ދުނިޔެ

ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 50 މިލިއަނަށް، ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހު


ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު 50 މިލިއަނަށް އިތުރުވެއްޖެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބަލިޖެހިފައިވާ 50 މިލިއަން މީހުންގެ ތެރެއިން 25 އިންސައްތަ މީހުންނަށް ބަލިޖެހިފައިވަނީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައެވެ. އެއީ ބަލީގެ ދެވަނަ ރާޅެއް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެން ފެށުމާއިއެކުގައެވެ.

މިދިޔަ ޖަނަވަރީ މަހުން ފެށިގެން ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ޙާލަތު އެންމެ ގޯސްވީ ހުސްވި އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން ބަލީގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ އެމެރިކާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު އެ ދުވަސްވަރުވަނީ 100،000އަށް އިތުރުވެފައެވެ. އެއީ އެއްދުވަސް ތެރޭގައި އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނުކަމަށް ރިޕޯޓުކުރި ފުރަތަމަ ޤައުމެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ވިލާތުގައި ބަލިފެތުރޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވިއެވެ.

ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ދުނިޔޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ހުރީ އެވަރެޖުކޮށް 540،000ގައެވެ. ބަލި ފެތުރެން ފެށީންސުރެ މިހާތަނަށް 1.25 މިލިއަން މީހުންވަނީ އެބަލީގައި މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި ބަލިފެތުރޭ މިންވަރު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެ ބަލިޖެހިފައިވާ މީހުންގެ ޢަދަދު 30 މިލިއަނުން 40 މިލިއަނަށް އިތުރުވުމަށް ނެގީ އެންމެ 32 ދުވަހެވެ. އެ ޢަދަދަށް 10 މިލިއަން އިތުރުވެ ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު 50 މިލިއަނަށް އިތުރުވުމަށް ނެގީ އެންމެ 21 ދުވަހެވެ.

މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ވިލާތުގެ ސަރަޙައްދު އޮތީ މިވަގުތު އެންމެ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުގެ ގޮތުގައެވެ. މީގެ ކުރިން އެންމެ ޙާލަތު ގޯސްވެފައި އޮތީ މެދުތެރޭ އެމެރިކާގައެވެ. ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ 24 އިންސައްތަ މީހުންނަކީ ވިލާތުގެ ޤައުމުތަކުން މަރުވެފައިވާ މީހުންނެވެ. އެ ސަރަޙައްދުގައި ކޮންމެ ތިން ދުވަހަކުން އެއް މިލިއަން މީހުންނަށް ބަލި ޖެހެމުންދާކަމަށް ހިސާބުތަކުން ދައްކައެވެ. އެއީ ބަލިޖެހޭ މީހުންގެ ޖުމްލަ ޢަދަދުގެ 51 އިންސައްތައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ޙާލަތު ގޯހީ ފަރަންސޭސިވިލާތުގައެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގައި ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 54،400 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެ ނިސްބަތަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އަދި ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ އިންޑިޔާގައި ބަލިފެތުރޭ މިންވަރަށްވުރެ މަތީ ނިސްބަތެކެވެ.

ކޯވިޑް-19ގެ ދެވަނަ ރާޅުގެ ސަބަބުން ވިލާތުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަޔަ ނުދިނުމަށްޓަކައި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައިވަނީ ހަރުކަށި ފިޔަވަޅުތައް އަލުން އިޢާދަކޮށްފައެވެ.

ވިލާތުގެ ޤައުމެއްކަމަށްވާ ޑެންމާކުގައި މިންކު ކިޔާ ޖަނަވާރެއްގެ ޒަރިއްޔާއިން ކޯވިޑް-19 ޖައްސާ ވައިރަސް އިންސާނުންނަށް ފޯރާފައިވާކަން އެނގުމުން އެ ޤައުމުގެ ބައެއް ސަރަޙައްދުތައްވަނީ ފުރަބަންދުކޮށްފައެވެ. އަދި 17 މިލިއަން މިންކު މެރުމަށްވަނީ އަންގައިފައެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އެމެރިކާގެ ޙާލަތު އަދިވެސްދަނީ އެއްދުވަހަށްވުރެ އަނެއް ދުވަހަށް ހަލުވިކަމާއެކު ގޯސްވަމުންނެވެ. ދުނިޔޭގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ ވިހި އިންސައްތަ ޙިއްޞާކުރަނީ އެމެރިކާއިންނެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 100،000 މީހުންނަށް އެ ޤައުމުގައިދަނީ ބަލިޖެހެމުންނެވެ. އިއްޔެ އެކަނިވެސް އެ ޤައުމުގައި 130،000 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެ ޤައުމުގައި މިހާތަނަށް އެއްދުވަސް ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެފައިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައްކާތެރިކަމުގެ އެދެވޭ ފިޔަވަޅުތައް ނާޅާއި ގިނަ ކެންޕެއިން ޙަރަކާތްތަކެއް ރެޕަބްލިކަނުން ބާއްވާފައި ވަނިކޮށެވެ. ސްޓޭންފޯޑު ޔުނިވަސިޓީގެ ފަރާތުން ކުރި ދިރާސާއެއްގައިވަނީ އެ އެއްވުންތަކުގެ ސަބަބުން 30،000 މީހުންނަށް ބަލިޖެހި 700 މީހުން މަރުވުން އެކަށީގެންވާކަމަށް ފާހަގަކޮށްފައެވެ.

އޭޝިޔާ ސަރަޙައްދުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުދަނީ މަޑުމަޑުން ދަށްވަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 8.5 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް އެ ޤައުމުގައި ބަލިޖެހެނީ 46،200 މީހުންނަށެވެ.