ޖައިކާގެ ފަރާތުން އައްޑޫ ސިޓީ މަރަދޫ ސްކޫލަށް ހޭންޑް ސެނިޓައިޒާއާއި މާސްކް ހަދިޔާކޮށްފިއެވެ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖައިކާގެ) ފަރާތުން މަރަދޫ ސްކޫލަށް ފޮނުވި މިތަކެއްޗާ ޙަވާލުވީ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ނަސީރާއި ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. މިރަސްމިއްޔާތުގައި ޖައިކާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ކަވާސާކީ މިޓްސޫޔުޝީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖައިކާގެ ފަރާތުން މަރަދޫ ސްކޫލަށް ހަދިޔާކޮށްފައިވަނީ ހޭންޑް ސެނިޓައިޒާގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުން ކުރެވޭ މާސްކެވެ. މިރަސްމިއްޔާތުގައި ޖައިކާގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ކަވާސާކީ ވިދާޅުވީ މިއީ ކުޑަ މިންވަރެއްގެ އެހީއެއްނަމަވެސް މިއީ މި ހާލަތުގައި މުހިއްމު އެހީއެއްގެ ގޮތުގައި ޤަބޫލުކުރައްވާކަމަށެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތިބި ޖަޕާނުގެ ޓީޗަރުން އަނބުރާ އެ ޤައުމަށް ގޮސްފައިވާއިރު އެ ޓީޗަރުންނާއި ދިވެހި ދަރިވަރުންނާ ދެމެދު އަދިވެސް ގާތްގުޅުމެއް އޮންނަކަން ޖައިކާއިން ފާހަގަކުރެއެވެ. މަރަދޫ ސްކޫލަށް ހަދިޔާކުރި ހައިޖީން ސާމާނަކީވެސް އެސްކޫލުގައި މަސައްކަތްކުރި ޓީޗަރަކު ސްކޫލުގެ ދަރިވަރުންނަށް ފޮނުވި ތަކެތިކަމަށް ޖައިކާއިން ބުނެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ބޭނުންކުރާ އެކިބާވަތުގެ ހައިޖީން ސާމާނާއި ޕީޕީއީ ފަދަ ތަކެތި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ސްކޫލްތަކަށާއި އެކި ރަށްރަށަށް ފޮނުވަމުންނެވެ. މިދަނޑިވަޅުގައި މިޙާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.