މީ އާޢްމުކޮށް ވާކަމެއް ނޫނެވެ. މުޅިންވެސް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ކަނޑަށް އުކާލާ ދަލާއި އެހެނިހެން ކުނި ބުނީގައި ތާށިވެ ކަނޑުގައި އުޅޭ ބައެއް ދިރޭތަކެތި މަރާ ހަނގުރާމަކުރަމުންދާ ތަނެވެ. ނުވަތަ ބައެއް ފަހަރަށް ފުރާނަ ސަލާމަތް ނުކުރެވި މަރުވެފައި އޮންނަ މަންޒަރެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއިންވެސް މި ފަދަ މަންޒަރުތައް ފެންނަ އަދަދު މަދެއް ނޫނެވެ. މަސްވެރިކަމަށް ނުކުމެ ބޭނުންކުރާ ދަލާއި ވާތައް މޫދާއި ކަނޑަށް އުކާލުމުން އެތަކެތީގައި ކަނޑުގެ ބައެއް ދިރުންތައް އަންނަނީ ތާށިވަމުންނެވެ. ހާއްސަކޮށް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ އެތައް ބާވަތެއް މިފަދަ ތަކެތީގައި ތާށިވެފައިވަނިކޮށް ދިވެހިންގެ ތެރެއިން ބަޔަކަށް ފެނި އެތަކެތި ސަލާމަތްކުރަންޖެހުނު އެތައް ހާދިސާތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ފަދަ ހާދިސާތަކާއި ކުރިމަތިވި ބައެއް މީހުންވަނީ އެ މަންޒަރުތައް އެތައް ބަޔަކަށް ފެންނަގޮތަށް އާއްމުވެސްކޮށްފައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. މޫދާ ކަނޑަށް ކުނި ނޭޅުމަށް ނަސޭހަތްތެރިވެ އިލްތިމާސްކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް މިކަންކަން ފެނުނު ނަމަވެސް މަދު ބަޔަކު ނޫނީ އެމީހުންގެ މި ނޭދެވޭ އާދަތައް ދޫކޮށްލި މަންޒަރެއް ނުފެނެއެވެ.
ޒުވާން މަސްވެރިޔާ އޭ ބުނުމުން އެއީ ކާކުކަން ނޭގޭ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. ގއ ގެމަނަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހަސަން ސާޖިންގެ މުހިއްމު އެއް މަސައްކަތެއް އޮވެއެވެ. މަސްވެރިކަމަކީ 'ހަޑި' މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުންނަށް އޭނާ ދައްކަމުން އަންނަނީ އެއީ ސަޅިކަމެއްކަމެވެ. އަދި މީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްކަމެވެ. ޒުވާނުން ނުކުންނަށް ޖެހިލުންވާ ޖެހޭ ދާއިރާއެއް ނޫންކަމަށް ބުނެދީ އޭނާ އަންނަނީ ރާއްޖޭގެ މަސްވެރިކަން ރާއްޖޭއާއި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުންނެވެ.
މީ ޒުވާން މަސްވެރިޔާ ސާޖިންގެ ކޮންމެ ދުވަހެއްގެވެސް މަސައްކަތެވެ. އެހެންނަމަވެސް މިފަހަރު އޭނާ އެންމެނަށް ދޫކޮށްލި މެސެޖު މުޅިން ތަފާތެވެ. މަހަށް ނުކުތުމަށް ހިތްވަރުދެމުން އަންނަ ސާޖިން މިފަހަރު ބުނެދިނީ މޫދާއި ކަނޑަށް ކުނި އެޅުމުން އެކަމުގެ ހުރި ނުރައްކަލުގެ ވާހަކައެވެ. އެ މެސެޖް ދިނީ މޫދަށް އެއްލާލާފައި އޮތް ދަލެއްގެ ތެރޭގައި އަމިއްލަ އަށް ތާށިވެ މަރަށް ހަނގުރާމަކުރާ ވެލައެއްގެ އިހްސާސްތައް ބުނެދެމުންނެވެ.
" އެއީ އަހަރުމެންނަށް ވަނީ ކިހިނެތް. ވެލާ ކަހަނބު ސަލާމްތަކުރޭ. އަދި ރާއްޖޭގެ ކަނޑުތައް ސާފުކޮށް ބާއްވާ. " މީ ސާޖިންގެ މެސެޖެވެ. މި މެސެޖް ވަރަށް ސާފެވެ. ސާޖިން ބުނީ މޫދަށް ކުނި އެޅުމުގެ ސަބަބުން މޫދުގައި އުޅޭ އެތައް މަހެއް އެބަ މަރުވާކަމަށެވެ. އަދި އެތަކެއް ފަރުތަކަކަށް ގެއްލުވެސް އެބަ ލިބޭކަމަށެވެ.
މަސްވެރިކަމުގައި ކަނޑުމަތީގައި ވަގުތުތައް ހޭދަކުރާ ޒުވާން މަސްވެރިޔާގެ މި ވާހަތަކުންވެސް އަޅުގަނޑުމެންގެ ކަނޑުގެ ދިރުންތަކެއް އޮތް ނުރައްކާ ކިތަންމެހާވެސް ރަނގަޅަށް ތަސައްވަރުކުރެވެއެވެ.
އެއްވެސް ފަރުވާލެއް ބެލުމެތްނެތި މޫދާ ކަނޑަށް އުކާލެވޭ ކުނިން ނޭގި ނަމަވެސް އެ ހަލާކުކޮށްލެވެނީ މިކުދި ރަށްތައް ވަށައިގެންވާ ނާޒުކު މުރަކައިގެ ފަރުތަކެވެ. މަރުވެ ނެތެމުން ދަނީ ދިވެހިން ކަނޑު ރޯއްޖެވެ.
ދަލެއްގައި ތާށިވެ ނޭވާ ހާސްވެ ފުރާނައަށް ހަނގުރާމަ ކުރަން ނުޖެހުނުނަމަވެސް ސާޖިން އެ ދިން މެސެޖާއި މެދު ވިސްނާލަކަށް ނުވޭބާއެވެ. އަޅުގަނޑުމެންގެ މި ނޭދެވޭ އަދަޔާއި ދުރަށް ދާނީ ކޮން އިރަކުންބާއެވެ. ޖެހޭތަނަކަށް ޖެހުނު އެއްޗެއް އުކާލުގެ ބަދަލުގައި އެތަކެތި ރަނގަޅު ގޮތުގައި ނަތްތާލުމަށް އެހީތެރިކަން ދޭން ބޮޑުކަމަކަށް ނަހަދާނީ ކޮން ދުވަހަކުން ބާއެވެ.