ރިޕޯޓް

"މާކަނާ ދައްތަ" އާއި އޭނާގެ ލަސްކަރު


އުމުރުން 39 އަހަރުގެ ޕުރުނިމާ ދޭވީ ބަރުމަނަށް މައްސަލައެއް އުޅޭކަމުގެ ހިލަމެއްވީ އައްސާމްގެ ގުހަވަތީގައި ހުންނަ ގައުހަތީ ޔުނިވަސީޓީގައި ޕީއެޗުޑީއަށް ތަޢުލީމު ހާޞިލްކުރަމުންދިޔަ ދުވަސްވަރެވެ.

ބަރުމަންގެ ޕީއެޗުޑީގެ ދިރާސާ ބިނާކުރީ ދުނިޔޭގެ އެންމެ މަދު އެއް ވައްތަރުގެ މާކަނާ ކަމުގައިވާ ގުރޭޓާ އެޖުޓަންޓްގެ މައްޗަށެވެ. ގުރޭޓާ އެޖުޓަންޓަކީ ކަޅާއި ހުދުކުލައިގެ ވަރަށް ތުންދިގު މާކަނާއެކެވެ. އައްސާމް ސްޓޭޓުގެ ބްރަހްމަޕުތްރާ ކޯރުގެ އައްސޭރީގައި އޮންނަ އަވަށެއްކަމުގައިވާ ޕުބު މަޖީރު ގައޯ ގައި ބަރުމަން ބޮޑުވަމުން އައި އިރު ގިނަ ޢަދަދެއްގެ އެ ވައްތަރުގެ މާކަނާ ފެންނަކަން އޭނާގެ ހަނދާނުގައި ރަނގަޅަށް ހުރެއެވެ. ނަމަވެސް މިހާރު އެ ބާވަތުގެ މާކަނާ ފެންނަލެއް މަދުކަން އޭނާއަށް ފާހަގަވިއެވެ.

ބަރުމަން ބުނީ އެކަން ފާހަގަވުމުން އޭނާއަށް ވަރަށް އުނދަގޫވިކަމަށާއި ޕީއެޗުޑީގެ މަސައްކަތް މަޑުޖައްސާލައި މާކަނާ އެސޮރުމެންގެ ވެށީގައި ސަލާމަތްކުރުމަށް އަތުކުރި އޮޅާލިކަމަށެވެ.

އޭނާ ބުނީ ގިނަ މީހުން މަސައްކަތްކުރަނީ ތަންކޮޅެއް މަޝްހޫރު ޖަނަވާރުންކަމަށްވާ ރައިނޯއާއި އެތް ފަދަ ޖަނަވާރުތައް ހިމާޔަތްކުރުމަށްކަމަށެވެ. ނަމަވެސް ބަރުމަންގެ މަސައްކަތަށް މާކަނާ ހިމާޔަތްކުރުމަށް ހިޔާރުކުރީ އެ ދޫންޏަކީ އޭނާގެ ކުޑައިރުންސުރެ އޭނާގެ ދިރިއުޅުމުގެ އެއް ބައި ގޮތުގައި އޮތް ދޫންޏަކަށް ވުމުންނެވެ. ބަރުމަން ބުނީ ތުއްތުއިރު މާކަނޯކަލޯ އުޅޭ ގިނަ ވާހަކަތަކާއި ލަވަތައް އޭނާގެ މާމަ ކިޔާދޭކަމަށާއި މާނަކާގެ އެކި ބާވަތްތައް ވަކިކުރާނެގޮތްވެސް މާމަ ދަސްކޮށްދިންކަމަށެވެ. އެ ހުރިހާ ހަނދާންތައް ވެގެން ދިޔައީ މާކަނާ ހިމާޔަތްކުރުމަށް ބަރުމަން ކުރާ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ.

އައްސާމުގެ ގިނަ މީހުން ދެކެނީ މާކަނާއަކީ އުނދަގޫ ބޮޑު ޖަނަވާރެއްގެ ގޮތުގައެވެ. އައްސާމުގެ ކަމްރުޕް ޑިސްޓްރިކްޓުގައި އޮންނަ ދާދަރާ، ޕަޝާރިއާ، ސިންގިމާރީ އަވަށުގައި އެ ދޫންޏާއި މެދު އޮންނަ ނަފުރަތު ވަކިން ބޮޑެވެ. މުޅަ މަސްކައި އާންމުންގެ ގެތަކަށް ވަސްގަދަ ސީލާ، ފަސް ފޫޓުގެ ދިގުމިން ހުންނަ މި ފައި ދިގު މާކަނާ ދެކެ އަންނަ ރުޅީގެ ބޮޑުކަމުން އެސޮރުމެންގެ ހާލި ހަލާކުކުރުމަށް ގަސްތައް ކަނޑައި ދުން އަރުވާ ހަދައެވެ.

ބަރުމަން ބުނީ މާނަކާގެ އާބާދީ ކުއްލިގޮތަކަށް މަދުވާން ފެށީ މާކަނާއާއިމެދު މިފަދަ ގޮތަކަށް ދެކޭ މީހުންގެ ޢަދަދު އިތުރުވެ އެ ދޫނި ނައްތާލުމަށް މަސައްކަތްކުރާ މީހުންގެ ސަބަބުންކަމަށެވެ. އެ މާކަނާއަކީ މިހާރު ހިމާޔަތްކޮށްފައިވާ ބާވަތެއްކަމަށް އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންސަވޭޝަން އޮފް ނޭޗަރ ރެޑް ލިސްޓް އޮފް ތުރެޓުންޑް ސްޕީޝީޒްއިންވަނީ ކަނޑައަޅާފައެވެ. މިހާރު ދުނިޔޭގައި ތިބީ މި ދޫނީގެ ގާތްގަނޑަކަށް 800އާއި 1200އާއިދެމެދުގެ ޢަދަދަކަށްކަމަށް އެ ފަރާތުން ބުނެއެވެ. އޭގެ ތެރެއިންވެސް ގިނަ ޢަދަދެއްގެ ދޫނި އުޅެނީ އައްސާމް ސްޓޭޓުގައެވެ. ބްރަހުމާޕުތުރާ ކޯރުގެ އައްސޭރީގައި އޮންނަ ކަމްރުޕު ޑިސްޓްރިކްޓުގައިވެސް އެ މާކަނާ ވަރަށް ގިނައެވެ. ބަރުމަންގެ ދިރާސާއިން ދައްކާގޮތުގައި ކަމްރުޕަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ހާލި ގިނަ ސަރަޙައްދެވެ. އަހަރަކު 140އަށްވުރެ ގިނަ ހާލި އެ ސަރަޙައްދުގައި މާކަނާތައް ހަދައެވެ.

ބަރުމަން ބުނީ 19ވަނަ ގަރުނުގެ ތެރޭގައި ދެކުނު އޭޝިޔާގެ ސަރަޙައްދުތަކުގައި މާކަނާ ވަރަށް ގިނަކަމަށެވެ. އެގޮތުން ޕާކިސްތާނާއި އިންޑިޔާއާއި ނޭޕާލާއި ބަންގުލަދޭޝާއި ވިއެޓުނާމުގައި މާކަނާގެ ބޮޑެތި އާބާދީތައް އުޅެމުންދިޔަކަމަށެވެ. ކެންބޯޑިއާގެ ބައެއް ސަރަޙައްދުތަކުގައިވެސް މާކަނާ އުޅެމުންދިޔަކަމަށް އޭނާ ބުންޏެވެ. 1800ގެ އަހަރުތަކުގައި އިންޑިޔާގެ ކޮލްކަޓާގައި އެ ދޫންޏަކީ އަމިއްލަވަންތަކަން ދައްކުވައިދޭ ނިޝާނަކަށް ވެގެން ދިޔަކަމަށާއި އެ ދޫނީގެ ނިޝާން ގެތަކާއި އިމާރާތްތައް ޒީނަތްތެރިކުރުމަށް ބޭނުންކޮށްފައިވާކަމަށެވެ. ނަމަވެސް އިންޑިޔާގެ ރަށްފުށު ހިސާބުތައް ކުރިއަރަން ފަށައި މަގުތަކާއި އިމާރާތްތަކާއި ޓަވަރުތައް ހަދަން ފެށުމުން މާކަނާ ދިރިއުޅޭ ޗަކަބިންތަކުގެ ޢަދަދު ވަރަށް ބޮޑަށް މަދުވާން ފެށިއެވެ. އެސޮރުމެންގެ ގެދޮރު ހަލާކުވެ ދިޔުމުން ދެން އެ ދޫނިތަކަށް މަޖުބޫރުވީ އިންސާނުން އުޅޭ ސަރަޙައްދުގައި އުޅުމަށެވެ.

ބަރުމަން ބުނީ މާކަނާއާއި މެދު މީހުން ދެކޭގޮތް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަން އޭނާއަށް ވިސްނުނުކަމަށާއި އެކަމަށް މަސައްކަތް ފެށިކަމަށެވެ. ގިނަ މީހުން އެ ދޫނިދެކެ ރުޅި އަންނަނީ ޖަނަވާރުންގެ ވެށި ދެމެހެއްޓުމުގައި މާކަނާ ޢަދާކުރާ މުހިންމު ދައުރު އެމީހުންނަށް ނުވިސްނޭތީކަމަށް އޭނާ ބުންޏެވެ. އެއާއިއެކު މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައި، މަރުވެފައި ހުންނަ ޖަނަވާރުންގެ މުޅަ މަސް މާކަނާ ކެއުމުން ތިމާވެށި ދެމެހެއްޓުމަށް އެހީތެރިވެދޭގޮތް އާންމުންނަށް ކިޔައިދޭން ފެށިކަމަށް އޭނާ ބުންޏެވެ. އަދި އެސޮރުމެންގެ ސަބަބުން މީދާ ފަދަ ޖަނަވާރުންގެ އާބާދީ އެއްވަރެއްގައި ހިފެހެއްޓޭކަން ކިޔައިދިންކަމަށް އޭނާ ބުންޏެވެ.

ބަރުމަން ބުނީ އެމީހުން ފުރަތަމަ އޭނާއަށް ވަރަށް މަލާމާތްކުރިކަމަށާއި މާކަނާ ފަދަ ބަލައިލަން ހުތުރު ދޫންޏެއް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ސަބަބު އެމީހުންނަށް ނުވިސްނުނުކަމަށެވެ. ނަމަވެސް މަޑުމަޑުން މީހުން ދެކޭގޮތް ބަދަލުވާން ފެށިކަމަށް އޭނާ ބުންޏެވެ. 2009ވަނަ އަހަރުގައި ގުހަވަތީގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކުން ކަމްރުޕް ޑިސްޓޓްރިކްޓުގައި ހޭލުންތެރިކަމުގެ ޚާއްޞަ ޙަރަކާތްތައް ފެށުމަށް ބަރުމަނަށް އެހީތެރިވެދިނެވެ.
އެއަށްފަހު ބަރުމަންވަނީ ތީމަކަށް މާކަނާ ބޭނުންކޮށް ގިނަ ޙަރަކާތްތަކެއް ބާއްވާފައެވެ. އެ ޙަރަކާތްތައް ބޭއްވީ މީހުން ވަރަށް ގަޔާވާ ގޮތަށް ވަރަށް މަޖާކޮށެވެ. އޭގެ ބޭނުމަކީ ހިމާޔަތްކޮށްފައިވާ މި ދޫނި އެ އަވަށެއްގައި އުޅޭތީ އެކަމާއިމެދު އާންމުންގެ ހިތުގައި އުފާވެރިކަމާއި ޝަރަފު އާލާކުރުންކަމަށް އޭނާ ބުންޏެވެ. އެ މަސައްކަތް ކާމިޔާބުވަމުންދާ ކަމުގެ ހެއްކަކީ ފާއިތުވި 13 އަހަރުގެ ތެރޭގައި ކަމްރުޕުގައި ހުރި މާކަނާ ހާލީގެ ޢަދަދު 27ން 210އަށް އިތުރުވެފައިވާވުމެވެ.

މިއަދު ބަރުމަން މަޝްހޫރުވެފައިވަނީ 'މާކަނާ ދައްތަ'ގެ ނަމުންނެވެ. އޭނާއަކީ މާކަނާ ހިމާޔަތްކުރުމަށް އަތުކުރި އޮޅާލާފައިވާ 400އަށްވުރެ ގިނަ އަންހެނުންގެ ބިޔަ ލަޝްކަރުގެ އެންމެ ކުރީގައި ހުރި ފަހުލަވާނެވެ. މި ލަޝްކަރުން މާކަނާއާއި މެދު އާންމުން ހޭލުންތެރިކޮށް އަނިޔާވެފައިވާ ދޫނިތަކަށް ފަރުވާދީ އެފަދަ އެހެނިހެން ގިނަ މަސައްކަތްތައް ކުރެއެވެ. މި ލަޝްކަރުގެ ފަހުލަވާނުން 80 ފޫޓު އުސްމިނުގައި ހުންނަ ޕުލެޓުފޯމުތަކެއްގެ މަތީގައި ތިބެ މާކަނާ ހާލިތަކަށް ފާރަލައި ބަލަހައްޓަމުންދެއެވެ.

2010ވަނަ އަހަރު މި ލަޝްކަރު ވުޖޫދަށް އައި ފަހުން މާކަނާ ހާލި ހަދާ އެންމެ ގަހެއްވެސް ކަނޑާލާފައިނުވެއެވެ. މާކަނާ އާލާކުރުމަށް ދުނިޔޭގައި ހަދާފައިވާ އެންމެ ފުރަތަމަ ބުރީޑިންގ ޕުލެޓުފޯމްވެސް މިދިޔަ އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައިވަނީ ޤާއިމްކޮށްފައެވެ. އެ ސަރަޙައްދުތަކަކީ މިއަދު ފަތުރުވެރިންވެސް އެ ސަރަޙައްދުތަކަށް ޝައުގުވެރިވާ، އަދި ދޫނިތައް ބަލާލުމަށް ޒިޔާރަތްކުރާ ސަރަޙައްދަކަށްވަނީ ބަދަލުވެފައެވެ.

ބަރުމަނުގެ މަސައްކަތުގެ ފޮނި ނަތީޖާ ފެންނަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް ދުވަސްތައް ފަސޭހަ ނުވާނެކަމަށް އޭނާ ބުނެއެވެ. އެ ޙަރަކާތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަންކަމެވެ. މިނިކާވަގާއި އެތާއި ރައިނޯފަދަ ޖަނަވާރު ހިމާތަތްކުރުމަށް ބޮޑެތި ޢަދަދުތަކުން ބަޖެޓު ލިބޭއިރު މާކަނާފަދަ އާދައިގެ ދޫންޏަކަށް ދޭ ސަމާލުކަން ވަރަށް ކުޑަކަމަށް އޭނާ ބުންޏެވެ. ނަމަވެސް ހޭލުންތެރިކަން އިތުރުކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ޙާރަކާތްތައް ހިންގިއްޖެނަމަ ކުރިމަގު އުޖާލާވާނެކަމަށް ބަރުމަން ބުންޏެވެ.