ދުނިޔެ

ކޯވިޑް ނުފޯރާ ހަތް ޤައުމު އެބައޮތް، ވެނުއަޓުއިންވެސް މީހަކު ފެނިއްޖެ


ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ވެނުއަޓުއިން ފެނިއްޖެއެވެ. ވެނުއަޓު ޕަބްލިކް ހެލްތުގެ ޑިރެކްޓަރު، ލެން ތަރިވޮންޑާ ވިދާޅުވީ އެ ޤައުމަށް އެމެރިކާއިން އެނބުރި އައި 22 އަހަރުގެ ޒުވާނެއް ކޯވިޑް-19އަށް ތަހުލީލުކުރުމުން ނަތީޖާ ޕޮސިޓިވް ވެފައިވާކަމަށެވެ. އޭނާ ބައްޔަށް ތަޚުލީލުކޮށްފައިވަނީ ކަރަންޓީނުގައި ހުންނަތާ ފަސްވަނައަށް ވީ ދުވަހުގައެވެ.

އާންމު ބަލިތަކާއި ބެހޭ ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައިނުވާކަމަށާއި އެމެރިކާއިން ވެނުއަޓުއަށް އޭނާ ދަތުރުކުރި ފުލައިޓުގައި އޭނާ އިނީ އެހެން ފަސިންޖަރުންނާއި ވަކިންކަމަށެވެ. އެގޮތަށް ޢަމަލުކޮށްފައިވަނީ އޭނާއަކީ ހަލުވިކަމާއެކު ބަލިފެތުރެމުންދާ ހައި ރިސްކު ޤައުމަކުން ދަތުރުކުރާ މީހަކަށްވާތީކަމުގައި ބަޔާނުގައިވއެވެ.

އެ މަތިންދާ ބޯޓުވަނީ ނިއުޒީލެންޑުގެ އޯކްލޭންޑުގައި ޓްރާންސިޓުކޮށްފައެވެ. ވެނުއަޓަށް އައި ހިސާބުން ފެށިގެން ބަލިމީހާވަނީ އިޖުތިމާޢީ ގައިދުރުކަމުގެ އެންމެހާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކޮށްފައިވާކަމަށާއި އޭނާ އާއި ކައިރިވި އެންމެން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ވެނުއަޓުގެ ރަސްމީ އިދާރާތަކުން ބުނީ ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެނަމަ އެ ކޭހެއް ބަލާނީ ބޯޑަރު ކޭހެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން ވަނުއަޓުގައި ކޯވިޑް-19 ފެތުރެން ފަށާފައި ނުވާކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ކޯވިޑް-19އާ ދެކޮޅަށް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ވެނުއަޓުގެ ސަރަޙައްދީ ރޮނގުތައްވަނީ މިދިޔަ މާރިޗުމަހުގެ ތެރޭގައި ބަންދުކޮށްފައެވެ. ނަމަވެސް އެހެން ޤައުމުތަކުގައި ތާށިވެފައިވާ އެ ޤައުމުގެ ރައްޔިތުން އަނބުރާ ގެނައުމަށާއި އެ ޤައުމުގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އަނބުރާ ފޮނުވުމަށް ރީޕެޓްރިއޭޝަން ފުލައިޓުތައް ބޭއްވުމަށް ވަރަށް ފަހުންވަނީ ޙުއްދަ ދީފައެވެ.

މިހާތަނަށް ކޯވިޑް-19 ނުފޯރާ އޮތް ހަމައެކަނި ޤައުމުތަކަކީ ކިރިބަތި، މައިކްރޮނޭޝިއާ، ނައުރު، ޕަލާއު، ސަމާއޯ، ޓޮންގާ އާއި ޓުވަލެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަލިޖެހިފައިވާ މީހަކު އެއްވެސް ވަރަކަށް ނުފެނި އޮތް ސޮލޮމޮން އައިލޭންޑްސާއި މާޝަލް އައިލެންޑްސުން މިދިޔަ މަހުގެ ތެރޭގައިވަނީ ބަލިޖެހިފައިވާ މީހުން ފުރަތަމަ ފަހަރަށް ދެނެގަނެފައެވެ. ނަމަވެސް އެ ދެ ޤައުމުގައިވެސް މުޖުތަމަޢުގެ ތެރެއަށް ބަލިފެތުރިފައެއް ނުވެއެވެ.