭކަމަށާއި އެކަން ކުރެވޭނީ ޢާއްމުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެހެންކަމުން ސާމްޕަލް ނެގުމަށް ރެންޑަމްކޮށް ނެގިފައިވާ މީހުން އަންގާފައި އޮންނަ ގަޑިއަށް ސާމްޕަލް ނަގާ މަރުކަޒަކަށް ދިޔުމަށް ޑރ.ނަޒްލާ ވަނީ އެދިވަޑައިގަންނަވާފައެވެ.
މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ސީރޯ ޕްރިވެލަންސް ސަރވޭގައި ސާމްޕަލް ނެގޭނެ އިންތިޒާމް 4 ތަނެއްގައި ވަނީ ހަމަޖައްސާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެގޮތުން މާލޭގައި ނަމަ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުން ސާމްޕަލް ނެގޭނެއެވެ. އަދި ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލް އާއި ވިލިމާލޭގައި ނަމަ ވިލިމާލޭ ހޮސްޕިޓަލުން ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެސެންޓަރުން ވިދާޅުވެއެވެ. މިތަންތަނުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހަވީރު 4 އިން ރޭގަނޑު 7 ޖެހުމާއި ހަމައަށެވެ.