ދުނިޔެ

ވައިޓު ހައުސް ދޫކުރެއްވުމަށްފަހު ރައީސް ޓްރަންޕު ކުރާނީ ކޮންކަމެއް؟


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސްކަމުގެ އިތުރު ދައުރެއް ހޯއްދެވުމަށް ކުރި މަސައްކަތް ނާކާމިޔާބުވި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު، އަންނަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ދައުރު ހަމަވުމުން ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވާނެއެވެ. އެހާ ހިސާބުން ޓްރަންޕު ވެގެންދާނީ އެމެރިކާގެ ރައީސްކަން ކުރީގައި ކުރެއްވި ބޭފުޅަކަށެވެ. ވެރިކަން ނިމުމަކަށް އައުމުން ކާމިޔާބު ވިޔަފާރިވެރިޔާ އަދި ރައީސް ޓްރަންޕު ޢަމަލުކުރައްވާނީ ކޮންގޮތަކަށްކަމާއިމެދުވަނީ ސުވާލު އުފެދިފައެވެ.

ވައިޓު ހައުސް ދޫކުރެއްވުމަށްފަހު އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ މަސައްކަތްކުރައްވަން ފެއްޓެވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައެވެ. ކުރީގެ ރައީސް ޖޯޖު ޑަބްލިއު ބުޝް ފެއްޓެވީ ފެންކުލައިން ރީތި މަންޒަރުތައް ކުރައްސަވާށެވެ. ނަމަވެސް ރައީސް ޓްރަންޕަކީ އެހެން ހުރިހާ ސިޔާސީ ބޭފުޅުންނާއި މުޅިން ތަފާތު ޝަޚުސިސްޔަތެކެވެ.

ނޯތުވެސްޓަން ޔުނިވަސިޓީގެ ކޮލެޖު ސްކޫލް އޮފް މެނޭޖްމަންޓުގެ ޕުރޮފެސަރެއްކަމަށްވާ ޓިން ކެލްކިންސް ވިދާޅުވީ ސަގާފީ ގޮތުން ރައީސުން ކުރައްވަމުން އައި ގިނަ ކަންކަން ރައީސް ޓްރަންޕު ކުރައްވާފައި ނުވާކަމަށެވެ. އެހެންކަމުން ރައީސްކަމުގެ މަޤާމު ދޫކުރެއްވުމަށް ފަހުގައިވެސް އެހެން ރައީސުންނެކޭ އެއްގޮތަށް އާދައިގެ ގޮތަކަށް ރައީސް ޓްރަންޕު ޢަމަލުކުރައްވަފާނެކަމަކަށް ނުބެލެވެއެވެ.

އިތުރު ދަޢުރަކަށް ކުރިމަތިލުން

މީގެ ކުރިން އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އެއް ދައުރަށްފަހު މަޤާމު ގެއްލުމުން އަނެއްކާވެސް ރައީސްކަމާއި ކުރިމަތިލައްވާފައިވަނީ އެ ޤައުމުގެ އެންމެ ރައީސެކެވެ. އެއީ ގުރޯވާ ކްލީވްލޭންޑެވެ. 1885ވަނަ އަހަރުގައި އެމެރިކާގެ ރައީސްގެ ގޮތުގައި އެއް ދައުރު ޢަދާކުރެއްވުމަށްފަހު ދެން ޖެހިގެން އައި އިންތިޚާބު އޭނާއަށް ނާކާމިޔާބުވިއެވެ. ދެން އޭގެ ފަހުން 1893ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރައްވާ އަނެއްކާވެސް ރައީސްގެ މަޤާމު ހޯއްދެވިއެވެ.
އެމެރިކާގެ ޤާނޫނުގައި ބުނަނީ ދެ ދައުރަށްވުރެ ގިނަ ދައުރު ރައީސްގެ ގޮތުގައި އެއްވެސް ބޭފުޅަކަށް ޢަދާ ނުކުރެވޭނެކަމަށެވެ. ނަމަވެސް ރައީސްކަންކުރަންވާނީ ވިދިވިދިގެން ދެ ދައުރަށްކަމަށް ޤާނޫނުގައި ބުނެފައެއް ނުވެއެވެ.

ރައީސް ޓްރަންޕުގެ އަރިހުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނީ މި އަހަރުގެ އިންތިޚާބު ނާކާމިޔާބުވީ ނަމަވެސް 2024ގެ އިންތިޚާބުގައި ރައީސްކަމަށް އަނެއްކާވެސް ޓްރަންޕު ކުރިމަތިލައްވާނެކަމަށް ބެލެވޭކަމަށެވެ. މީގެ ކުރިން ރައީސް ޓްރަންޕުގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި މަސައްކަތްކުރެއްވި މިލް މަލްވަނޭވެސް ވިދާޅުވީ އެއީ ވުން ވަރަށް ގާތް ކަމެއްކަމަށެވެ.

ކެންޕެއިން ރެލީތަކާއި އެއްވުންތަކުގައި ބައިވެރިވުމަކީ ރައީސް ޓްރަންޕު ވަރަށް ގަޔާވާ ކަމެއްކަން ސާފުވެއެވެ. ނިމުނު އިންތިޚާބުގައިވެސް 71.5 މިލިއަނަށްވުރެ ގިނަ ވޯޓު ޓްރަންޕަށްވަނީ ލިބިވަޑައިގަންނަވާފައެވެ. އެއީ ރިޔާސީ އިންތިޚާބެއް ނާކާމިޔާބުވީ ކެންޑިޑޭޓަކަށް މީގެ ކުރިން ލިބިފައި ނުވާހާ ގިނަ ޢަދަދެއްގެ ވޯޓެވެ. އެމެރިކާގެ ރައްޔިތުންގެ މެދުގައި ރައީސް ޓްރަންޕަށް އޮންނަ ތާއީދާއި މަގުބޫލުކަން އެ ޢަދަދުން ވަރަށް ރަނގަޅަށް ސާފުވެއެވެ.
ޕްރޮފެސަރު ކެލްކިންސް ވިދާޅުވީ ރައީސް ޓްރަންޕު ވެރިކަން ދޫކުރައްވާ ވަޑައިގަންނަވަނީ ރައީސްކަމުގެ ކުރިން ގެންގުޅުއްވި ބުރޭންޑަށްވުރެ ވަރުގަދަ ބުރޭންޑަކާއި އެކުގައިކަމަށެވެ.

ޤާނޫނީ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރުން

ރައީސް ޓްރަންޕަކީ އޭނާއާއި ދެކޮޅަށް ޤާނޫނީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލައަކާއި އަބަދުހެންވެސް ކުރިމަތިލައްވާ ބޭފުޅެކެވެ. ޖަނަވަރީ މަހުގައި ރައީސްކަމުގެ މަޤާމު އެހެން ބޭފުޅަކާއި ޙަވާލުކޮށް ރައީސް ޓްރަންޕު ވައިޓު ހައުސް ދޫކުރަށްވާ ވަޑައިގަތުމުން ޓްރަންޕާއި ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެތައް މައްސަލަތަކަކާއި ކުރިމަތިލައްވަން ޖެހިވަޑާއިގަންނަވާނެއެވެ.

ރައީސް ޓްރަންޕުގެ ޓްރަންޕު އޯގަނައިޒޭޝަނާއި ގުޅޭ ބައެއް ތަހުޤީޤުތައް މިހާރުވެސް ފެށިގެން ކުރިއަށް އެބަ ދެއެވެ. އޭގެ ތެރޭގައި ނިއު ޔޯކުގައި ފަށާފައިވާ ތަހުގީގެއްވެސް ހިމެނެއެވެ.

މެންހަޓަން ޑިސްޓުރިކްޓު އެޓޯނީ، ސައިރަސް ވޭންސު އިސްވެވަޑައިގެން ޓްރަންޕު އޯގަނައިޒޭޝަންއާއި ދެކޮޅަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ތަހުޤީގުތައް އޭގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ނިއުޔޯކުގައި ބަލަމުންދާ އެއް މައްސަލައަކީ ރައީސް ޓްރަންޕާއިއެކު ކައިވެނީގެ ބޭރުން ނަހަމަ ގުޅުމެއް އޮތް ދެ އަންހެނަކަށް، އެވާހަކަ ފޮރުވުމަށް ގިނަ ޢަދަދެއްގެ ފައިސާ އެމީހުންނަށް ދިނުމާއިގުޅޭ އެއް މައްސަލައެވެ. އެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީގެއް ކުރުމަށް ބޭނުންވާ މިންވަރަށް ހެކި ހުރިކަން މިހާތަނަށް ސާފުނުވާއިރު ރައީސް ޓްރަންޕުވަނީ އެ ތަހުޤީތަކީ އޭނާއާއި ދެކޮޅަށް ކޮންމެ ގޮތެއް ހަދައިފާވެސް ކުށެއް ހޯދުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވާފައެވެ.

އޭގެ އިތުރުންވެސް ރައީސް ޓްރަންޕާއި ދެކޮޅަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާއި ދެކޮޅަށްވެސް ރައީސް ޓްރަންޕު މަސައްކަތް ކުރައްވާނެއެވެ. ރައީސް ޓްރަންޕަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަމަށްވާ މޭރީ ޓްރަންޕުވަނީ ރައީސް ޓްރަންޕާއި އެ އާއިލާއަށް ނިސްބަތްވާ އިތުރު ދެ ބޭފުޅުން ގުޅިގެން ގިނަ އޮޅުވާލުންތަކެއް އޮޅުވާލިމަކަށް ބުނެ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ވިޔަފާރި ރައްކާތެރިކޮށް ކުރިއެރުވުން

ސިޔާސީ ދުނިޔެއަށް ނުކުމެވަޑައިގަތުމުގެ ކުރިން ރައީސް ޓްރަންޕަކީ ރިއަލް އެސްޓޭޓު ދާއިރާގައި ވަރަށް ފުންނާބުއުސް ވިޔަފާރިވެރިއެކެވެ. ހަމަ އެހެންމެ ރިއަލިޓީ ޓީވީ ސްޓާރެއްގެ ގޮތޮގައި މަޝްހޫރުކަން ހޯދާފައިވުމުގެ އިތުރުން އަމިއްލަ ބުރޭންޑުގެ އެމްބަސެޑަރުކަންވެސް ކުރައްވަމުން އައި ބޭފުޅެކެވެ.

މީގެ ހަތަރު އަހަރު ކުރިން ރައީސްކަމާއި ޓްރަންޕު ޙަވާލުވެވަޑައިގަތުމުގެ ކުރިން ކުރައްވަމުން ދިޔަ މަސައްކަތުގައި އަންނަ ޖަނަވަރީ މަހަށް ފަހުގައި އަލުން މަސްޢޫލުވެ ވިޔަފާރީގެ ދުނިޔެއަށް އަލުން އެނބުރި ވަޑައިގަތުމަކީ ވުން ގާތްކަމަށެވެ.

ނިއުޔޯކު ޓައިމްސްއިން ލިޔުނު ރިޕޯޓެއްގައި ބުނީ ކުރިއަށް އޮތް މަދު އަހަރުތަކުގައި 400 މިލިއަނަށްވުރެ ބޮޑު ޢަދަދެއް ލޯނުގެ ގޮތުގައި ދައްކަން ޓްރަންޕަށް ޖެހިވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް ޓްރަންޕުވަނީ އެ ޢަދަދަކީ އޭނާގެ މުއްސަނދިކަމުގެ ވަރަށް ކުޑަކުޑަ ނިސްބަތެއް ކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޓްރަންޕު އޯގަނައިޒޭޝަންގެ އެތައް ހޮޓަލަކާއި ގޮލްފު ކޯސްތައް ހުންނައިރު ޖަނަވަރީ މަހަށްފަހު އަލުން ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގަތުމަކީ ބުރަ މަސައްކަތަކަށް ވެގެންދާނެއެވެ. ގިނަ ތަންތަނަކީ ފަތުރުވެރިކަމާއި ދަތުރުކުރުމާއި ގުޅުންހުރި ވިޔަފާރިތަކަކަށްވާތީ، ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19ގެ ސަބަބުން އެ ތަންތަނަށްވަނީ ބޮޑެތި މާލީ ގެއްލުންތައްވެފައެވެ.
ފޯބްސް މަޖައްލާއިން ބުނީ ކޯވިޑް-19ގެ ސަބަބުން އެއް ބިލިއަނަށްވުރެ ބޮޑު ޢަދަދެއްގެ ގެއްލުން ރައީސް ޓްރަންޕުގެ ވިޔަފާރިތަކަށް ލިބިފައިވުން އެކަށީގެންވާކަމަށެވެ.

ރައީސް ޓްރަންޕުގެ ވިޔަފާރިތައް ހިންގުމުގައި މިވަގުތު މަސައްކަތްކުރަމުންދަނީ އޭނާގެ ދަރިކަލުންނެވެ. ބައްޕާފުޅުގެ ސިޔާސީ ކަންކަމުގައިވެސް އިސް ދައުރެއް ދޮށީ ތިން ބެއިން ޢަދާކުރައްވާއިރު ޖަނަވަރީ މަހަށްފަހު ޓްރަންޕު ޢަމަލުކުރައްވާނީ ޢައިލާއަށް އެންމެ ފައިދާ ބޮޑު ގޮތަށްކަމަށްވެސް ބެލެވިދާނެކަމަށެވެ.

މީޑިޔާގެ ދާއިރާގައި ނުފޫޒުގަދަ ބޭފުޅަކަށްވުން

ދަ އެޕްރެންޓިސް ކިޔާ ޓީވީ ޝޯވއެއްގައި މަސައްކަތް ކުރައްވާފައިވާ ރައީސް ޓްރަންޕަކީ ކެމެރާއާއި ބީރައްޓެހި ބޭފުޅެއް ނޫނެވެ. އެހެންކަމުން މީޑިޔާގެ ދުނިޔޭގައި އިތުރަށް އެމަނިކުފާނުގެ ނުފޫޒު އިތުރުކޮށް އަމިއްލަ ޗެނަލެއް އުފައްދާ ނުވަތަ މިހާރުވެސް ޤާއިމްކޮށްފައިވާ ޗެނަލަކާއެކު މަސައްކަތްކުރެއްވުމަކީ ވުން އެކަށީގެންވާކަމެކެވެ. ރައީސް ޓްރަންޕު އެންމެ ގަޔާވާ ޗެނަލްތަކުގެ ތެރޭގައި ވަން އެމެރިކަން ނިއުސް ނެޓްވޯކު ނުވަތަ ނިއުސްމެކްސް ހިމެނެއެވެ.

ޓީޥީ ޗެނަލެއް ނޫނަސް ފޮތެއްގެ މަސައްކަތް ކުރުމަކީވެސް ގިނަ ޢަދަދެއްގެ ކުރީގެ ރައީސުން ކުރައްވާކަމެކެވެ. އެގޮތުން ޙަޔާތާއި ބެހޭ ފޮތް ނެރެގެން ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝެލް އޮބާމާވަނީ 65 މިލިއަން އެމެރިކާ ޑޮލަށްވުރެ ބޮޑު ޢަދަދެއްގެ އެއްބަސްވުމަކާއި ހަމައަށް އައިސްފައެވެ. އަދި މަޝްހޫރު ނެޓްފްލިކްސް ކުންފުންޏާއެކުވެސް އެއްބަސްވުމަކާ ހަމައަށް އައުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އެކި ކަހަލަ ވަސީލަތްތަތަކުގެ ބޭނުން ހިފައި މީޑިޔާގައި ރައީސް ޓްރަންޕުގެ އަޑު ގަދަކުރައްވަން މަސައްކަތްކުރައްވާނެކަމަށް ބެލެވެއެވެ.

ރިޓަޔާ ކުރުން

ޖަނަވަރީ މަހުގެ ތެރޭގައި ވައިޓު ހައުސް ދޫކުރަށްވާ ރައީސް ޓްރަންޕު ވަޑައިގަންނަވާނީ ހުސް އަތަކާއެއް ނޫނެވެ. ކުރީގެ ރައީސުންނާއި ބެހޭ ޤާނޫނުގެ ދަށުން ކޮންމެ އަހަރުކުގެ 207،800 އެމެރިކާ ޑޮލަރު ރައީސްކަން ޢަދާކުރައްވާފައިވާ ބޭފުޅުންނަށް ލިބޭނެއެވެ. ބައެއް މުހިންމު ފަރާތްތަކަށް އުމުރު ދުވަހަށް ސީކުރެޓު ސާވިސްގެ ރައްކާތެރިކަން ލިބެއެވެ. އަދި ބަލިވެއްޖެނަމަ ހިލޭ ފަރުވާކުރެވޭނެ އިންތިޒާމާއި ދަތުރުފަތުރަށްދާ ޚަރަދުގެ ބޮޑު ބައެއް ސަރުކާރުން ހަމަޖައްސައިއެވެ.

އެހެންކަމުން އުމުރުން 74 އަހަރުގެ ޓްރަންޕު ވައިޓު ހައުސް ދޫކުރައްވާ ވަޑައިގަތުމަށްފަހު އެއްވެސް ދަތިކަމެއްނެތި ރިޓަޔާކުރުމުގެ ފުރުޞަތުވެސް އެބަ އޮތެވެ. ނަމަވެސް ރައީސް ޓްރަންޕު ޙަޔާތުގެ މިހާ ހިސާބުން ރިޓަޔާ ކުރައްވާނެކަމަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި ރައީސް ޓްރަންޕުގެ 'ޓްރަންޕު' ބުރޭންޑަށް މީހުންގެ ސަމާލުކަން ލިބޭފަދަ ޙާލަތްތަކަށް ވިސްނަވައި އަދިވެސް އިތުރު މަގުބޫލުކަން ހޯދުމަށް މަސައްކަތްކުރައްވާނެކަން ވަރަށް ސާފެވެ.